Roadha Mihaaru
ގޭޓްސްއާ ވަކިވީ އިތުބާރު ނުކުރެވުމުން: މެލިންޑާ

ގޭޓްސްއާ ވަކިވީ އިތުބާރު ނުކުރެވުމުން: މެލިންޑާ

05 މާޗް 2022

އެމެރިކާގެ މަހުޖަނު އަދި މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ ކުރީގެ އަންހެނުން މެލިންޑާ ފްރެންޗް، އެ މީހުން ވަރިވި ފަހުން ފުރަތަމަ ފަހަރަށް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފި އެވެ. މެލިންޑާ ބުނި ގޮތުގައި އެ ކައިވެނި ރޫޅާލަން ޖެހުނީ ގޭޓްސް އަށް އިތުބާރު ނުކުރެވުމުންނެވެ.

އެމެރިކާގެ މަހުޖަނު އަދި މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ ކުރީގެ އަންހެނުން މެލިންޑާ ފްރެންޗް، އެ މީހުން ވަރިވި ފަހުން ފުރަތަމަ ފަހަރަށް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފި އެވެ. މެލިންޑާ ބުނި ގޮތުގައި އެ ކައިވެނި ރޫޅާލަން ޖެހުނީ ގޭޓްސް އަށް އިތުބާރު ނުކުރެވުމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސީބީއެސްގެ "މޯނިންސް" ޝޯ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި މެލިންޑާ ބުނީ އެމީހުންގެ 27 އަހަރުވީ ކައިވެނި ރޫޅާލުމަކީ ކުރިން ހިތަށް ވެސް އެރުވި ކަމެއް ނޫން ކަމަށާއި އެކަމަކު ވަކި ހިސާބަކުން އެމީހުންގެ މެދުގައި އޮތް އިތުބާރު ގެއްލި އެ ގުޅުން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިސްނުނު ކަމަށެވެ.

"މާފުކުރުމަކީ އަހަރެން ގަބޫލުކުރާ ކަމެއް، އެހެންވެ ބައެއް ފަހަރު އެކަން ކޮށްފައި ވެސް ހުންނާނެ،" މެލިންޑާ ބުންޏެވެ.

"ވަރިއަކަށް މަގުފަހިވާން ޖެހުނު ކިތައްމެ ކަމެއް ދިމާވި. އެކަމަކު ވަކި ހިސާބަކުން އަހަންނަށް ވިސްނުނީ އެ ގުޅުން އޮތީ އެހާ ރަނގަޅު ހިސާބެއްގައި ނޫން ކަން. އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކަށް އިތުބާރު ނުކުރެވޭ ހިސާބުގައި ކަން."

މެލިންޑާ ބުނީ ދެ މީހުން ވަކިވާން ނިންމީ އެ ގުޅުމުގެ މަތީގައި ދެމިނުތިބެވޭނެ ކަން ޔަގީންވުމުން ކަމަށެވެ. އެ ކައިވެނި ރޫޅާލަން ޖެހުނު އިތުރު ސަބަބުތަކުގެ ތެރޭގައި ގޭޓްސް މީގެ 20 އަހަރު ކުރިން މައިކްރޮސޮފްޓްގެ މުވައްޒަފަކާ އެކު ބޭއްވި ސިއްރު ގުޅުމާ ގުޅުމެއްވޭތޯ އެހެމުން އެ ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދިނެވެ.

ވަރިވިފަހުން ވަރަށް ހިތާމަކުރިން ކަމަށާއި ބައެއް ފަހަރު މުޅި ދުވަސް ދަނީ "ބިންމަތީ އޮވެ ރޮމުންރޮމުން" ކަމަށް މެލިންޑާ ބުންޏެވެ. އެކަމަކު ދިރިއުޅުމުގެ އާ ސަފުހާތަކަށް އޭނާ މިހާރު ހުރީ ތައްޔާރަށް ކަމަށް ވެސް ބުންޏެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެކް ކުންފުނި މައިކްސޮފްޓްގެ ބާނީންގެ ތެރޭގައި ހިމެނޭ ގޭޓްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނެވެ. އޭނާގެ މިލްކިއްޔާތު 131.6 ބިލިއަން ޑޮލަރަށް އަރާ އިރު، މެލިންޑާއާ އެކު މިލްކިއްޔާތު 152 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބްލޫމްބާގް ބިލިއަނާޒް އިންޑެކްސްގައި ބުނެފައިވެ އެވެ.

ތިން ދަރިން ވެސް ތިބި ގޭޓްސް އާއި މެލިންޑާ ވަކިވި އިރު، ދެ މީހުންގެ ނަމުގައި ހިލޭސާބަހަށް މަސައްކަތްކުރާ ފައުންޑޭޝަން "ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން" ގެ ނަމުގައި ހިންގަ އެވެ. ކައިވެނި ރޫޅާލިކަން އިއުލާންކުރި ބަޔާނުގައި ބުނެފައިވާ ގޮތުގައި ދެ މީހުން ވަކިވިޔަސް، ކުރިއެކޭ އެއްގޮތަށް ފައުންޑޭޝަންގެ މަސައްކަތުގައި ހިއްސާވާނެ އެވެ.