Roadha Mihaaru
ފްލެޓް ކައިރީގައި ތާރުއަޅައި 15 ދުވަހުން ނިމޭނެ

ހިޔާ ފްލެޓްތައް ކައިރީގެ މަގުތަކުގައި ތާރު އަޅައި 15 ދުވަހުގެ ތެރޭގައި ނިމޭނެ: އެޗްޑީސީ

21 ފެބުރުއަރީ 2022

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ނިންމާލައި މަގުތައް އާންމުންނަށް ހުޅުވައިލާނެ ކަަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ނިންމާލައި މަގުތައް އާންމުންނަށް ހުޅުވައިލާނެ ކަަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ހުޅުމާލޭ ބަލަހައްޓާ އެޗްޑީސީން ކުރި ޓްވީޓެއްގައި ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ މަގުހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

"ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަޙައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މަގު ހުޅުވައިލެވޭނެ،" އެޗްޑީސީން ކުރި ޓްވީޓެއްގައި ވެ އެވެ.

ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން ފުރަތަމަ އަމާޒު ހިފީ މިދިޔަ އަހަރުގެ ނޮވެމްބަރަށެވެ. އެކަމަކު، އެ ތާރީހަށް ވެސް މަސައްކަތް ނުނިމި ވަކި ހިސާބަކުން ހުއްޓުނެވެ.

އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްގެން ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިއިރު ބައެއް މަގުތަކުގެ ފަސްގަނޑު އެއްވަރުނުކޮށް ހުރުމާއި އެކި ތަންތަނުގައި ފަސް ފުނިތައް ޖަހާފައި ހުރުމުން ވައިގަދަވުމުން ހިރަފުހާއި ވެލި، ވަޔާ އެކީ މުޅި ސަރަހައްދުގައި "އުދުހޭތީ" ޝަކުވާ ބޮޑުވި އެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެ މަގުތަކުގެ މަސައްކަތް ލަސްވީ ކޮވިޑް-19 އާ ގުޅިގެން އެޅި ބައެއް ފިޔަވަޅުތަކާ ހެދި އެވެ. އަދި ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެންމެ ބޮޑު އިސްކަމެއް ދެނީ ހިޔާ ފްލެޓްތައް ކައިރީގެ މަގުތައް ނިންމުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.