Roadha Mihaaru
އޭސީ މިލާނުގެ ކުރީގެ ތަރި ސީޑޯފް އިސްލާމްވެއްޖެ

އޭސީ މިލާނުގެ ކުރީގެ ތަރި ސީޑޯފް އިސްލާމްވެއްޖެ

05 މާޗް 2022

ނެދަލެންޑްސް (މާޗް 5) - އޭސީ މިލާނުގެ ކުރީގެ ތަރި ކްލެރެންސް ސީޑޯފް އިސްލާމް ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނެދަލެންޑްސް (މާޗް 5) - އޭސީ މިލާނުގެ ކުރީގެ ތަރި ކްލެރެންސް ސީޑޯފް އިސްލާމް ވެއްޖެ އެވެ.

ސީޑޯފް އިސްލާމްދީން ގަބޫލު ކުރިކަން އިއުލާންކުރީ އޭނާގެ އިންސްޓަގްރާމްގައި އިއްޔެ ކޮށްފައިވާ ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ސީޑޯފް ވަނީ މުސްލިމް އާއިލާއާ ގުޅުމުން ލިބުނު މަރުހަބާގެ މެސެޖުތަކަށް ޝުކުރު އަދާކޮށްފަ އެވެ.

"މުސްލިމް އާއިލާއާ ގުޅުމުން ލިބުނު އުފާވެރި ތަހުނިޔާގެ މެސެޖުތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ސީޑޯފްގެ ޕޯސްޓުގައިވެ އެވެ.

އޭސީ މިލާނުގެ އިތުރުން އިންޓަ މިލާނާއި ރެއާލް މެޑްރިޑް އަދި އަޔެކްސް އަށް ވެސް ކުޅުނު ސީޑޯފްގެ ޕޯސްޓުގައި އޭނާގެ އަންހެނުންނަށް ވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކުރި އެވެ.

"އިސްލާމް ދީނުގެ މާނަ އަހަރެންނަށް އިތުރަށް ތަފްސީލު ކޮށްދިން އަހަރެންގެ (އަންހެނުން) ސޯފިއާ އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" ސީފޯޑް ބުންޏެވެ.

ސީޑޯފްގެ ޕޯސްޓުގައި ބުނިގޮތުގައި، އިސްލާމް ވިޔަސް އޭނާގެ ފުރިހަމަ ނަން ބަދަލެއް ނުކުރާނެ އެވެ. އަދިވެސް އޭނާގެ ނަމަކީ ކުޑައިރު އޭނާގެ މައިންބަފައިން ދިން ނަން ކްލެރެންސް ސީޑޯފެޑެވެ.

ސީޑޯފް އަކީ ޔޫއެފާ ޗެމްޕިއަންސް ލީގް ތަފާތު ތިން ކްލަބާއެކު އުފުލައިލި ހަމައެކަނި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 1995 ވަނަ އަހަރު ނެދަލެންޑްސްގެ އަޔެކްސްއާ އެކު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އޭގެ ތިން އަހަރު ފަހުން 1998 ވަނަ އަހަރު ސްޕެއިންގެ ރެއާލްއާ އެކު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭނާ ދެން މުބާރާތް ކާމިޔާބުކުރީ ކެރިއަރުގެ 10 އަހަރު ހޭދަކުރި އޭސީ މިލާނުގަ އެވެ.

އޭސީ މިލާނާ އެކު ސީޑޯފް ވަނީ 2003 އަދި 2007 ވަނަ އަހަރުގެ ފައިނަލް ކާމިޔާބު ކޮށްފަ އެވެ. އޭސީ މިލާނާ އެކު 2007 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕް ވެސް އޭނާ ހޯދި އެވެ.

ނެދަލެންޑްސް ގައުމީ ޓީމަށް ސީޑޯފް ވަނީ 1994 އާއި 2008 އާ ދެމެދު 87 މެޗު ކުޅެ 11 ލަނޑު ޖަހައިފަ އެވެ. ގައުމީ ޖޯޒީގައި އޭނާގެ އެންމެ ފުރަތަމަ ފެނިލުމުގައި ވެސް ސީޑޯފް ވަނީ ގޯލު ޖަހައިފަ އެވެ.

ކުލަބް ލެވެލްގައި 889 މެޗު ކުޅުމަށް ފަހު ސީޑޯފް ރިޓަޔާ ކުރީ 2013 ވަނަ އަހަރު ބްރެޒިލްގެ ބޮޓަފޮގޯ އަށް ރިއޯ ޑި ޖެނީރޯ ސްޓޭޓް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އޭނާ ކުޅުން ހުއްޓާލީ އޭސީ މިލާނުގެ މެނޭޖަރުކަން ލިބުމުންނެވެ.

ސީޑޯފް (7) އަދި އޭނާއާއެކު ގައުމީ ޓީމަށް ކުޅުނު ކްލައިވަޓް (10)

ސީޑޯފް (7) އަދި އޭނާއާއެކު ގައުމީ ޓީމަށް ކުޅުނު ކްލައިވަޓް (10)

ޖެނުއަރީ 2014 ގައި އޭސީ މިލާނުގެ ކޯޗަކަށް ސީޑޯފް ހަމަޖެއްސި ނަމަވެސް އެ އަހަރު ޖޫން މަހު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ދެ އަހަރު ފަހުން 2016 ވަނަ އަހަރު ސީޑޯފް ޗައިނާގެ ދެވަނަ ޑިވިޝަނުގެ ޝެންޒެންއާ ހަވާލުވި ނަމަވެސް އެ މަގާމުގައި ވެސް މަޑުކުރެވުނީ އެންމެ ފަސް މަހަށެވެ.

އަހަރެއް ފަހުން ސީޑޯފް ވަނީ ސްޕެއިންގެ ލަ ލީގާގެ ޑިޕޯޓިވޯ ލަކަރޫނާއާ ހަވާލުވެފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު ފެބްރުއަރީގައި ސީޒަން ނިމެންދެން ޓީމާ ހަވާލުވެ، ކުޅުނު 16 މެޗުން އެޓީމު މޮޅުވީ އެންމެ ދެ މެޗުންނެވެ. ދަށް ނަތީޖާތަކާ އެކު އެޓީމު ވަނީ ރެލިގޭޓްވެފަ އެވެ.

ކެމަރޫން ގައުމީ ޓީމަށް، މަޝްހޫރު ކޯޗު ސްވިޑެންގެ ސްވެން ގޯރަން އެރިކްސަން ހަވާލު ނުވުމުން ކެމަރޫންގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނިންމީ 2018 ވަނަ އަހަރު ސީޑޯފް އަށް ގައުމީ ޓީމުގެ ކޯޗުކަން ހަވާލު ކުރާށެވެ. އޭނާއާ އެކު އެސިސްޓެންޓެއްގެ ގޮތުގައި ނެދަލެންޑްސް ގައުމީ ޓީމަށް ކުޅުނު ޕެޓްރިކް ކްލައިވަޓް ވެސް ގެންދިޔަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި އެންމެ މެޗަކުން މޮޅުވެގެން ގްރޫޕް ސްޓޭޖު ފަހަނަޅައި ގޮސް، ނޮކައުޓް ބުރުގެ ފުރަތަމަ މެޗުން ބަލިވެ ޓީމު ކެޓުމާ އެކު އޭނާ މަގާމުން ވަކިކުރި އެވެ.

ސީޑޯފް ވަނީ މިދިޔަ އަހަރު، ކުރީގެ މަޝްހޫރު ޔޫއެފްސީ ލައިޓްވެއިޓް ޗެމްޕިއަން ޚަބީބް ނުމަގޮމެޑޯފް އާއެކު ފުޓުބޯޅަ އާއި މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ތަމްރީނު ތަކަށް ހާއްސަ އެކަޑަމީ އެއް ހުޅުވައިފަ އެވެ. މި އެކަޑެމީގެ ނަމަކީ "ސީޑޯފް ޚަބީބް ޕާފޯމަންސް ކްލަބް" އެވެ.