Roadha Mihaaru
މައްސަލަ އޮއްވައި ހައިކޯޓަށް އެޑްމިނިސްޓްރޭޓަރަކު ހޯދަނީ

މައްސަލަ ކޯޓުގައި އޮއްވައި ހައި ކޯޓަށް އެޑްމިނިސްޓްރޭޓަރަކު ހޯދަނީ

08 ފެބުރުއަރީ 2022

ހައި ކޯޓުގެ ކުރީގެެ އެޑްމިނިސްޓްރޭޓަރަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާފައި ވަނިކޮށް އަދި އެ މައްސަލަ ހައި ކޯޓުގައި ހިނގަމުން ދަނިކޮށް އެ މަގާމަށް އެހެން މީހަކު ހޯދަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއުލާންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ކުރީގެެ އެޑްމިނިސްޓްރޭޓަރަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާފައި ވަނިކޮށް އަދި އެ މައްސަލަ ހައި ކޯޓުގައި ހިނގަމުން ދަނިކޮށް އެ މަގާމަށް އެހެން މީހަކު ހޯދަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއުލާންކޮށްފި އެވެ.

ހައި ކޯޓުގެ އެޑްމިނިސްޓްރޭޓަރަކަށް އެންމެ ފަހުން ހުންނެވި މުނާ މުހައްމަދު 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ފެންވަރު ބެލުމުގެ އުސޫލުގެ ދަށުން ވަކި އަދަދަކަށް މާކްސް ނުލިބުނު ކަމަށް ބުނެ އެވެ. އެކަމަކު ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އަންގާފައިވަނީ އޭނާއަށް އަލުން ވަޒީފާ ދިނުމަށެވެ. އަދި އެ މައްސަލަ ޑީޖޭއޭ އިން ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ.

ޓްރައިބިއުނަލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ހައި ކޯޓުން މިހާތަނަށް ނެރެފައި ނުވިޔަސް، ޑީޖޭއޭއިން އިއްޔެ ވަނީ ކޮންޓްރެކްޓް އުސޫލުން އެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފަ އެވެ. އެ މަގާމަށް މީހަކު ހޯދަނީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރަށް ކަމަށް ވިޔަސް، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ދާދިފަހުން ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާގެ މައްސަލާގައި ވެސް ޑީޖޭއޭއިން އެގޮތަށް އަމަލުކުރި އެވެ. ކައިވެނީގެ ކުރީގެ ރަޖިސްޓްރާއަށް އަލުން ވަޒީފާދޭން ޓްރައިބިއުނަލުން އަންގާފައި ވަނިކޮށް އަދި އެ މައްސަލަ ހައި ކޯޓުގައި ނުނިމި އޮއްވާ އެ މަގާމަށް މީހަކު ހޯދަން އިއުލާން ކުރުމުން ހައި ކޯޓުން މިދިޔަ މަހު ވަނީ އެކަން ހުއްޓުވައިފަ އެވެ.

އެ މައްސަލާގައި ވެސް ޓްރައިބިއުނަލްގެ އެންގުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ޑީޖޭއޭއިން ހައި ކޯޓުގައި އެދިފައި ނުވާތީ އެފަދަ އަމުރެއް ނެރެފައެއް ނުވެ އެވެ. އެހެންވެ، ޓްރައިބިއުނަލްގެ ނިންމުން ދެމިއޮތުމުން ހައި ކޯޓުން ނިންމީ، ކައިވެނީގެ ރަޖިސްޓްރާގެ މަގާމަށް މީހަކު އައްޔަން ނުކުރެވޭނެ ކަމަށެވެ.