Roadha Mihaaru
އިންޑިއާގައި ކޮވިޑް ޖެހޭ ނިސްބަތް 40 ޕަސެންޓަށް

އިންޑިއާގައި ކޮވިޑް ޖެހޭ ނިސްބަތް 40 ޕަސެންޓަށް

17 ޖެނުއަރީ 2022

އިންޑިއާގައި ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް 40 ޕަސެންޓަށް ވުރެ މަތިވެފައިވާ ކަމަށް، އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިންޑިއާގައި ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް 40 ޕަސެންޓަށް ވުރެ މަތިވެފައިވާ ކަމަށް، އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދަ ހިންދޫ ނޫހުން ބުނެފައިވާ ގޮތުގައި އިއްޔެ އެކަނި ވެސް، 255025 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިއީ މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވި ނިސްބަތާ އަޅާއި ބަލާއިރު، 40 ޕަސެންޓް އިތުރު މިންވަރެކެވެ.

އިންޑިއާގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 37.2 މިލިއަނަށް އަރާފައިވާ އިރު، މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 1.62 މިލިއަން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. އިއްޔެ އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ މަހާރާޝްތުރާ ސްޓޭޓުންނެވެ. އެ ސްޓޭޓުން އިއްޔެ 41327 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، ކަރްނާޓަކާ އިން 34047 މީހުން އަދި ޓެމިލް ނާޑޫ އިން 23975 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.

އިއްޔެ (ޖެނުއަރީ 16، 2022) އަކީ އިންޑިއާގައި ކޮވިޑް ވެކްސިން ދޭން ފެށިތާ އެއް އަހަރު ފުރުނު ދުވަހެވެ. ކޮވިޑް ވެކްސިން ދޭން ފެށިތާ އެއް އަހަރު ފުރުނު އިރު، ވެކްސިން ދޭ އުމުރުގެ 64.5 ޕަސެންޓް މީހުން ވަނީ ކޮވިޑްގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރީ ގުޖުރާތު ސްޓޭޓުންނެވެ. އެ ސްޓޭޓުގެ 87 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އިރު، އެންމެ މަދުން ވެކްސިންގެ ދެ ޑޯޒް ޖަހާފައިވަނީ ޕަންޖާބު ސްޓޭޓުން (46 ޕަސެންޓް މީހުން) ކަމަށް ނޫސްތަކުން ބުނެ އެވެ. އިއްޔެގެ ނިޔަލަށް ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖެހި މީހުންގެ ނިސްބަތަކީ 89.4 ޕަސެންޓެވެ.

އިންޑިއާގައި އުމުރުން 15-17 އަހަރުގެ ކުދިންނަށް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ. އިއްޔެގެ ނިޔަލަށް އެ އުމުރުފުރާގެ 46.5 ޕަސެންޓް ކުދިން ވަނީ ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖަހައިފަ އެވެ.

އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މައްޗަށް ދިޔަ ކަމުގައި ވިޔަސް، ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު، މިދިޔަ 10 ދުވަހުގެ އެވްރެޖް އަދަދާ އަޅައި ބަލާއިރު މާބޮޑަށް މައްޗަކަށް ނުދެ އެވެ.