Roadha Mihaaru
ޑެނިސް އަށް ރަތް ކާޑު، ވަޓްފޯޑް ރެލިގޭޝަން ޒޯނަށް

އެފްކަން އަށް ދާން ދެކޮޅުހެދި ނައިޖީރިއާގެ ޑެނިސް އަށް ރަތް ކާޑު، ވަޓްފޯޑް ރެލިގޭޝަން ޒޯނަށް

22 ޖެނުއަރީ 2022

ވަޓްފޯޑް (ޖެނުއަރީ 22) - ކެމަރޫންގައި މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކަން) ގައި ވާދަކުރާ ނައިޖީރިއާ ގައުމީ ޓީމާ ގުޅެން ދެކޮޅުހެދި، ވަޓްފޯޑަށް ކުޅޭ އެ ގައުމުގެ ފޯވާޑް އެމަނުއެލް ޑެނިސް އަށް ދެއްކި ރަތް ކާޑާ އެކު ވަޓްފޯޑް ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވަޓްފޯޑް (ޖެނުއަރީ 22) - ކެމަރޫންގައި މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކަން) ގައި ވާދަކުރާ ނައިޖީރިއާ ގައުމީ ޓީމާ ގުޅެން ދެކޮޅުހެދި، ވަޓްފޯޑަށް ކުޅޭ އެ ގައުމުގެ ފޯވާޑް އެމަނުއެލް ޑެނިސް އަށް ދެއްކި ރަތް ކާޑާ އެކު ވަޓްފޯޑް ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެ އެވެ.

ޕްރިމިއާ ލީގުގައި ރޭ، ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރާ ނޯރިޗް ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ވަޓްފޯޑު ކުޅުނު މެޗުން ބަލިވީ 3-0 އިންނެވެ. މި ނަތީޖާއާ އެކު ވަޓްފޯޑު ވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަަށް ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ.

ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް ދެވަނަ ހާފުގައި ނޯރިޗްގެ އެމެރިކާ ފޯވާޑް ޖޯޝް ސާޖަންޓް ވަނީ ދެ ލަނޑު ޖަހައިދީފަ އެވެ. މިއީ މިސީޒަނަށް ޖަރުމަންގެ ވާޑާ ބްރޭމަން އިން ނޯރިޗަށް ގެނައި ސާޖަންޓް، 21، އެޓީމަށް ލަނޑު ޖަހައިދިން ފުރަތަމަ ފަހަރެވެ. ތިންވަނަ ލަނޑަކީ ވަޓްފޯޑުގެ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ނޯރިޗްގެ ޖޯޝް ސާޖަންޓް ނަޓްފޯޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ނޯރިޗްގެ ޖޯޝް ސާޖަންޓް ނަޓްފޯޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ވަޓްފޯޑުގެ ނައިޖީރިއާ ފޯވާޑް އެމަނުއެލް ޑެނިސް އަށް ވަނީ ރޭގެ މެޗުގައި ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި ކުރި ނުރައްކާތެރި ފައުލަކަށް ރަތް ކާޑު ދައްކަން އިދިކޮޅުން އެޕީލް ކުރި ނަމަވެސް އޭނާ ވަނީ ރީނދޫ ކާޑަކާ އެކު ސަލާމަތްވެފަ އެވެ. ނަމަވެސް މެޗު ނިމެން 13 މިނިޓަށްވެފައި ވަނިކޮށް ކުރި ފައުލަށް ރެފްރީ މައިކް ޑީން ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

ނައިޖީރިއާގެ ގައުމީ ޓީމަށް ނެގި ނަމަވެސް ޑެނިސް ވަނީ ގައުމީ ޓީމާ އެކު އެފްރިކަން ކަޕަށް ދިއުމަށް ވުރެ މިވަގުތު އެންމެ މުހިއްމީ ކުލަބުގައި ހުރެ، ކުލަބަށް އެހީވުން ކަމަށް ނިންމައި ޓީމުގައި މަޑުކޮށްފަ އެވެ. އަދި ކުލަބުން ބުނެފައި ވަނީ އޭނާއަށް ގައުމީ ޓީމާ ގުޅެން އެކަށީގެންވާ ވަގުތު ދީފައިނުވާ ކަމަށެވެ.

ނޯރިޗްގެ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ޖަހަން ޑެނިސް މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނޯރިޗްގެ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ޖަހަން ޑެނިސް މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އާ އަހަރުގެ ކުރިން ޑެނިސް ވަނީ ލީގުގައި ވަޓްފޯޑު އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ފަސް ގޯލު ޖަހައިދީފަ އެވެ. ނަމަވެސް މި މަހު މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް އޭނާއަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

ވަޓްފޯޑް ދެން އެންމެ އަވަހަށް ލީގުގައި ނުކުންނާނީ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ބާންލީއާ ދެކޮޅަށެވެ.

އެފްކަންގައި ގައުމު ތަމްސީލުކުރުމުގެ ފުރުސަތު ޑެނިސް ދޫކޮށްލި ނަމަވެސް ނައިޖީރިއާ ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ގައުމު، މިސްރު ފަހަތަށް ޖައްސާލައި ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ނައިޖީރިއާ އަކީ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ދެވަނަ ބުރަށް ދަތުރުކުރި ހަމައެކަނި ޓީމެވެ. ދެވަނަ ބުރުގައި ނައިޖީރިއާ މާދަމާ ރޭ ޓިއުނީޝިއާއާ ދެކޮޅަށް ކުޅޭނެ އެވެ.

ލީގުގައި ވަޓްފޯޑް މިހާތަނަށް ކުޅުނު 20 މެޗުން ލިބުނު 14 ޕޮއިންޓާ އެކު މި ވަގުތު އޮތީ 18 ވަނައިގަ އެވެ. އަދި ރޭގެ މޮޅާ އެކު 22 މެޗުން 16 ޕޮއިންޓު ހޯދައިގެން ނޯރިޗް ވަނީ 17 ވަނައަށް ކުރިޔަށް ޖެހިލައިފަ އެވެ. މިއީ މި ސީޒަނުގައި ނޯރިޗް ރެލިގޭޝަން ޒޯނުން ކުރިޔަށް ޖެހިލެވުނު ފުރަތަމަ ފަހަރެވެ.