Roadha Mihaaru
ބޫސްޓަ ޑޯޒް ޖަހަން ހެދި ކިއޫތައް ކުޑަވެއްޖެ

ބޫސްޓަ ޑޯޒް ޖަހަން ހެދި ކިއޫތައް ކުޑަވެއްޖެ

16 ޖެނުއަރީ 2022

އާންމުކޮށް ހުޅުވާލައިގެން ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖަހައިދޭން އިއްޔެ ފެށުމާ އެކު ބައެއް ވެކްސިން ސެންޓަރުތަކަށް ބާރު ބޮޑުވިޔަސް އިންތިޒާމްތައް ރަނގަޅުކޮށް ތޮއްޖެހުން ކުޑަކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އާންމުކޮށް ހުޅުވާލައިގެން ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖަހައިދޭން އިއްޔެ ފެށުމާ އެކު ބައެއް ވެކްސިން ސެންޓަރުތަކަށް ބާރު ބޮޑުވިޔަސް އިންތިޒާމްތައް ރަނގަޅުކޮށް ތޮއްޖެހުން ކުޑަކޮށްފި އެވެ.

އެޕޮއިންޓްމަންޓް އުސޫލުން އިއްޔެ ވެކްސިން ޖަހައިދޭން ފެށީ އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދެ ވަނަ ޑޯޒް ޖެހިތާ ހަ މަސް ވެފައިވާ މީހުންނަށެވެ. ވެކްސިން ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމުން ވެކްސިން ޖަހަން އެ މީހަކު ދާންޖެހޭ ސެންޓަރަކާއި ގަޑި ވެސް އެޗްޕީއޭ އިން އަންގަ އެވެ.

Vaccine Appointments • HPA

Vaccine Appointments • HPA

Get yourself signed up for an online appointment.

ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހައްދާ ޕޯޓަލް

ވެކްސިން ސެންޓަރުތަކުގެ ބޭރުގައި އިއްޔެ ކިއޫ ހަދައިގެން އެތައް ގަޑިއިރަކު ތިބެން ޖެހުމުން އާންމުންގެ ޝަކުވާ ބޮޑުވީ މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު އެތައް ބަޔަކު އެއްތަންވެގެން ތިބެން ޖެހޭތީ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު ވިދާޅުވީ ކިއު އިއްޔެ ދިގުވި ދަނޑިވަޅުގައި އެޕޮއިންޓްމަންޓް ޕޯޓަލްގައި ވެސް މައްސަލަތަކެއް ދިމާވި ކަމަށެވެ. އެކަމަކު އެ މައްސަލަ ހައްލުކުރުމަށް ފަހު މިއަދު ވެކްސިން ޖަހަން ފެށުމުން މާބޮޑު ކިއުއެއް ސެންޓަރުތަކުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޕޮއިންޓްމަންޓް ހެއްދި މީހުން އައި ވެކްސިން ޖެހުމަށް. ގަޑިއަށް ވެކްސިން ޖެހުން ވެސް މިއަދު ފެށުނު،" އޮފިޝަލް ވިދާޅުވި އެވެ.

ސެންޓަރުތަކަށް ކުއްލިއަކަށް ބާރުބޮޑުވުމަށް ފަހު، މިއަދު ބައެއް ވަގުތުތަކުގައި ވެކްސިން ސެންޓަރުތައް އޮތީ ގާތްގަނޑަކަށް ހުހަށެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި މިކަން ފާހަގަކޮށް އިންތިޒާމްތައް ރަނގަޅުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ވެކްސިން ޖަހައިދެނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 5 އަށެވެ.

ބޫސްޓަ ޑޯޒް ޖަހައިދޭ ސެންޓަރުތައް؛

• ދަރުމަވަންތަ ހޮސްޕިޓަލް

• ހުޅުމާލެ ހޮސްޕިޓަލް

• ސެނެހިޔާ

• ދަމަނަވެށި

• ދަރުބާރުގެ

• ވިލިމާލެ ހޮސްޕިޓަލް

ބޫސްޓާ ޑޯޒް ޖަހަން ފެށީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އިން ހަދިޔާކުރި ފައިޒާގެ 100،620 ޑޯޒް ވެކްސިނުންނެވެ.

ވެކްސިން ޖަހަން ދާއިރު، އައިޑީކާޑާއި ވެކްސިން ކާޑު ވެސް ގެންދަން ޖެހޭނެ ކަމަށެވެ. ދައިމީ ބޭހެއް ކުރާ ނަމަ، ބޭސް ސިޓީ ވެސް ގެންދަން ޖެހޭނެ އެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން ރަނގަޅަށް ކައިގެން ދިއުމަށާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ނުދިއުމަށް ވަނީ އަންގައިފަ އެވެ.

ރާއްޖެއިން މިހާތަނަށް 30،000 އެއްހާ މީހުން ބޫސްޓާ ޑޯޒް ޖަހާފައިވާއިރު ރާއްޖޭގެ ކޮވިޑްގެ ހާލަތު ވެސް ދަނީ ގޮސްވަމުންނެވެ. އޮމިކްރޯން ވޭރިއަންޓު ފެނުނު ފަހުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވިއިރު އިއްޔެ ވެސް ހާހަކާ ގާތް ކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހުނެވެ.