Roadha Mihaaru
މަންމައަށް އުނދަގޫކޮށް ގެއަށް ގެއްލުން ދިނުމުން ޖަލަށް

މަންމައަށް އުނދަގޫކޮށް، ގެއަށް ގެއްލުން ދިނުމުން ހަ މަހަށް ޖަލަށް

28 ފެބުރުއަރީ 2022

މަންމައަށް ބިރުދެއްކުން ނުވަތަ މަންމަގެ މުދަލަށް ގެއްލުން ނުދޭން ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް، މަންމަ އުޅުނު ގެއަށް ގެއްލުންދީ އަދި އަޑުގަދަކޮށް، އުނދަގޫކުރި މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަންމައަށް ބިރުދެއްކުން ނުވަތަ މަންމަގެ މުދަލަށް ގެއްލުން ނުދޭން ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް، މަންމަ އުޅުނު ގެއަށް ގެއްލުންދީ އަދި އަޑުގަދަކޮށް، އުނދަގޫކުރި މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެމިލީ ކޯޓުން މީހެއްގެ މައްޗަށް އަމުރު ނެރުނީ އޭނާގެ މަންމަ އަށް ނަފްސާނީ ގޮތުން ބިރު ނުދެއްކުމަށާ އަދި އެއްވެސް ކަމަކަށް މަންމައަށް މަޖުބޫރުކޮށް، ދަތި ނުކުރުމުގެ އިތުރުން މަންމަގެ މުދަލަކަށް ގެއްލުން ނުދިނުމަށެވެ.

ފެމިލީ ކޯޓުގެ އެ އަމުރާ ޚިލާފްވެ، މިދިޔަ މަހު އެ ފިރިހެން މީހާ ވަނީ މަންމަ އުޅޭ ގެ ކައިރިއަށް ދަންވަރު ވަގުތު ގޮސް އަޑުގަދަ ކުރުމުގެ އިތުރުން އެ ގޭގެ ބިއްލޫރިގަނޑުގައި ގަލުން ތަޅައިފަ އެވެ. އެ މައްސަލާގައި އެ މީހާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ ވަނީ ކްރިމިނަލް ކޯޓުގައި އެއްބަސްވެފަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ އޭނާގެ އަމިއްލަ އިއުތިރާފުން ކުށް ސާބިތުވާތީ އެ ކުށަށް އޮންނަ އެންމެ ބޮޑު އަދަބު ކަމަށްވާ ހަ މަހަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ. އެކަމަކު ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ ހަތަރު މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކާ ޚިލާފްވުމުގެ އަދަބަކީ ހަ މަހަށް ޖަލަށްލުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދުން ޖޫރިމަނާ ކުރުމެވެ.