Roadha Mihaaru
އާދަޔާހިލާފަށް ހޫނުގަދަވެ، ހިތަދޫ ކުޅިން މަސް މަރުވަނީ

އައްޑު އަށް އާދަޔާ ހިލާފަށް ހޫނުގަދަވެ، ހިތަދޫގެ ކުޅިން މަސްތައް މަރުވަނީ!

15 މާޗް 2022

އައްޑު އަށް މިދިޔަ ދެ ހަފުތާއެއްހާ ދުވަހު އާދަޔާ ހިލާފަށް ހޫނު ގަދަވެ، ހިތަދޫގެ ބައެއް ކުޅިތަކުން މަސްތައް މަރުވާން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑު އަށް މިދިޔަ ދެ ހަފުތާއެއްހާ ދުވަހު އާދަޔާ ހިލާފަށް ހޫނު ގަދަވެ، ހިތަދޫގެ ބައެއް ކުޅިތަކުން މަސްތައް މަރުވާން ފަށައިފި އެވެ.

ހިތަދޫގެ ބަޔަކު އިއްޔެ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ރަށުގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ވަށައިގެން އޮންނަ އާރިކުޅީގެ ބައެއް މަސްތައް މަރުވެ، ފެނުން މައްޗަށް ވަނީ އަރައިފަ އެވެ. އެއީ ފެހެލަ ކުޅިއާ ގުޅިފައިވާ ބޮޑެތި މަސްތައް ވެސް އުޅޭ ކުޅިއެކެވެ.

ހިތަދޫ މޫލެކެނޑި ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ސައީދު "މިހާރު" އަށް މިއަދު ވިދާޅުވީ، އިއްޔެގެ ނިޔަލަށް ކުޅިން 18 މަސް މަރުވެފައިވާ ކަމަށެވެ. ކުޅީގެ އިރުމަތީ ފަރާތުގެ ފަޅިއަކީ ވަރަށް ތިލަކޮށް އޮންނަ ތަނެއް ކަމަށާއި ބޮޑެތި މަސްތައް ވެސް އުޅެނީ އެ ތަނުގައި ކަަމަށް އޭނާ ވިދާޅުވި އެވެ.

"އެ ތަނުން މަރުވެފައި އޮއްވައި ފެނިފައި ވަނީ 18 މަސް. ބޮޑެތި މަސްތައް މަރުވެފައި ވަނިކޮށް ފެނުނީ. އެކަމަކު މިއަދު ދެ ފަހަރަކަށް އަޅުގަނޑު ވެސް ގޮސް ބަލައިފިން. އެއްވެސް މަހެއް ނެތް މަރުވެފައެއް،" އޭނާ ވިދާޅުވި އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު ކައިރީ އޮންނަ ފެންގަނޑުގައި މަސްތައް މަރުވެފައި--

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު ކައިރީ އޮންނަ ފެންގަނޑުގައި މަސްތައް މަރުވެފައި--

މަސްތައް މަރުވަނީ އާދަޔާ ހިލާފަށް ހޫނުގަދަވެގެން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ހޫނުގަދަކޮށް އޮންނަތާ ދެ ހަފުތާ ވެއްޖެ. އެއްވެސް ވަރަކަށް ވައި ނުޖެހި އޮންނަނީ. ވަރަށް ދުވަސްވެއްޖެ ވާރޭ ނުވެހޭތާ ވެސް،" އޭނާ ވިދާޅުވި އެވެ.

އެހާ ހޫނުގަދަވެގެން މަސްތައް މަރުވާން ފެށިއިރު، ގަސްތައް މަދު ސަރަހައްދުތަކުގެ ތާރުތައް ވެސް ވަރަށް ބޮޑަށް މަޑުވެފައިވާ ކަމަަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ތާރުގަނޑު މަޑުވެ، ބޮޑެތި ވެހިކަލްތައް ދުއްވާފައި ދާއިރު، ތާރުގަނޑުގައި ޓަޔަރު ޖެހިފައި ހުންނަ ނިޝާން ވެސް ސާފުކޮށް އެނގެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) ގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނު ގަދަވަނީ އޭޕްރީލް އަދި މާޗު މަހު ކަމަށެވެ.

"ބައެއް ފަހަރު އޭޕްރީލް ފެށުމުގެ ހަފުތާއެއް ކުރިން ވެސް ހޫނުވޭ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އައްޑޫގެ ފިނިހޫނުމިން މިއަދު ހުރީ 31 ޑިގްރީ ސެލްސިއަސްގަ އެވެ. އެކަމަކު މިއީ އާދަޔާ ހިލާފު ރިކޯޑެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް މިހާތަނަށް އެންމެ ހޫނުގަދަވީ ސެޕްޓެމްބަރު 12، 1991 ގަ އެވެ. އެ ދުވަހު ލ. ކައްދު އަށް 36 ޑިގްރީ ސެލްސިއަސްއަށް ހޫނު ގަދަވި އެވެ.