16 ފެބުރުއަރީ 2022
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން އެމްޑީޕީގެ މެމްބަރުން ބޭނުން ނުވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމަޔަށް ކޯޓުތަކުގެ ކޮންޓްރޯލް ބާއްވަން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ތުހުމަތު މިއަދު ކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން އެމްޑީޕީގެ މެމްބަރުން ބޭނުން ނުވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމަޔަށް ކޯޓުތަކުގެ ކޮންޓްރޯލް ބާއްވަން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ތުހުމަތު މިއަދު ކުރައްވައިފި އެވެ.
ޖޭއެސްސީގައި ސިޔާސީ މީހުން ނުހިމެނޭ ގޮތަށް އެ ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން އެ ބިލު ބަލައިގަތުމަށް ދެކޮޅު ހައްދަވަ އެވެ.
އެ މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ބިލް ހުށަހެޅުއްވި މެމްބަރު ތޯރިގު މަޖިލީހުގައި ވިދާޅުވީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން ހުށަހެޅުމުން އެމްޑީޕީ މެންބަރުން ދެއްކެވީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ.
މިއީ ގާނޫނުއަސާސީ ކުއްލިއަކަށް ބަދަލުކުރަން ޖެހޭ ވަގުތެއް ނޫން ކަމަށް އެމްޑީޕީން ބުންޏަސް އެމްޑީޕީން ވޯޓު ދީގެން މީގެ ކުރިން ވެސް ރައްޔިތުންގެ މަޝްވަރާއަކާ ނުލައި ގާނޫނުއަސާސީ ބަދަލު ކޮށްފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޝްވަރާ ހޯދުމުގެ ބާރު މަޖިލީހަށް އެބަ އޮތް ކަމަށާއި ކޮމިޓީ މަރުހަލާ އާންމު ރައްޔިތުންނާ އެހެނިހެން ފަރާތްތައް ގެނެސްގެން ހައްލުތައް ގެންނަން ނޫޅެނީ ކީއްވެތޯ ތޯރިގު ސުވާލުކުރެއްވި އެވެ.
"ބޮޑަށް ބޭނުންވަނީ ފަނޑިޔާރުގޭގެ ކޮންޓްރޯލް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ގޮވުމާ ހިސާބަށް ބާއްވަން،" ތޯރިގު ވިދާޅުވި އެވެ.
ޖޭއެސްސީގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެ މަނިކުފާނުގެ ވަކީލުންްގެ ޓީމުގައި ހިމެނުނު ބޭފުޅުން ބައިތިއްބަން ބޭނުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ނިމެންދެން ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ބޭނުމުގައި ކަމަށް ވެސް ތޯރިގު ތުހުމަތު ކުރެއްވި އެވެ.
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން މިހާރު ދެކެވަޑައިގަންނަވާ ގޮތުގައި އެ ކޮމިޝަންގައި ސިޔާސީ މީހުންގެ ބާރު ކޮންމެވެސް މިންވަރަކަށް އޮންނަން ޖެހެ އެވެ.
އެ ކޮމިޝަންގައި ނަޝީދު ހުންނަވައިގެން އެއްވެސް ނުފޫޒެއް ފޯރުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.
އެކަމަށް ރައްދު ދެއްވަމުން ތޯރިގު ވިދާޅުވީ ނަޝީދަށް 12 އަހަރުގެ ހުކުމެއް އައި މައްސަލާގައި ސުޕްރީމް ކޯޓަށް އިލްތިމާސެއް ދަންނަވަން 2019 ވަނަ އަހަރު މަޖިލީހުން ފާސް ކުރި ކަމަށެވެ. އެކަމުގެ ބަހުސްތައް ކުރިޔަށް ދަނިކޮށް ސުޕްރީމް ކޯޓުން އެ މައްސަލާގައި އެންމެ ފަހުން ކުރި ހުކުމުގައި އޮތީ އެ މަނިކުފާނުގެ މައްސަލަ ބެލި އިޖުރާއަތްތައް ރަނގަޅު ނޫން ކަމަށާއި އެ މައްސަލަ އަލުން ބެލުމަށް ކަމަށް ތޯރިގު ވިދާޅުވި އެވެ.
ނަމަވެސް ނަޝީދު މަޖިލީހުގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ އެ މަނިކުފާނަށް ހުކުމްކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ދީދީގެ މައްސަލަ ބެލުން ކަމަށް ތޯރިގު ވިދާޅުވި އެވެ.
"ދެން ޖޭއެސްސީ މިނިވަން ވާނެ ވަރު ހިތަށް އަރުވާލާ،" ތޯރިގު ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއި އެ ކޮމިޝަންގައި ސިޔާސީ މީހުން ނުތިބޭ ގޮތް ހެދުމަކީ އެމްޑީޕީން މީގެ ކުރިން ވަރަށް ގަދައަށް ވަކާލާތު ކުރަމުން އައި ކަމަކެވެ. އަދި އެއީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި މި ދައުރު ނިމުމުގެ ކުރިން ޖޭއެސްސީ ކޮމްޕޮޒިޝަން ބަދަލުކުރަން މަޖިލީހަށް އިސްލާހެއް ހުށަހަޅާނެ އެވެ.
ޖޭއެސްސީ ބަދަލުކުރަން މި ފަހަރު ވެސް ފާހެއް ނުވި!
ނަޝީދު ބޭނުންވަނީ ޖޭއެސްސީގައި މެމްބަރަކު އިނުން
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅައިފި
ޖޭއެސްސީ ބަދަލުކުރާ އިސްލާހު ބޭރުކޮށްލައިފި
ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރާ އިސްލާހު އެޖެންޑާކޮށްފި
ޖޭއެސްސީގައި އިންނަނީ ސިޔާސީ ގޮތަކުން ނޫން: ނަޝީދު
ޓޮމްގެ ވޯޓް ޕީއެންސީގެ ވިސްނުމާ ދެކޮޅަށް
ޑޮލަރު މައްސަލައިގެ މެދުމިނު ހައްލަކަށް ޓޮމް ގޮވާލައިފި
މަދަނީ އަދުލުގެ ނިޒާމު ހުއްޓިފައި، އިސްލާހު ހުށަހަޅަނީ
ގޯތިތައް ދޫކޮށްފައިވަނީ އިންސާފަކުން ނޫން: ތޯރިގު