Roadha Mihaaru
ފެނާއި ނަރުދަމާގެ އެންމެ ގިނަ ޕްރޮޖެކްޓް ފެނަކައަށް

ފެނާއި ނަރުދަމާގެ އެންމެ ގިނަ ޕްރޮޖެކްޓް ފެނަކައަށް

29 ޑިސެމްބަރ 2021

ފެނާއި ނަރުދަމާ ހުރިހާ ރަށެއްގައި ގާއިމުކުރުމުގެ ވައުދުގެ ދަށުން އެ މަސައްކަތް ހަވާލު ނުކޮށް އޮތް 23 ރަށުގެ ފެނާއި ނަރުދަމާ އެޅުމަށް މިއަދު އިއުލާނު ކުރި އިރު އޭގެ ތެރެއިން 16 ރަށެއްގެ މަސައްކަތް ފެނަކާއާ ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފެނާއި ނަރުދަމާ ހުރިހާ ރަށެއްގައި ގާއިމުކުރުމުގެ ވައުދުގެ ދަށުން އެ މަސައްކަތް ހަވާލު ނުކޮށް އޮތް 23 ރަށުގެ ފެނާއި ނަރުދަމާ އެޅުމަށް މިއަދު އިއުލާނު ކުރި އިރު އޭގެ ތެރެއިން 16 ރަށެއްގެ މަސައްކަތް ފެނަކާއާ ހަވާލުކޮށްފި އެވެ.

މިއީ މިއަދު އިއުލާނު ކުރި ޕްރޮޖެކްޓްތަކުގެ 70 ޕަސެންޓެވެ.

ފެނަކައިން ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރަނީ ލ. ކުނަހަންދޫ، މ.ނާލާފުށި، މ.ރަތްމަދޫ، ނ. މަގޫދޫ، ށ.ނޫމަރާ، ށ. ބިލަތްފަހި، ބ.ކިހާދޫ، ބ. ކުޑަރިކިލު، ބ.ފުޅަދޫ، ބ. ފެހެންދޫ އަދި ބ.ދޮންފަޅުގަ އެވެ. އަދި ތ. ދިޔަމިގި، ތ. މަޑިފުށި، އދ. ފެންފުށި، ނ. މިދަލޫ އާއި ނ.ލަންދޫގައި ފެނުގެ ހިދުމަތް ދިނުމަށް ޕްރޮޖެކްޓްތައް ހިންގާނެ އެވެ.

މި 16 ރަށުގެ މަސައްކަތަށް 600 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އަދި މިއިން ކޮންމެ ޕްރޮޖެކްޓެއް ވެސް އެއް އަހަރާއި ދޮޅު އަހަރާއި ދެމެދުގެ ތެރޭގައި ނިންމަން ވަނީ ކަނޑައަޅާފަ އެވެ. ފެނަކައިން ބުނީ އަމާޒަކީ އެގްރީމަންޓްގައި ކަނޑައަޅާފައިވާ މުއްދަތަށްވުރެ އަވަހަށް މަސައްކަތް ނިންމުން ކަމަށެވެ.

ފެނަކައިން ބުނީ މިހާ ގިނަ ރަށްތަކެއްގެ މަސައްކަތް ކުރަން ލިބުމުން އެނގެނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި އެކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރު ކަމަށެވެ.

ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާ ގާއިމު ނުކުރެވި އޮތް 23 ރަށުގައި އެ މަސައްކަތް ކުރުމަށް އެކި ކުންފުނިތަކާ ހަވާލުކުރި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދައިދިނުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް އައި ހުރިހާ ސަރުކާރަކަށް ނިންމިފައި ވަނީ 69 ރަށުގެ ނަރުދަމާ އާއި 37 ރަށެއްގެ ފެނުގެ ނިޒާމްގެ މަސައްކަތެވެ.