Roadha Mihaaru
ޖޯޒީ އެއްކުރި މީހާ ރާއްޖޭގެ ގައުމީ ޖޯޒީ "ވަގަށްނެގި"

400 ޖޯޒީ ހަމަކުރީ ގަލޮޅު ދަނޑުން ރާއްޖޭގެ ގައުމީ ޖޯޒީ "ވަގަށް ނަގައިގެން"

11 ޖެނުއަރީ 2022

އެންޓޯނިއޯ މަސާރީ އަކީ، އިޓަލީގެ އިންޓަ މިލާން އާއި އިނގިރޭސިވިލާތުގެ ޕޯޓްސްމައުތުގެ ސަޕޯޓަރެކެވެ. އޭނާގެ ވާހަކަ ހާއްސަ ގޮތެއްގައި ދެކެވިގެން ދަނީ، ދުނިޔޭގެ އެކި ފުޓްބޯޅަ ޓީމުތަކުގެ 400 ޖޯޒީ އޭނާ ހަމަކުރުމުންނެވެ.

އެންޓޯނިއޯ މަސާރީ އަކީ، އިޓަލީގެ އިންޓަ މިލާން އާއި އިނގިރޭސިވިލާތުގެ ޕޯޓްސްމައުތުގެ ސަޕޯޓަރެކެވެ. އޭނާގެ ވާހަކަ ހާއްސަ ގޮތެއްގައި ދެކެވިގެން ދަނީ، ދުނިޔޭގެ އެކި ފުޓްބޯޅަ ޓީމުތަކުގެ 400 ޖޯޒީ އޭނާ ހަމަކުރުމުންނެވެ.

އޭނާ އެއްކުރި 400 ޖޯޒީ، ހަމަކުރީ 90 ގައުމަށް ޒިޔާރަތް ކޮށްގެންނެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ގައުމަކީ ރާއްޖެ އެވެ. މަސާރީ ބުނިގޮތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ޖޯޒީ އޭނާ ހޯދީ، ގައުމީ ފުޓްބޯޅަ ދަނޑުގެ މަސައްކަތު މީހަކަށް "ރިޝްވަތު" ދީގެން، ދަނޑުގެ ޗޭންޖިން ރޫމުންނެވެ.

އޭނާ އެއްކުރި ޖޯޒީތަކުގެ ތެރެއިން، އެންމެ ފާހަގަ ކުރެވޭ ޖޯޒީތަކުގެ ލިސްޓުގެ ހަތްވަނައިގައި ހިމަނާފައި ވަނީ ރާއްޖޭގެ ގައުމީ ޓީމުން، 2019 ގައި ބޭނުން ކުރި ޖޯޒީ އެވެ.

"އަހަރެން ރިޝްވަތު ދިނީމާ ސާފުކުރާ މީހާ ރާއްޖޭގެ ގައުމީ ޓީމުގެ ޗޭންޖިން ރޫމުން ޖޯޒީ ވަގަށް ނެގީހެން އަހަންނަށް ހީވަނީ،" ރާއްޖޭގެ ޖޯޒީ އޭނާ އަށް ލިބުނު ގޮތް، މަސާރީ ކިޔައިދިނެވެ.

2019 ގައި ގައުމީ ޓީމުން ބޭނުން ކުރި ހޯމް ޖޯޒީގައި ޓީމު މެޗަކަށް ނުކުތުމުގެ ކުރިން --- ފައިލް ފޮޓޯ: މިހާރު

2019 ގައި ގައުމީ ޓީމުން ބޭނުން ކުރި ހޯމް ޖޯޒީގައި ޓީމު މެޗަކަށް ނުކުތުމުގެ ކުރިން --- ފައިލް ފޮޓޯ: މިހާރު

މަސާރީ ބުނިގޮތުގައި ޖުލައި މަހާހަމައަށް، އޭނާ އެއްކުރި ޖޯޒީތަކުގެ ތެރެއިން ކޮންމެ ދުވަހަކު އާ ޓީމެއްގެ ޖޯޒީ އެއް އޭނާ ލާނެ އެވެ. މަސާރީ ގިނަ ޖޯޒީތައް ހޯދީ އެކި ގައުމުތަކުގައި ހުންނަ، ކުޅިވަރު ސާމާނު ވިއްކާ ފީހާރަތަކުން ގަނެނެގެންނެވެ. އެގޮތުން އޭނާ ވަނީ 400 ޖޯޒީ ހަމަކުރުމަށް 13،500 އަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްފަ އެވެ.

"ފުޓްބޯޅަ އަށް އަހަރެން ވަރަށް ޝައުގުވެރިކަން ހުރޭ. އެކަމަކު ކުޅޭ މެޗަށް ވުރެ ޖޯޒީ އަށް އަހަރެން މާބޮޑަށް ޝައުގުވެރިވޭ،" އިޓަލީގެ މިލާން އަށް އުފަން، މަސާރީ، 35، ބުންޏެވެ.

"ވަރަށް ގިނަ މީހުން ޖޯޒީ އެއްކުރޭ. ތާރީހައްޓަކައި ރައްކާކޮށްފައި ބަހައްޓަން. އެކަމަކު އަހަރެން އޭގެ ބޭނުން ކުރާނީ އަހަރެން ލާން ވެގެން. ސަބަބަކީ އެއިން ކޮންމެ ޖޯޒީ އަކީ އެކި ކުލައިގެ އެކި ޑިޒައިންތަކުގެ ރީތި ޖޯޒީތަކެއް."

ޖޯޒީ އެއްކުރާ މަސާރީ

ޖޯޒީ އެއްކުރާ މަސާރީ

މަސާރީ އެއްކުރި 400 ޖޯޒީގެ ތެރެއިން އޭނާ އަށް އެންމެ ކަމުދިޔަ 10 ޖޯޒީ

1. ބެލްޖިއަމްގެ ކްލަބް ޖެންޓް 2019-2020 ތިންވަނަ ކިޓްގެ ގޮތުގައި ބޭނުން ކުރި ޖޯޒީ

2. ކެމެރޫންގެ ގައުމީ ޓީމުގެ 2002 ގެ ޖޯޒީ

3. ޗައިނާގެ ކްލަބް، ގުއަންޒޯ އެވަގްރޭންޑްގެ 2017 ގެ ޖޯޒީ

4. ޗައިނާގެ ކްލަބް، ޝަންހާއީ ގްރީންލޭންޑްގެ 2012 ގެ ޖޯޒީ

5. މެކްސިކޯގެ ކްލަބް، ޗިވާސް ގުއެލަޑަހާރާގެ 2006 ގެ ޖޯޒީ

6. ސްޕެއިންގެ ކްލަބް، އެސްޕަނިޔޯލް 2018-2019 ގެ ޖޯޒީ

7. ރާއްޖޭގެ ގައުމީ ޓީމުން 2019 ގެ ޖޯޒީ

8. ގްރީސްގެ ކްލަބް، އޮލިމްޕިއާކޯސް 2005 ގެ ސީޒަންގެ ޖޯޒީ

9. އިންގްލެންޑްގެ ކްލަބް، ޕޯޓްސްމައުތު 2007-2008 ގެ ޖޯޒީ

10. އިޓަލީގެ ކްލަބް، ޕާމާގެ 1997-1998 ގެ ޖޯޒީ