Roadha Mihaaru
ލޮރީ ޑްރައިވަރުންގެ މުޒާހަރާތަކާ ހެދި އޮޓާވާގައި ކާފިއު

ލޮރީ ޑްރައިވަރުންގެ މުޒާހަރާތަކާ ހެދި އޮޓާވާގައި ކާފިއު

07 ފެބުރުއަރީ 2022

ކޮވިޑު-19 އިން ރައްކާތެރިވުމުގެ ގޮތުން ކެނެޑާގައި އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް، ވެރިރަށް އޮޓާވާގެ ލޮރީ ދުއްވާ މީހުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، އިއްޔެ އިން ފެށިގެން އޮޓާވާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.

ކޮވިޑު-19 އިން ރައްކާތެރިވުމުގެ ގޮތުން ކެނެޑާގައި އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް، ވެރިރަށް އޮޓާވާގެ ލޮރީ ދުއްވާ މީހުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، އިއްޔެ އިން ފެށިގެން އޮޓާވާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް، ޑްރައިވަރުން ކުރަން ފެށި މުޒާހަރާ ހަފުތާއަކަށް ވުރެ ދިގުލައިގެން ދިޔައިރު، މުޒާހަރާގައި ބައިވެރިވާ އާންމުންގެ އަދަދު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އޮޓާވާގެ މޭޔަރު ޖިމް ވޮޓްސަން ވިދާޅުވި ގޮތުގައި މުޅި އޮޓާވާ މިހާރު އޮތީ ކޮންޓްރޯލުން ނައްޓައިފަ އެވެ. ފުލުހުންނާ ނުބައްދަލު އަދަދަކަށް އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ދާތީ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޮރީ ދުއްވާ މީހުން މުޒާހަރާ ކުރަމުން ދަނީ، އެމީހުން ދުއްވާ ލޮރީތަކާއި ބަރު އުޅަނދުތައް، އޮޓާވާގެ މައި މަގުތަކަށް ހުރަސްކޮށް، މަގުތައް ބަންދުކޮށްގެންނެވެ. ލޮރީތައް މަގުމެދަށް ހުއްޓައިގެން ތިބެ އެ އުޅަނދުތަކުގެ ބަރުގޮނު އަޅަމުންދާތީ، މުޅި އޮޓާވާގައި އާންމު މަސްލަހަތު ގެއްލިފައިވާ ކަމަށާއި، ޑްރައިވަރުންގެ ސަބަބުން މުޅި އޮޓާވާ މިހާރު އޮތީ ހުއްޓުމަކަށް އައިސްފައި ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ފްރީޑަމް ކޮންވޯއީ" (މިނިވަންކަމުގެ ގާފިލާ)ގެ ނަމުގައި، ލޮރީ ޑްރައިވަރުން މުޒާހަރާ ކުރަން ފެށީ، އެއްގަމު އުޅަނދު ދުއްވާ ހުރިހާ އެންމެން، ކޮވިޑުން ދިފާއުވުމުގެ ވެކްސިން ޖެހުން މަޖުބޫރުކުރުމުންނެވެ.

އިއްޔެ އިން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވިޔަސް، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ ހާލަތުގައި އަމަލުކުރާނީ ކޮން ގޮތަކަށް ކަމެއް މޭޔަރުގެ އޮފީހުން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އޮޓާވާގެ ފުލުހުން ބުނި ގޮތުގައި މުޒާހަރާ ކޮންޓްރޯލް ކުރުމަށް އިތުރު ފުލުހުން މަގުތަކަށް ނެރެ، މުޒާހަރާގެ ބައިވެރިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ މީހުން ހައްޔަރުކުރާނެ އެވެ.

އޮޓާވާގެ އާބާދީއާ އަޅައި ބަލާއިރު، ލޮރީ ޑްރައިވަރުންނަކީ ވަރަށް މަދު އަދަދެއްގެ ބަޔެކެވެ. އެހެންކަމުން ޑްރައިވަރުންގެ ސަބަބުން އޮޓާވާގެ އާންމު މަސްލަހަތު ގެއްލިފައިވާތީ، އާންމު ރައްޔިތުންގެ ފަރާތުން މުޒާހަރާގެ ބައިވެރިންނަށް ކުރިމަތިވާ ފާޑުކިޔުންތައް އަންނަނީ އިތުރުވަމުންނެވެ.

މި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ އިރު، ވައްކަމާއި ފޭރުމާއި މުދަލަށް ގެއްލުންދިނުމާއި ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދިނުމުގެ ތުހުމަތުގައި އެ މީހުންގެ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.