01 ޖެނުއަރީ 2022
މީގެ ހަތް މަސް ކުރިން ނާޒިމާ އުޅުނީ ވަރަށް ހާލުގަ އެވެ. އޭރު ބަލިވެ އިން ނާޒިމާ، އޭނާގެ މަންމަ އާއި 12 އަހަރުން ދަށުގެ ފަސް ދަރިންނާ އެކު، ވީރާނާ ވެފައިވާ ގެއެއްގައި އުޅެމުން ދިޔަ ހާލު އެންމެންނަށް ހާމަކުރީ "މަމްސް" ޖަމިއްޔާ އިންނެވެ.
މީގެ ހަތް މަސް ކުރިން ނާޒިމާ އުޅުނީ ވަރަށް ހާލުގަ އެވެ. އޭރު ބަލިވެ އިން ނާޒިމާ، އޭނާގެ މަންމަ އާއި 12 އަހަރުން ދަށުގެ ފަސް ދަރިންނާ އެކު، ވީރާނާ ވެފައިވާ ގެއެއްގައި އުޅެމުން ދިޔަ ހާލު އެންމެންނަށް ހާމަކުރީ "މަމްސް" ޖަމިއްޔާ އިންނެވެ.
ރާއްޖޭގެ ދެކުނުގެ ރަށަކަށް ނިސްބަތްވާ މި އާއިލާ އުޅެމުން ދިޔަ ގޭގެ ހާލަތު މިފަދަ ޒަމާނެއްގައި ހިތަށް ގެންނަން އުނދަގޫހާ ދަށެވެ. ފުރާޅުގައި ޖަހާފައިވާ ޓިނުތައް ފޫގޮސް ވާރޭ ހިޔާ ނުވެ އެވެ. ދެ ކޮޓަރީގައި މުށި ޖަހާފައި ހުއްޓަސް ނިދާނެ އެނދެއް ނެތެވެ. ނިދަނީ ބިންމަތީގައި ބާލިސް އަޅައިގެންނެވެ. އަންނައުނު ބަހައްޓަން އަލަމާރިއެއް، ކަބަޑެއް ނެތެވެ. ހުރިހާ އެއްޗެއް ހުންނަނީ ކަރުދާސް ފޮށިތަކަކަށް އަޅައިފަ އެވެ.
ތިރި ފެން ވަޅަކުން ފެން ނަގައިގެން ފެންވަރަންޖެހޭ ގޮތަށް ހުރީ ގިފިއްޔެކެވެ. ފާހާނާ ކުރުމަށް ބޭނުންކުރަން ޖެހެނީ ތިރި ތައްޓަކެވެ. އެތަނުގައި ވެސް ތަށިމުށިތައް ނެއްޓި ފެންނަނީ ވަރަށް ނުތާހިރުކޮށެވެ.
މި ހުރިހާ ކަމެއް ބަދަލުކޮށްލީ، އެތައް ބަޔަކަށް މިހާތަނަށް ހިނިތުންވުން ގެނެސްދީފައިވާ "މަމްސް އޯފަރިން މަމްސް ސަޕޯޓް" ޖަމިއްޔާ އިންނެވެ.
ނާޒިމާގެ އާއިލާ ކުރިން އުޅުނު ގެ ފެންނަ ބައެއް ފޮޓޯތައް ހިމެނޭ ޕޯސްޓެއް
ފިރިމީހާގެ ފަރާތުން ގެވެށި އަނިޔާގެ ޝިކާރައަކަށްވެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާ ކުރިމަތިލާން ޖެހުނު ނާޒިމާ ގޮތް ހުސްވެފައި ހުއްޓައި އޭނާގެ އެ ނިކަމެތި ހާލު ބަދަލުކޮށްލުމަށް "ހެލްޕް ނާޒިމާ ފެމެލީ" ގެ ނަމުގައި މަމްސް ޖަމިއްޔާ އިން ފެށި ކެމްޕެއިނަކީ މި އަހަރު އެ ޖަމިއްޔާ އިން އެއް އާއިލާއަކަށް ފޯރުކޮށްދިން އެންމެ ބޮޑު އެހީ އެވެ.
ފޭސްބުކްގައި "މަމްސް އެމްވީ" ނަމުގައި ފެށި ޕްރައިވެޓް ގްރޫޕް ފުޅާވެ 2019 ވަނަ އަހަރުގެ ތެރޭގައި މި ނަމުގައި ޖަމިއްޔާ ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަލަށް މައިންނަށްވާ މީހުންނާއި ދަރިންނަށް ދިމާވާ ކަންކަމާއި މައިންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދޭ އެ ޕޭޖުގައި 37،000 އަށް ވުރެ ގިނަ އަންހެނުން އެބަ ތިއްބެވެ.
މަމްސްގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރު، ފާތުމަތު ފިއުރީން، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެހީ ޖަމިއްޔާއާ ގުޅިގެން ފަސް ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ނާޒިމާގެ އާއިލާ ދިރިއުޅެމުން އައި ގެ ޒަމާނީ ފެންވަރަކަށް ބަދަލުކޮށް އެތަން މިދިޔަ މަހު ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ.
ގޭގެ ވަށައިގެންވާ ފާރު އުސްކޮށް ރާނައި މުޅި ގޭގައި ކުލަ ލައި މުޅިން އާ ގެއަކަށް ބަދަލުކޮށްލި އެވެ. ސިޓިން ރޫމުގައި ވެސް ތަށިމުށި ޖަހައި، ސޯފާ ބަހައްޓައިދީފައި ހުރިއިރު އެތަނުގައި ހަމަޖެހިލައިގެން ޓީވީ ބަލައިލެވޭނެ އިންތިޒާމު ވެސް ހުރީ ހަމަޖައްސައިފަ އެވެ. ކޮޓަރިތައް ފުރިހަމަކޮށްދިނީ އެންމެ ފަހުގެ އެނދާއި ގޮނޑި އާއި އަލަމާރިންނެވެ. ގޭގެ ފުރާޅު ބަދަލުކޮށް ސީލިންގުކޮށް ފާހާނާ ވެސް ބަދަލުކުރި އެވެ. ބަދިގެ ވެސް ހުރީ ކަބަޑް ސެޓް ހަރުކޮށްދީ ވަރަށް ޒަމާނީކޮށްލައިފަ އެވެ.
ގެޔަށް ގެނައި ބޮޑު ބަދަލުގެ އިތުރުން ކުދިން ކުޅެން ބޭނުންވާ ސާމާނު ވެސް އެ ޖަމިއްޔާ އިން ހޯދައިދިނެވެ.
ނާޒިމާ އުޅޭ ގެ އެއްކޮށް ބަދަލުކޮށްލާފައި
މުސްކުޅި މަންމައަށް ލިބޭ 5،000ރ. އިން ނާޒިމާ، އެ ގޭގެ ކަރަންޓު ބިލް ދައްކާފައި ފަސް ކުދިންނާއި ދެމައިންނަށް ހަރަދުކުރާ ވަރު ވެސް ނެތިފައި ތިއްބާ ލިބުނު ބޮޑު އެހީން ހުރިހާ ކަމެއް ބަދަލުވީ އެވެ.
"މަމްސް" އިން އަހަރުގެ އެންމެ ބޮޑު އެހީ ނާޒިމާގެ އާއިލާއަށް ވިޔަސް މިހާރު ވެސް "ހެލްޕް އައިޝާ ފެމެލީ" ގެ ނަމުގައި އެ ޖަމިއްޔާ އިން އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. މިއީ ވެސް އެކަނިވެރި މަންމައެއްގެ ހިތްދަތި ދިރިއުޅުން ފެނިގެން އޭނާއަށް އެހީ ހޯދައިދޭން ކުރާ މަސައްކަތެކެވެ.
ފޭސްބުކް ޕްރައިވެޓް ގްރޫޕަކުން ޖަމިއްޔާއަކަށް ބަދަލުވީ ނަމެއްގައެއް ނޫނެވެ. ރަށްރަށުގައި ވެސް ޖަމިއްޔާގެ އަޑު ގަދަކޮށްލި އެވެ.
ފިއުރީން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 105 ރަށެއްގައި އެ ޖަމިއްޔާގެ އެޑްމިން އޮފިސަރުން ހަރަކާތްތެރިވާނެ ކަމަށެވެ. ނިކަމެތިކޮށް ބަޔަކު އުޅޭކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ، ޖަމިއްޔާއާ ހަމައަށް އެ އާއިލާއެއްގެ އަޑު ގެނެސްދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ މި އޮފިސަރުންނެވެ.
"އެ އެޑްމިންސް އުޅޭ ރަށްރަށުގައި، ފޮޓޯއާ އެކީގައި، އެކަހަލަ އާއިލާތައް ހޯދައި އެ އާއިލާގެ މައުލޫމާތު ގެއަށް ގޮސްގެން އެބަ ބަލަން. އެޑްމިން ފޮޓޯ ފޮނުވީމާ އަޅުގަނޑުމެން ޖަމިއްޔާއިން އިތުރަށް ވެރިފައިކޮށްފައި އެ ކުރަންޖެހޭ ކަންކަން މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.
- ސުޕަ ކިޑްސް ޗެލެންޖް
ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކުރުމުން ގޭގައި ތިބެންޖެހި ކުދިން މާބޮޑަށް ސްކްރީނާ ގާތްވުމުންނާއި ނަފްސާނީ މައްސަލަތަކުން ދުރުކުރުމަށް ހިންގި މި ޗެލެންޖްގައި ވަނީ ކުދިންނަށް ބުކްލެޓެއް ދީފަ އެވެ. އެކި ޗެލެންޖްތައް ހިމެނޭ އެ ބުކްލެޓްގެ މަސައްކަތްތައް ކުރުމުން ޖަމިއްޔާ އިން ދިޔައީ ކުދިންނަށް މެޑެލް އާއި ސެޓްފިކެޓް ދެމުންނެވެ. މި ޗެލެންޖްގައި މެޑްލަ އާއި ބުކްލެޓް ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރަނީ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނަށް އެހީވުމަށެވެ.
- އޮންލައިން އެކްސްޕޯ
"މަމްސް އެކްސްޕޯ" ގެ ނަމުގައި މި ޖަމިއްޔާ އިން ކުރިއަށް ގެންދާ ހަރަކާތް މިފަހަރު ބޭއްވީ އޮންލައިން އެކްސްޕޯގެ ނަމުގަ އެވެ. މައިންނަށް ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ކުރިއަށް ގެންދިޔަ މި ހަރަކާތް އޮންލައިންކޮށް މިއަހަރު ބޭއްވިއިރު 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އޮންލައިން އެކްސްޕޯގައި ފިރިހެނުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ދިނެވެ.
- ރޯދަ މަހު އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުން
މިއީ މަމްސް ޖަމިއްޔާގެ ކެއާ ލިސްޓުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ކެއާ ލިސްޓުގައި ހިމެނެނީ ޔަތީމު ކުދިންނާއި އެކަނިވެރި މައިންނާއި ބޮޑެތި ބަލިތަކާ ހަނގުރާމަކުރަންޖެހުމުން މަސައްކަތްނުކުރެވޭ އާއިލާތަކެވެ. ފަންޑު ހޯދައިގެން މި އާއިލާތަކަށް އެހީ ފޯރުކޮށްދޭއިރު މިއަހަރުގެ ރޯދަ މަހުގެ ތެރޭގައި 125 އާއިލާއަކަށް ވަނީ ކާބޯތަކެތި ފޯރުކޮށްދީފަ އެވެ.
- އެހީ ބޭނުންވި ކުޑަކުއްޖަކަށް ފައިސާ ހޯދަން ކުރިއަށް ގެންދިޔަ ހަރަކާތުގައި 21،000ރ. އެ ޖަމިއްޔާގެ ފަރާތުން ދިން.
- އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާ ގުޅިގެން ޔަމަން، ސީރިއާ، ރޮހިންޖާ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ނ. މާފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި 24،800ރ. ހޯދި.
- މާލޭގެ އިތުރުން ރަށްރަށުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އީދު/ ރޯދައިގައި ކުޅޭ އެއްޗެއްސާއި އަންނައުނާއި ވާހަކަ ފޮތް ހަދިޔާކުރި.
- އެކަނިވެރި މަޔަކު މާލޭގައި އެއް ކޮޓަރީގައި ތިން ކުދިންނާ އެކު ވަރަށް ހާލުގައި އުޅޭ މަންޒަރު ފެނިގެން، އެތަނުގެ ފަރުނީޗަރު ބަދަލުކޮށްދީ އާއިލާއަށް ހަ މަހަށް ބޭނުންވާނެ ކާބޯތަކެތި ފޯރުކޮށްދިން.
- ސްކޫލު ކުދިންނަށް ބޭނުންވާ އެއްޗެހި ހޯދައިދިނުމަށް ކުރިއަށް ގެންދާ "ބެކް ޓު ސްކޫލު" ޕްރޮގްރާމުގައި 40 އަށް ވުރެ ގިނަ ކުދިންނަށް ސްކޫލަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދިން.
ފިއުރީން ވިދާޅުވި ގޮތުގައި މިއަހަރު ދިން މި އެހީތަކަށް ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ވަނީ ހަރަދުވެފަ އެވެ. މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެހީއަށް ބޭނުންވާ 450 އާއިލާއެއް އެ ޖަމިއްޔާއިން ވެރިފައިކޮށްފައިވާއިރު މީގެ ތެރޭގައި ކާބޯތަކެތީގެ އެހީތެރިކަމާއި ކުދިންގެ ޓިއުޝަން ފީ އަދި ސްކޫލަށް ބޭނުންވާ ސާމާނާއި ނެޕީ އާއި ސިއްހީ އެކި އެހީތެރިކަމަށް ބޭނުންވާ އާއިލާތައް ހިމެނެ އެވެ.
"އެއް އަހަރަށް ވުރެ އަނެއް އަހަރު ލިބޭ އެހީ އިތުރުވަމުން ދިއުމަކީ އާންމުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިފައިވާ އިތުބާރު. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ބޮޑު ތަރުހީބެއް،" އޭނާ ވިދާޅުވި އެވެ.
ފިއުރީން ވިދާޅުވީ މަމްސް ޖަމިއްޔާގެ ކެއާ ލިސްޓުގައި ތިބި އާއިލާތަކަށް ދާއިމީ ގޮތެއްގައި އެހީވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބަ އޮތް ކަަމަށެވެ.
މަމްސް ޖަމިއްޔާ އިން އެދެނީ ކިތަންމެ ކުޑަ އެހީތެރިކަމެއް ވިޔަސް ދިނުމަށެވެ. ވެދެވޭ ކުޑަ އެހީއަކުން ވެސް އާއިލާއެއްގެ ނިކަމެތި ދިރިއުޅުން ބަދަލުކޮށްދީ ހިނިތުންވުމެއް ގެނައުމުގައި ބައިވެރިވެވިދާނެ އެވެ.
ދަރިމައިނުވުމުގެ ހިތްދަތިކަމަށް ހާއްސަ ޖަމިއްޔާއެއް
ފުރައްސާރައިގެ ކޭސްތަކުގައި ފެމިލީލީގަލް ކްލިނިކްގެ އެހީ
އެންޑޯމެޓްރިއޯސިސް އަށް ހޭލުންތެރިކުރަން ޖަމިއްޔާއެއް
ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ޖަމްއިއްޔާތައް ދެކޮޅު
"ގާލްސް ޓު ކޯޑް"ގެ ހއ.ދިއްދޫ އެޑިޝަން ނިންމާލައިފި
ރޯޑް ރޭހުން ޖަމްއިއްޔާތަކަށް ހަ ލައްކަ ރުފިޔާ!
ޖަޕާނުގެ މަޖިލީހަށް ރެކޯޑް އަދަދަކަށް އަންހެނުން
ސްޓެލްކޯ އިން އަންހެން އިލެކްޓްރީޝަނުން ތަމްރީނު ކުރަނީ
އަނިޔާއާ ދެކޮޅަށް ބަންގްލާދޭޝްގެ އަންހެނުން މުޒާހަރާއަށް
އަންހެނަކަށް އިންސާފު ލިބެނީ ދިވެހި ފިލްމަކުން