28 ފެބުރުއަރީ 2022
ލަންޑަން (ފެބްރުއަރީ 27) - ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް ލިވަޕޫލުން ނުވަ ވަނަ ފަހަރަށް އިނގިރޭސި ލީގު ކަޕް މިރޭ ކާމިޔާބު ކޮށްފި އެވެ.
ލަންޑަން (ފެބްރުއަރީ 27) - ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް ލިވަޕޫލުން ނުވަ ވަނަ ފަހަރަށް އިނގިރޭސި ލީގު ކަޕް މިރޭ ކާމިޔާބު ކޮށްފި އެވެ.
މެޗުގެ 90 މިނިޓު ކުޅެ، އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ލިވަޕޫލް މޮޅުވީ 11-10 އިންނެވެ. މިއީ 10 އަހަރު ފަހުން ލިވަޕޫލުން ކާމިޔާބުކުރި ފުރަތަމަ ޑޮމެސްޓިކް ކަޕް މުބާރާތެވެ. އަދި މިއާ އެކު ލިވަޕޫލް ވަނީ އެންމެ ގިނައިން ލީގު ކަޕް ކާމިޔާބުކުރި ޓީމަށެވެ.
މިދިޔަ އަހަރުގެ ލީގު ކަޕް ކާމިޔާބު ކުރި މެންޗެސްޓާ ސިޓީ ވަނީ އަށްފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ލިވަޕޫލުން އަށްވަނަ ފަހަރު މުބާރާތުގެ ތަށި ހޯދީ 2012 ވަނަ އަހަރެވެ.
މަޓިޕް ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ: ނަމަވެސް ވީއޭއާރުބަލައި އެ ގޯލު ވަނީ ކެންސަލް ކޮށްފައި.-- ފޮޓޯ އޭއެފްޕީ
ލިވަޕޫލްގެ ގޯލު މި މެޗުގައި ވެސް ބެލެހެއްޓީ މުބާރާތުގައި ލިވަޕޫލް ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޒުވާން ކީޕަރު ކައޯމިން ކެލަހާ އެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ދިފާއު ކޮށްފަ އެވެ.
ޗެލްސީ ފައިނަލަށް ގެންގޮސްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކީޕަރު ކެޕާ އަރިޒަބަލާ މިރޭ ފެށީ ބެންޗުންނެވެ. ކޯޗު ތޯމަސް ޓުޗެލްގެ ފުރަތަމަ 11 ގައި ހިމެނުނީ އެޑުއާޑް މެންޑީ އެވެ. މިއީ މެންޑީ ލީގު ކަޕުގައި މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ.
ފުރަތަމަ ހާފުގައި ވެސް މެންޑީ ވަނީ ލިވަޕޫލުން ގާތް ގާތުގައި ފޮނުވާލި ދެ ހަމަލާ މަތަކޮށްފަ އެވެ. ނަބީ ކެއިޓާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަށް ވަންނަން ދަނިކޮށް މެންޑީ އެ ބޯޅަ ދިފާއު ކުރުމުން ލިބުނީ ކައިރީގައި ހުސްކޮށް ހުރި ސަޑިއޯ މާނޭ އަށެވެ. މާނޭ އެއްފަހަރުން ފޮނުވާލި ބޯޅަ ވެސް މެންޑީ މަތަކުރި އެވެ.
ޗެލްސީގެ ކައި ހަވާޓްޒް: އޭނާ މެޗުގައި ދެ ލަނޑު ޖެހި ނަމަވެސް ދެ ގޯލު ވެސް ބަލައި ނުގަތީ އޮފްސައިޑް ވުމުން.-- ފޮޓޯ: އޭއެފްޕީ
ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ ނުރައްކާތެރި ދެ ހަމަލާ ފޮނުވާލައިފަ އެވެ. ނަމަވެސް ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އާއި މޭސަން މައުންޓް ފޮނުވާލި ހަމަލާ ދިޔައީ ގޯލު ކައިރިން ބޭރަށެވެ.
ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ޗެލްސީން ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. ޕުލިސިޗް މަތިން ދިން ބޯޅަ ހޯދައި މެއިން ކޮންޓްރޯލް ކޮށްލައި ފޮނުވާލުމުން އަމާޒުވީ ގޯލު ދަނޑިއަށެވެ. އަދި އޭގެ މިނިޓެއް ފަހުން ހަމަ އޭގެ ފުރުސަތެއް ލިވަޕޫލްގެ މާނޭއަށް ވެސް ލިބުނެވެ. ނަމަވެސް މާނޭއަށް ބޯޅަ ލިބުމުގެ ކުރިން ކީޕަރު އެ ބޯޅަ ދިފާއު ކުރި އެވެ.
މި ހާފުގެ ވަރަށް ކުރީކޮޅު ޗެލްސީގެ ކެޕްޓަން އަޒްޕިލިކުއެޓާ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ އަނިޔާގެ ސަބަބުން މިއަހަރު ކުޅުމާ ދުރުގައި ހުރި ރީސް ޖޭމްސް އެވެ. އަޒްޕިލިކުއެޓާ ބަދަލުކުރުމުން ޗެލްސީގެ ކެޕްޓަން ބޭންޑް އެޅީ އެންގޯލޯ ކަންޓޭ އެވެ.
ޕެނަލްޓީ ޝޫޓައުޓަށް މެންޑީގެ ބަދަލުގައި ކެޕާ އަރުވަނީ.-- ފޮޓޯ: އޭއެފްޕީ
އިރުކޮޅެއް ފަހުން މައުންޓް ވަނީ އަނެއްކާވެސް ލިވަޕޫލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. މާކޮސް އޮލޮންސޯ އަރިމަތިން ދިން ބޯޅައެއް ހޯދައި، ކައި ހަވާޓްޒްއާ އެކު އުފެއްދި ހަމަލާ ފޮނުވާލުމުން ވެސް ދިފާއުކުރީ ކީޕަރު ކެލަހާ އެވެ. އެއަށް ފަހު މުހައްމަދު ސަލާހު މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ތިއާގޯ ސިލްވާ ވަނީ އެ ބޯޅަ ބޭރު ކޮށްލައިފަ އެވެ.
މެޗުގެ 66 ވަނަ މިނިޓުގައި ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް ވަނީ ގޯލެއް ޖަހައިފަ އެވެ. އެލެކްޒެންޑާ އާނޯލްޑް ނެގި ހުރަހެއް މާނޭ ބޮލުން ގޯލުކުރިމައްޗަށް ހުރަސްކޮށްލުމުން މަޓިޕް އެބޯޅަ ގޯލު ތެރެއަށް ފޮނުވާލި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ. ގޯލެއް ނޫން ކަމަށް ނިންމީ އާނޯލްޑް ފްރީކިކް ފޮނުވާލި ވަގުތު އޭރިއާ ތެރޭ ހުރި ވާޖިލް ވެން ޑައިކް އޮފްސައިޑް މަގާމެއްގައި ހުރެ، އެ ބޯޅައަށް މަސައްކަތްކުރި ޗެލްސީގެ ރީސް ޖޭމްސް އަށް ހުރަސްއެޅުމުންނެވެ.
ފަހު 15 މިނިޓަށް ޓުޗެލް ވަނީ ޗެލްސީގެ އަގުބޮޑު ދެ ފޯވާޑުން ކުޅެން އަރުވައިފަ އެވެ. ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ ކުޅެން އެރުވީ ޕުލިސިޗާއި މައުންޓުގެ ބަދަލުގަ އެވެ. ބަދަލުކުރިތާ ތިން މިނިޓު ފަހުން ވާނާ ދިން ބޯޅައަކުން ކައި ހަވާޓްޒް ޗެލްސީއަށް ލަނޑު ޖަހައިދިން ނަމަވެސް، މަޓެއޯ ކޮވަސިޗް ދިން ބޯޅަ ވާނާއަށް ލިބުނުއިރު އޭނާ ހުރީ އޮފްސައިޑުގަ އެވެ.
ލިވަޕޫލް ޕެނަލްޓީ ޝޫޓައުޓް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ އޭއެފްޕީ
ފުރިހަމަ ވަގުތު ހަމަވާން 10 މިިނިޓަށް ވެފައި ވަނިކޮށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ އެއްފަހަރާ ތިން ބަދަލު ގެނެސްފަ އެވެ. މާނޭ އާއި ކެއިޓާ އަދި ކެޕްޓަން ޖޯޑަން ހެންޑަސަންގެ ބަދަލުގައި ކުޅެން އެރުވީ ޑިއޯގޯ ޖޮޓާ އާއި ޖޭޭމްސް މިލްނާ އަދި ޒުވާން ވިންގާ ހާވީ އެލިއޮޓް އެވެ. މެޗުގެ ބާކީ ބައިގައި ލިވަޕޫލް ލީޑު ކުރީ މިލްނާ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އާނޯލްޑް ނެގި ކޯނަރަކުން ވެން ޑައިކް ބޮލުން ފޮނުވާލި ބޯޅަ މެންޑީ ދިފާއު ކުރިއިރު، ފަހުން ޗެލްސީ އަށް ލިބުނު ހުސް ފުރުސަތުގައި ލުކާކޫ ދިން ބޯޅައަކުން ވާނާ ފޮނުވާލި ހަމަލާ ބްލޮކް ކުރީ އާނޯލްޑެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން އޮލޮންސޯ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ލުކާކޫ ފޮނުވާލުމުން ކީޕަރު ކެލަހާ ވަނީ ދިފާއުކުރި އެވެ.
މެޗު އެއްވަރުވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ހަތްވަނަ މިނިޓުގައި ލުކާކޫ ޗެލްސީއަށް ލަނޑެއް ޖަހައިދިނެވެ. ނަމަވެސް ޓްރެވޯ ޗަލޮބާ ލުކާކޫއަށް ބޯޅަ ޖައްސާލި ވަގުތު އޭނާ ހުރީ އޮފްސައިޑުގަ އެވެ. އަދި ދެވަނަ ހާފުގެ 19 ވަނަ މިނިޓުގައި ކައި ހަވާޓްޒް ލަނޑު ޖެހިއިރު، ލުކާކޫ އޭނާއަށް ޕާސް ދިންއިރު ހުރީ އޮފްސައިޑުގަ އެވެ. އިތުރު ވަގުތުގައި ކޮވަސިޗްގެ ބަދަލުގައި ޖޯޖީނިއޯ ކުޅެން އެރުމުން ކެޕްޓަން ބޭންޑް ހަވާލުކުރީ އޭނާއަށެވެ.
ކެޕާ ޖެހި ޕެނަލްޓީ.-- ފޮޓޯ: އޭއެފްޕީ
އިތުރު ވަގުތުގެ 30 މިނިޓުގެ ކުޅުން ނިމުމުގެ ކުރިން ޕެނަލްޓީ ޝޫޓައުޓަށް ޓުޗެލް ވަނީ މެންޑީގެ ބަދަލުގައި ކެޕާ ކުޅެން އަރުވައިފަ އެވެ. ޕެނަލްޓީ ޝޫޓުއުޓުގައި ޗެލްސީއަށް ކާމިޔާބު ނުވީ ކެޕާ ޖެހި ޕެނަލްޓީ އެވެ. ލިވަޕޫލްގެ ޕެނަލްޓީތައް މިލްނާ، ފަބީނިއޯ، ނެވް ޑައިކް، އާނޯލްޑް، ސަލާހު، ޖޮޓާ، އޮރީގީ، ރޮބާޓްސަން، އެލިއޮޓް، ކޮނާޓޭ އަދި ކީޕަރު ކެލަހާ ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ.
ޗެލްސީގެ ޕެނަލްޓީތައް ކާމިޔާބުކުރީ އޮލޮންސޯ، ލުކާކޫ، ހަވާޓްޒް، ރީސް ޖޭމްސް، ޖޯޖީނިއޯ، ރުޑިގާ، ކަންޓޭ، ވާނާ، ތިއާގޯ ސިލްވާ އަދި ޓްރެވޯ ޗަލޮބާ އެވެ.
ކްލޮޕްގެ ވަދާއީ ލީގުކަޕު ޗެލްސީ ރޮއްވާލައި ތަށިނަގައިފި
ޗެލްސީއާ ދެކޮޅަށް ވެމްބްލީގައި ކުޅޭނީ ލިވަޕޫލް
ސެޕްޓެމްބަރުގެ ފުރަތަމަ ގޯލުން ޗެލްސީއަށް މޮޅެއް
ވެމްބްލީ ފައިނަލް ކާމިޔާބުކުރަން ދެޓީމު ކެތްމަދު ވެފައި
ހަތަރު ވަނަ ބުރުގައި ގަދަބާރުތަކުގެ ދެ ކުރިމަތިލުމެއް
އަހަންނަކީ ސާރީގެ ސަޕޯޓަރެއް: ކްލޮޕް
ޗެލްސީ އާއި ލިވަޕޫލް ލީގު ކަޕުގެ ތިން ވަނަ ބުރަށް
ޗެލްސީ އެކަޑަމީ މެޗުތަކަށް ބައެއް ސްކައުޓުން މަނާކުރަނީ
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ލިވަޕޫލުން ޗެލްސީ އަށް ފެންވަރު ދައްކާލައިފި