Roadha Mihaaru
11 ގައުމެއް ހިމެނޭ ސަބްމެރިންކޭބަލަކާ ދިރާގު ގުޅާލަނީ

11 ގައުމެއް ހިމެނޭ ސަބްމެރިން ކޭބަލަކާ ދިރާގު ގުޅާލަނީ

21 ފެބުރުއަރީ 2022

ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލެއް ކަމަށްވާ "ސީމީވީ 6" އާ ރާއްޖެ ގުޅާލުމަށް ދިރާގުން އެއްބަސްވުމެއްގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލެއް ކަމަށްވާ "ސީމީވީ 6" އާ ރާއްޖެ ގުޅާލުމަށް ދިރާގުން އެއްބަސްވުމެއްގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށައިފި އެވެ.

މި ކޭބަލަކީ މުއާސަލާތީ އަދި ޓެކްނޮލޮޖީ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ 13 ކުންފުންޏެއް ގުޅިގެން އަޅާ ކޭބަލެކެވެ. މި ކޭބަލް މެދުވެރިކޮށް ދެކުނު އޭޝިޔާއިން ފެށިގެން، އިންޑިއާ އާއި މެދުއިރުމައްޗާއި ހުޅަނގު ޔޫރަޕާ ގުލާނެ އެވެ. މި ހައިސްޕީޑް ސަބްމެރީން ކޭބަލްސިސްޓަމް އާ  ރާއްޖެ ހިމެނޭގޮތަށް 11 ގައުމެއް ގުޅާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ސިންގަޕޫރުން ފެށިގެން ފްރާންސްއާ ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ނިމޭނެ ކަމަށް ދިރާގުން ލަފާ ކުރެ އެވެ.

ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލްއަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީބީޕީއެސް ގެ ސްޕީޑް ޓްރާންސްމިޓް ކުރެވޭ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ. މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝިއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖުތަކަށް ދިރާގުގެ ނެޓްވޯކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބޭނެ އެވެ.

ކޭބަލާ ގުޅޭ މައުލޫމާތު ދެއްވައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްގީ އަށް ދިރާގުން ކުރަމުން އަންނަ މަސައްކަތް ހާސިލްކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ބޮޑު އިންވެސްޓަމްންޓެއް ކަމަށާއި މި އިންވެސްމެންޓްގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށާއި އަދި މުޅި ގައުމަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީމީވީ6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލްތަކަކާ ސީދާ ގުޅުވާލެވުމުގެ ސަބަބުން، އިންޓަނެޓްގެ ސްޕީޑާއި ފެންވަރު އިތުރަށް ރަނގަޅުވެ، ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ހަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެ،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

މި ސަބްމެރިން ކޭބަލުގެ ސަބަބުން ވިޔަފާރިތަކަށާއި ކަސްޓަމަރުންނަށް ލިބިގެންދާ މުއާސަލާތީ އަދި ޑިޖިޓަލް ހިދުމަތުގެ ފެންވަރު ރަނގަޅުވެ އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާ އެއްފެންވަރެއްގައި ރާއްޖޭގެ މުއާސަލާތީ ހިދުމަތް ދެމެހެއްޓުމުގެ މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗާ އިތުރަށް ވަރުގަދަވެ، ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށް ރާއްޖެ ވާން ބާރަކަށް ވެސް މި ކޭބަލް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މިއީ ރާއްޖެގައި އިންވެސްޓްކުރާ ވިޔަފާރިތަކަށް ވެސް އިތުބާރާއި ޔަގީންކަން ލިބިގެންދާނެކަމަށާއި ދިރާގުން މަސައްކަތްކުރަނީ 5ޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ވާޗުއަލް ރިއާލިޓީ ފަދަ ކުރިއަރަމުން އަންނަނީ އީޖާދީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިދުމަތްތައް ފޯރުކޮށްދޭން މަގުފަހިކޮށްދޭން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.