Roadha Mihaaru
އާސަންދައަށް 10 އަހަރު: ފަރުވާއަށް 16 ބިލިއަން

އާސަންދަ އަށް 10 އަހަރު: ފަރުވާއަށް 16 ބިލިއަން ރުފިޔާ

25 ޑިސެމްބަރ 2021

ދިވެހިންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް ސަރުކާރުން ގެންދާ އިންޝުއަރެންސް ސްކީމުން މިހާތަނަށް 16 ބިލިއަން ރުުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ ސްކީމް ހިންގާ އާސަންދަ ކުންފުނިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހިންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް ސަރުކާރުން ގެންދާ އިންޝުއަރެންސް ސްކީމުން މިހާތަނަށް 16 ބިލިއަން ރުުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ ސްކީމް ހިންގާ އާސަންދަ ކުންފުނިން ރޭ ބުނެފި އެވެ.

އެ ކުންފުންޏަށް 10 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި، މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވީ އާސަންދަ ސްކީމުން އާބާދީގެ ބޮޑު ބައެއްގެ ބޭސްފަރުވާ އަށް ހަރަދު ކޮށްފައިވާ ކަމަށެވެ. މިދިޔަ 10 އަހަރުގެ ތެރޭގައި 16 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި، ކޮންމެ އަހަރަކު ވެސް 300،000 އަށް ވުރެ ގިނަ މީހުން އާސަންދަ އިން ހިދުމަތް ހޯދާފައިވާ ކަމަށެވެ.

ބަލިވުމުން ނުވަތަ ހާލު ދެރަވެގެން ބޭސްފަރުވާ ކުރުމަށް ފާއިތުވި އަހަރުތަކުގައި ގާތްގަނޑަކަށް 64 ޕަސެންޓް ހަރަދުކޮށްފައި ވެ އެވެ. އެ މުއްދަތުގައި ޑޮކްޓަރީ ބޭހަށް 31 ޕަސެންޓު އަދި ބަލިވެގެން ފަރުވާ ހޯދުމަށް ރާއްޖެ އާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށް ފަސް ޕަސެންޓް ހަރަދުކުރި އެވެ.

"މިހެން ވުމުން ސްކީމްގެ ހަރަދު ބޮޑުވެ، މީހާގެ ފުރާނަ ނުރައްކާވާ ހާލަތަށް ވެސް އެބަދޭ ފަރުވާ ލަސްވެގެން ދާތީވެ. މި ކަމުގެ ހައްލަކަށް އެންމެން މަސައްކަތް ކުރަންޖެހޭ،" ހިރިޔާ ސްކޫލްގައި ބޭއްވި ޖަލްސާގައި މަރިޔަމް ވިދާޅުވި އެވެ.

އާސަންދަ ކުންފުންޏަށް 10 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވާހަކަދައްކަވަނީ.- ފޮޓޯ: ރައީސް އޮފީސް

އާސަންދަ ކުންފުންޏަށް 10 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވާހަކަދައްކަވަނީ.- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވިގޮތުގައި، އާސަންދަ ކުންފުނިން އެކަނި މަސައްކަތް ކޮށްގެން އެ ކަންކަމެއް ހައްލެއް ނުކުރެވޭނެ އެވެ. އޭގެ ބަދަލުގައި ދުޅަހެޔޮކޮށް ތިބުމަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމާއި ފަރުވާ ހޯދުމާއި ފަރުވާ ލިބިގަތުމުގައި ޒިންމާ ނެގުމާއި ޕަބްލިކް ހެލްތު ނަގަހައްޓަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އާސަންދަ އިން މިހާރު އެންމެ އިސްކަންދެނީ، މަރިޔަމް ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ ތެރެއިން ނާޖައިޒް ފައިދާ ނެގުން ހުއްޓުވައި، ކުންފުނީގެ އިސްރާފު ކުޑަކޮށް ހަރުދަނާ ކުރުމަށެވެ.

އެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީމ ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އާސަންދަ މެދުވެރިކޮށް މިހާރު ވެސް އާބާދީގެ ބޮޑު ބަޔަކަށް ބޭސްފަރުވާ ކޮށްދެމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އާސަންދަ ކުންފުންޏަށް 10 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް ބައިވެރިވަނީ.- ފޮޓޯ: ރައީސް އޮފީސް

އާސަންދަ ކުންފުންޏަށް 10 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް ބައިވެރިވަނީ.- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ވީހާ ވެސް ލުއިފަސޭހަކޮށް އެކަންކަން ކޮށްދިނުމަށް އަބަދުވެސް ވިސްނަންޖެހޭ ކަމަށެވެ.

ދައުލަތުން އެއްވެސް މީހަކަށް ހިދުމަތެއް ދޭންޖެހޭ ނަމަ ތަފާތު ކުރުމެއް ނެތި އެ ހިދުމަތެއް ފޯރުކޮށްދޭންޖެހޭ ކަމަށާއ ހިދުމަތް ދިނުމުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދިނުމަށް ފައިސަލް އެދިވަޑައިގަތެވެ.

ސަރުކާރުގެ މުވައްޒަފުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި "މަދަނަ" ގެ ނަމުގައި ސްކީމެއް ތައާރަފްކުރި އެވެ. މިހާރު މި ލިބޭ ގޮތަށް އާސަންދައިގެ ހިދުމަތް ފުޅާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.