Roadha Mihaaru
މަރުގެ ދައުވާ ލިބޭ މާވިންގެ ބަންދަށް 10 ދުވަސް

މަރުގެ ދައުވާ ލިބޭ މާވިންގެ ބަންދަށް އިތުރު 10 ދުވަސް

10 ޖެނުއަރީ 2022

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ބަންދަން މިއަދު އަނެއްކާވެސް 10 ދުވަސް އިތުރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ބަންދަން މިއަދު އަނެއްކާވެސް 10 ދުވަސް އިތުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މާވިންގެ ބަންދު އިތުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން ދެން މީނާގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރަން ޖެހޭނީ މާވިންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ކުރައްވާ ގާޒީއެއްގެ ކުރިމައްޗަށެވެ.

އެނގި ހުރެ މީހަކު މެރުމުގެ ދައުވާ، އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ މާވިންގެ މައްޗަށް ކޮށްފައި ވާއިރު އައިޖީއެމްއެޗްގެ އެހެން ނަރުހެއް ކަމަށްވާ އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ވަނީ އެކަމުގައި ބައިވެރިވުމާއި އިތުރު ދެ ދައުވާއެއް ކޮށްފަ އެވެ.

އެނގިހުރެ މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ކުރަނީ އޮކްޓޫބަރު 19، 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، މީނާ ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައި ވާތީ އެވެ.

މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ.

މާވިންގެ ލޯބިވެރިޔާ ލަމްހާ އަށް ކުރާ ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމާއި އަދި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމެވެ.

އޭގެ ތެރެއިން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައި ވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިން އަށް އޭނާ މަގުފަހިކޮށްދީފައި ވާތީ އެވެ.

ލަމްހާއަށް ކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކުރަނީ ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި މީނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން މީނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައި ވާތީ އެވެ.

އޭނާ އަށް ކުރާ ތިން ވަނަ ދައުވާ ކަމަށްވާ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ލަމްހާ އުޅޭ ތަނުން ފެނިފައި ވާތީ އެވެ.

އައިޖީއެމްއެޗްގެ ޑައިލިސިސް ޔުނިޓްގައި މަސައްކަތްކުރާ މޭރީ ދަންޖެހިގެން މަރުވީ ޑިއުޓީގައި ހުރެފައި ގެޔަށް ދިއުމަށް ފަހު ކަމަށް މާވިން ވަނީ ބުނެފަ އެވެ. ނަމަވެސް ދަންޖެހިގެން މަރުވެފައި އޮންނަ މީހެއްގެ ހަށިގަނޑުން ފެންނަ ފަދަ ނިޝާންތަކެއް މޭރީގެ ހަށިގަނޑުގައި ނެތުމުން ތަހުގީގު ފުޅާކޮށް ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމުން، މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުންކަން ފަހުން އެނގުނެވެ.