Roadha Mihaaru

ސަންޗޭޒް ބޭނުންވާ ގޮތް އާސެނަލަށް ހުށަހަޅައިފި

ލަންޑަން (ޑިސެމްބަރު 17) - ކޮންޓްރެކްޓް އާކުރަން ޝަރުތުކުރާ ކަންތައްތައް އާސެނަލާ ހިއްސާ ކޮށްފައިވާނެ ކަމަށާއި ގޮތެއް ނިންމާނީ އެ ޓީމުން ކަމަށް ފޯވާޑް އަލެކްސިސް ސަންޗޭޒް ބުނެފި އެވެ.

ސަންޗޭޒް ބޭނުންވާ ގޮތް އާސެނަލަށް ހުށަހަޅައިފި
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

17 ޑިސެމްބަރ 2016

ލަންޑަން (ޑިސެމްބަރު 17) - ކޮންޓްރެކްޓް އާކުރަން ޝަރުތުކުރާ ކަންތައްތައް އާސެނަލާ ހިއްސާ ކޮށްފައިވާނެ ކަމަށާއި ގޮތެއް ނިންމާނީ އެ ޓީމުން ކަމަށް ފޯވާޑް އަލެކްސިސް ސަންޗޭޒް ބުނެފި އެވެ.

އާސެނަލާ އެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ 18 މަސް ދުވަހެވެ. ސަންޗޭޒްގެ އެއްބަސްވުން އާކުރުމަށް އާސެނަލުން މި ސީޒަން ފެށުނީއްސުރެ އަންނަނީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އަދި އަލި މަގެއް ނުފެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެއްބަސްވުމަކަށް ނާދެވި އޮތީ ސަންޗޭޒްގެ މުސާރައާ މެދު އެވެ. އާސެނަލުން އެއްބަސްވަނީ ސަންޗޭޒަށް ހަފްތާއަކު 200،000 ޕައުންޑް ދޭށެވެ. ނަމަވެސް ސަންޗޭޒްގެ ޑިމާންޑަކީ 270،000 ޕައުންޑާ ގާތްކުރާ އަދަދެކެވެ.

"އަހަރެން ބޭނުންވާ ކަންތައްތައް ކްލަބަށް ހުށަހަޅައިފިން. އެ ކަންތައްތަކާ ގުޅޭ ގޮތުން ކްލަބްގެ ނިންމުމަކަށް އަހަރެން އިންތިޒާރު މިކުރަނީ. އާސެނަލްގައި މިހުރީ އުފަލުން. މި ވަގުތު އަހަރެންގެ ފޯކަސް އަކީ ވެސް މި ޓީމު. މި ޓީމު މޮޅުކޮށްދޭން ހުރިހާ ގޮތަކުން އަހަރެން އެހީތެރިވަމުން މިދަނީ،" ސަންޗޭޒް ބުންޏެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ކުރިން ބުނެފައިވާ ގޮތުގައި ބޮޑު މުސާރަ ދީގެން ކުޅުންތެރިން ކްލަބްގައި މަޑުުކުރުވުމަކީ އޭނާ ގަބޫލުކުރާ އުސޫލުތަކާ ހިލާފުކަމެކެވެ.

ސަންޗޭޒަކީ މި ފަހަރު ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ އެވެ. ލީގުގައި މިހާތަނަށް ސަންޗޭޒް 12 ލަނޑު ޖަހާފައި ވާއިރު، އާސެނަލް ލީގުގެ ތިން ވަނައިގައި އޮތުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރި އެއް ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

ސަންޗޭޒް ހޯދުމަށް ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަދި ޕީއެސްޖީން އަންނަނީ މަސައްކަތް ކުރަމުންނެވެ.