Roadha Mihaaru
އުމުރުން 25 ވީމަ ހަޔާތް ނިމުނީއެއް ނޫން: މަލައިކާ

އުމުރުން 25 ވީމަ ހަޔާތް ނިމުނީއެއް ނޫން: މަލައިކާ

16 ޖެނުއަރީ 2022

މާ ހަގު އެކްޓަރަކާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އުމުރާ އަޅާކިޔައި، އަމާޒުކުރާ ފާޑުކިޔުންތަކަށް މަލައިކާ އަރޯރާ އަނެއްކާ ވެސް ރައްދު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާ ހަގު އެކްޓަރަކާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އުމުރާ އަޅާކިޔައި، އަމާޒުކުރާ ފާޑުކިޔުންތަކަށް މަލައިކާ އަރޯރާ އަނެއްކާ ވެސް ރައްދު ދީފި އެވެ.

އޭނާ އަށް ވުރެ އުމުރުން 12 އަހަރު ހަގު އެކްޓަރު އަރުޖުން ކަޕޫރް، 36، އޮތް ގުޅުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ދެކެވެމުން ދިޔަ ވާހަކަތަކާ ވެސް ގުޅުވައިގެން މަލައިކާ، 48، އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މީހެއްގެ އުމުރުން 25 އަހަރު ފަހަނަޅައި ދިއުމަކީ ހަޔާތުގެ ނިމުން ނޫން ކަމަށެވެ.

"އެހެންވެ 40 އަހަރުގައި ވެސް ލޯބި ހޯދިދާނެ. އެއީ އާންމު ވިސްނުމަކަށް ވެސް ހަދަން ޖެހޭ. އަދި ތިރީހުގެ އަހަރުތައް ފަހަނައަޅާދާ ފަހުން ވެސް އާ ހުވަފެންތަކެއް ދުށުމަކީ ހަމަ އާންމު ވިސްނުމަކަށް ވާން ޖެހޭ. ހަމަ މިއާ އެކު އުމުރުން 50 އަހަރުން މަތިވާ ފަހުން ވެސް އަމިއްލަ ނަފުސާ ދޭތެރޭ ވިސްނާލައި ހަޔާތުގެ އާ މަގުސަދަކާ ދިމާ އަށް ވެސް ދެވިދާނެ،" އަލަތު ކައިވެންޏަށް 19 އަހަރުގެ ފިރިހެން ދަރިޔަކު ހުންނަ މަލައިކާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މީހާގެ އުމުރުން 25 އަހަރު ފަހަނައަޅައި ދިއުމަކީ ހަޔާތުގެ މަގުސަދާއި އާ ކަންކަން ހޯދުން ނިމުމަކަށް އަންނަން ޖެހޭ ކަމެއް ނޫނެވެ.

"އަދި އެފަދަ ވިސްނުންތައް ދޫކޮށްލަން ވެސް ޖެހޭ،" މޮޑެލްއެއްގެ ގޮތުގަ އާއި އައިޓެމް ގާލްއެއްގެ ގޮތުގައި މަޝްހޫރު ކަން ހޯދި މަލައިކާ ބުންޏެވެ.

އޭނާ އާއި އަރުޖުން ރުޅިވެއްޖެ ކަމަށް ބުނެ މިދިޔަ ހަފުތާގައި ފެތުރުނު ވާހަކަތަކާ ގުޅިގެން އަރުޖުން ވެސް އިންސްޓަގްރާމް ޕޯސްޓެއްގައި ރައްދު ދީފައިވެ އެވެ. އަދި އޭނާ އާއި މަލައިކާގެ އުމުރުގެ ފަރަގު އަޅާކިޔާތީ ދިފާއުގައި މި ފަހުން ގިނަ ވާހަކަތަކެއް ވެސް ދައްކާފައިވެ އެވެ.

އަރުޖުން ބުނެފައިވާ ގޮތުގައި އޭނަ އަށް ވުރެ އުމުރުން ދޮށި މީހަކާ ރައްޓެހިވެގެން އުޅޭތީ ކިޔާ ފާޑުކިޔުންތަކާއި އަމާޒުވާ މަލާމާތާއި ފުރައްސާރަތަކަށް އެއްވެސް ފަރުވާލެއް ނެތެވެ.

މަލައިކާ ކުރިން ކައިވެނިކުރީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާންއާ އެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅައިލީ 2017 ގަ އެވެ. އަދި އަރުޖުންއާ މަލައިކާ ރައްޓެހިވީ 2018 ގަ އެވެ.