Roadha Mihaaru
ހުސައިންގެ ވައުދުތައް ފުއްދައިދޭނީ އެމްއެންޕީން: ނާޒިމް

ހުސައިންގެ ވައުދުތައް ފުއްދައި ދޭނީ އެމްއެންޕީން: ނާޒިމް

07 ޖެނުއަރީ 2022

ށ. ކޮމަންޑޫ ދާއިރާގެ ތަރައްގީ އަށް ކުރީގެ މެމްބަރު ހުސައިން ވަހީދު ވަރަށް ގިނަ މަސައްކަތްތަކެއް ފައްޓަވައި ދެއްވާފައިވާ ކަމަށާއި އެ ކަންކަން ފުއްދައި ދޭނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ށ. ކޮމަންޑޫ ދާއިރާގެ ތަރައްގީ އަށް ކުރީގެ މެމްބަރު ހުސައިން ވަހީދު ވަރަށް ގިނަ މަސައްކަތްތަކެއް ފައްޓަވައި ދެއްވާފައިވާ ކަމަށާއި އެ ކަންކަން ފުއްދައި ދޭނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އެ ދާއިރާގެ މެމްބަރުކަން ފުރުއްވަމުން ގެންދެވި އެމްޑީޕީގެ ހުސައިން ވަހީދު ކެންސަރު ބަލީގައި މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމުން އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.

އެމްއެންޕީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ އަބްދުލް ހަންނާންގެ ކެމްޕެއިން ޖަލްސާގައި ނާޒިމް ވިދާޅުވީ، އަމިއްލަ ގޮތުން އަދި ރަސްމީ މަސައްކަތުގައި މެމްބަރުން ދާއިރާ އަށް އެހީދެއްވާ ކަމަށެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށަށް ހުސައިން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ފަހު، އިތުރު ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި އެމްއެންޕީން އެކަން ފުއްދައި ދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުޅިވަރު މުބާރާތްތައް ހިމެނެ އެވެ.

"އަޅުގަނޑުމެން އަލްމަރްހޫމް ހުސައިން ވަހީދު ވެވަޑައިގެންފައިވާ ވައުދުތައް އިރާދަކުރެއްވިއްޔާ އަަޅުގަނޑުމެން، މި ޕާޓީން ތި ހުރިހާ ރައްޔިތުންނަށް ފުއްދައިދޭނެ،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީން ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި، އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: އެމްއެންޕީ

އެމްއެންޕީން ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި، އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: އެމްއެންޕީ

އޭނާ ވިދާޅުވިގޮތުގައި، ހަންނާނު ހޮވައިދީފި ނަމަ ހުސައިން ވެވަޑައިގެންނެވި ވައުދުގެ ތެރޭގައި ހިމެނޭ ހުރިހާ މުބާރާތެއް ބާއްވައިދޭނެ އެވެ.

ބައި-އިލެކްޝަން ބޯމަތިވެފައިވަނިކޮށް، ޔޫތު މިނިސްޓްރީން ވަނީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫގެ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން އިއްޔެ ފަށައިފަ އެވެ. އެކަމަށް ވެސް ނާޒިމް ރޭ ފާޑުވިދާޅުވި އެވެ.

މަޖިލީހުގައި މެމްބަރުންގެ ރޯލަކީ ރައްޔިތުންގެ އަޑު ސާފުކޮށް އިއްވުން ކަމަށް ވިޔަސް އެކަން ކުރެވޭނީ، އޭނާ ވިދާޅުވި ގޮތުގައި، ތައުލީމީ، ގާބިލް މީހަކަށެވެ. ނަމަވެސް މި ސަރުކާރާއި ކުރީގެ ސަރުކާރުތަކުން ތައުލީމީ މީހުންނަށް ދޭ އަހައްމިއްޔަތެއް ނުފެންނަ ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން ނާޒިމް ނެންގެވީ ރައްޔިތުންގެ މަޖިލީހެވެ.

އޭނާ ވިދާޅުވީ ނުކިޔަވައި ތިބި މީހުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރުމުން ފެންނަ މަންޒަރު މަޖިލީހުން މިހާރު ފެންނަމުންދާ ކަމަށެވެ.

އެކަމަކު، ތައުލީމީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހަންނާނު، ރައްޔިތުން އެދޭ ކަންކަން މަޖިލީހުގައި އިއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.