Roadha Mihaaru
އެކައުންޓެންޓުން ތަމްރީންކުރަން 150 ސްކޮލަޝިޕް

ޗާޓާޑް އެކައުންޓެންޓުން ތަމްރީންކުރަން ސަރުކާރުން 150 ސްކޮލަޝިޕަށް ހުޅުވާލައިފި

30 ޑިސެމްބަރ 2021

ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން އުފެއްދުމަށް ސަރުކާރުން 150 ސްކޮލަޝިޕް މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން އުފެއްދުމަށް ސަރުކާރުން 150 ސްކޮލަޝިޕް މިއަދު ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސާފައިވާ ފުރުސަތަށް އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

ރާއްޖޭގައި ތިބެގެން ކިޔަވަން ހުޅުވާލި ސްކޮލަޝިޕްތަކުގައި އޭސީސީއޭ ސްކިލްސް ލެވެލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް، ސީމާ މެނޭޖްމަންޓް ލެވެލް އަދި ސީމާ ސްޓްރެޓީޖިކް ލެވެލްއަށް ކިޔަވޭނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާއި އެ ދާއިރާއިން ތައުލީމް ލިބިފައިވާ މީހުންނަށް ވެސް ސްކޮޮލަޝިޕަށް ކުރިމަތިލެވޭނެ އެވެ.

އެ ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުންގެ ރަޖިސްޓްރީ ފީ އާއި އަހަރީ ސަބްސްކްރިޕްޝަން ފީ އާއި އެގްޒެމްޕްޝަން ލިބޭ މީހުންނަށް އެގްޒަމްޕްޝަން ފީ އާއި އިމްތިހާނު ފީގެ އިތުރުން ފޮތް އެލަވަންސް، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖު ނުވަތަ ޔުނިވާސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ އަދި މަރުކަޒަކަށް ހާޒިރުނުވެ އަމިއްލައަށް ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ ނުހިމަނައި ބާކީ ހުރި ހަރަދުތައް ދޭނެ އެވެ.

ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުން ރާއްޖޭގައި ހިދުމަތް ކުރުމަށް ދެ އަހަރަށް ބޮންޑުކުރާނެ އެވެ.