Roadha Mihaaru
ކުރި ކައިވެނީގެ ދެބައިކުޅަ އެއްބަޔާ ގާތަށް ވަރިކުރި

މިދިޔަ އަހަރު ކުރި ކައިވެނީގެ ދެބައިކުޅަ އެއްބަޔާ ގާތަށް ވަރިކުރި

25 ޖެނުއަރީ 2022

މިދިޔަ އަހަރު ފެމިލީ ކޯޓުން ކޮށްދިން ކައިވެނީގެ އަދަދުގެ ދެބައިކުޅަ އެއްބަޔާ ގާތަށް އެ އަހަރު އެ ކޯޓުގައި ވަރިކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ފެމިލީ ކޯޓުން ކޮށްދިން ކައިވެނީގެ އަދަދުގެ ދެބައިކުޅަ އެއްބަޔާ ގާތަށް އެ އަހަރު އެ ކޯޓުގައި ވަރިކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓުގައި 2،399 ކައިވެންޏެއް ކުރިއިރު، 1،192 މީހެއްގެ ވަރި އެ މުއްދަތުގައި ކޯޓުގައި ރަޖިސްޓަރީ ކުރި އެވެ. އެހެންވެ، ފެމިލީ ކޯޓުގައި ކުރި ކައިވެނިތަކުގެ އަދަދާ އަޅާ ބަލާއިރު ވަރިކުރި އަދަދު ދެބައިކުޅަ އެއްބަޔާ ގާތްކުރެ އެވެ.

ރާއްޖެ އިން ބޭރުގައި ކުރި ކައިވެނިތަކުގެ ތެރެއިން 87 ކައިވެންޏެއް ރަޖިސްޓަރީ ކުރަން ހުށަހެޅިޔަސް، އަހަރު ނިމުނުއިރު ރަޖިސްޓަރީ ކުރެވުނީ 92 ކައިވެންޏެކެވެ. އެއީ 2020 ގައި ރަޖިސްޓަރީ ކުރަން ހުށަހަޅާފައި ހުރި ކައިވެނިތައް ހިމެނޭ ގޮތުންނެވެ.

އެ ހިސާބުތައް ދައްކާ ގޮތުން 2،400 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ފެމިލީ ކޯޓަށް ހުށަހެޅިއިރު، 2020 ވަނަ އަހަރުގެ މައްސަލަތައް ހިމެނޭ ގޮތުން 2،615 މައްސަލައެއް މިދިޔަ އަހަރު ނިންމާފައިވެ އެވެ.

މިދިޔަ އަހަރު ދަރިންގެ ހަރަދުގެ ގޮތުގައި 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދިނެވެ. އިއްދައިގެ ހަރަދުގެ ގޮތުގައި ވެސް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދިނެވެ.