Roadha Mihaaru
ހުރިހާ ރަށެއްގައި ތާރުއެޅުން ރަނގަޅެއް ނޫން: އަސްލަމް

ހުރިހާ ރަށެއްގައި ތާރު އެޅުން ރަނގަޅެއް ނޫން، ޖަޒީރާ ސިފަ ދަމަހައްޓަން ޖެހޭ: އަސްލަމް

16 ފެބުރުއަރީ 2022

ރާއްޖޭގެ ހުރިހާ ރަށެއްގައި ތާރު އެޅުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި ބައެއް ކުދި ރަށްރަށުގައި ޖަޒީރާ ސިފަތައް ދަމަހައްޓަން ޖެހޭ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ހުރިހާ ރަށެއްގައި ތާރު އެޅުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި ބައެއް ކުދި ރަށްރަށުގައި ޖަޒީރާ ސިފަތައް ދަމަހައްޓަން ޖެހޭ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ގއ. ކޮލަމާފުށީގެ މަގު ހެދުމުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގެން އަސްލަމް ވިދާޅުވީ، ރަށްރަށުގައި ބަނދަރު ހެދުމަށް ޑިމާންޑް އޮތް ގޮތުން މިހާރު އެންމެ ބޮޑު ޓްރެންޑަކީ މަގުތަކުގައި ތާރު އެޅުން ކަމަށާއި ވަރަށް ގިނަ ރަށްރަށުން އެ ކަމަށް ސަރުކާރުގައި އެދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން ނަމަ ތާރު އެޅުމަށް މިހާރު ވެސް 22 ރަށެއްގައި ކޮންޓްރެކްޓް ވަނީ ހަަދައިފަ އެވެ. އިތުރު 19 ރަށެއްގައި އެ މަސައްކަތް ކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކެނީ ހުރިހާ ރަށެއްގައި ތާރު އެޅުމަށް ދާން ވިސްނުން އެއީ އެންމެ ބުއްދި ވެރި ގޮތެއް ނޫން. މި ގައުމު ޖަޒީރާ ގައުމެއް ގޮތުގައި އުޅޭއިރު ޖަޒީރާވަންތަ ކަމެއް ވެސް އަޅުގަނޑުމެންގެ ރަށްރަށުގައި، އެ ސިފަތައް ވެސް ހުންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ޓްރެފިކްގެ އުނދަގޫ ބޮޑު ރަށްރަށުގައި ތާރު އަޅައިގެން މަގުތައް ހަދަން ޖެހިދާނެ ކަމަށާއި ތަރައްގީ އަންނަ ވަރަކަށް ދިރިއުޅުމުގެ ވައްޓަފާޅި ވެސް ބަދަލުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެކަމަކު، އަސްލަމް ވިދާޅުވިގޮތުގައި ބައެއް ރަށްރަށަކީ އެ ރަށުގެ އެއްކޮޅުގައި ހުރެ ބާރަށް ގޮވައިލުމުން އަނެއްކޮޅުގައި ހުންނަ މީހާ އަށް އަޑު އިވޭހާ ކުޑަ ރަށްތަކެއް ކަމަށް ވިޔަސް އެ ރަށްރަށުން ވެސް ތާރު އެޅުމަށް ޑިމާންޑް ކުރެ އެވެ.

"އެ ތަންތަނުގައި ވެހިކަލްތަކުގައި މީހުން ދަތުރުކުރަން އެންމެ ރަނގަޅު ކަމަށް ގަބޫލެއް ނުކުރަން. ރަށަށް ވެހިކަލް އެރުވޭނެ މިންވަރު ވެސް ކަނޑައެޅިފައި އޮންނަން ޖެހޭ. ޓެކްސީތަކާއި ޕްރައިވެޓް ކާރުތައް އޮންނަން ޖެހޭ ކަމަށް ނުދެކެން،" އަސްލަމް ވިދާޅުވި އެވެ.

ތާރު ނޭޅިޔަސް ރަށްރަށުގެ މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ހުންނަން ނުޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ ކަން ހައްލުކުރަން، ޓްރެފިކްގެ މައްސަލަތައް އާދައިގެ ރަށްރަށުގައި ފަސްގަނޑު ސާފޭސް ލެވެލް ކުރެވިދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.