Roadha Mihaaru
އަންހެން ދަރިވަރުންނަށް ވެސް ފަޓްލޫނާއި ގަމީސް

ކެރެލާގެ ސްކޫލެއްގެ އަންހެން ދަރިވަރުންނަށް ވެސް ޔުނިފޯމަކަށް ފަޓްލޫނާއި ގަމީސް

24 ޑިސެމްބަރ 2021

އިންޑިއާގެ ކެރެލާގެ ސްޓޭޓްގެ ސަރުކާރުގެ ސްކޫލެއްގައި އަންހެން ދަރިވަރުންނަށް ފިރިހެން ދަރިވަރުންނާ އެއްގޮތަށް ގަމީހާއި ފަޓްލޫން ލާން ހުއްދަ ދިނުމުން ބައެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކެރެލާގެ ސްޓޭޓްގެ ސަރުކާރުގެ ސްކޫލެއްގައި އަންހެން ދަރިވަރުންނަށް ފިރިހެން ދަރިވަރުންނާ އެއްގޮތަށް ގަމީހާއި ފަޓްލޫން ލާން ހުއްދަ ދިނުމުން ބައެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ބައެއް މީޑިއާތަކުން ބުނީ ދެ ޖިންސްގެ ދަރިވަރުންނަށް އެއްގޮތަކަށް ޔުނިފޯމް އަޅަން ހުއްދަ ދިނުމުން އެކަން މައްސަލައަކަށް ހަދަނީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ބައެއް ކަމަށެވެ. އަދި މިކަމާ ހެދި ބައެއް މީހުން ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ. މީގެކުރިން އެ ސްކޫލްގައި ކުރިން އަންހެން ދަރިވަރުން ޔުނިފޯމަކަށް ލަމުން އައި ކަކުލާ ހަމައަށް އޮންނަ އަދި އުޅަބޮއްޓާ ހަމައަށް އަތް ދިގު ހެދުމަކާއި ދޫ ހަރުވާޅެކެވެ. އަދި ޔުނިފޯމްގެ މަތިން އަތްކެޑި ޖެކެޓެއް ވެސް ހިމެނެ އެވެ.

އަންހެން ދަރިވަރުންގެ ޔުނިފޯމަށް ގެނައި ބަދަލާ ބެހޭ ގޮތުން ސްކޫލްގެ ޕްރިންސިޕަލް އިންދޫ އާރް ވިދާޅުވީ އެ ނިންމުމަކީ ސްކޫލްގެ ޕީޓީއޭ އާއި މުޅި މެނޭޖްމަންޓާ މަޝްވަރާކޮށްފައި ނިންމި ނިންމުމެއް ކަމަށެވެ.

"ޔުނިފޯމަށް ބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ ކެރެލާގެ ހޫނު މޫސުމާ ވެސް ނުގުޅޭ އެއްޗަކަށްވާތީ. ކުރިން ބޭނުން ކުރަމުން އައި ޔުނިފޯމަކީ ލައިގެން އުޅެން ފަސޭހަ އެއްޗެއް ނޫން. މި ބަދަލު ގެނައީ މަޝްވަރާކުރުމަށް ފަހު މެޖޯރިޓީ އެކަމަށް އެއްބަސްވުމަކަށް އައިމަ." ޕްރިންސިޕަލް ވިދާޅުވި އެވެ.

ކެރެލާގެ މަތީ ސާނަވީ ސްކޫލެއްގެ ދެ ޖިންސްގެ ދަރިވަރުންނަށް އެއްގޮތަކަށް ޔުނިފޯމް އަޅަން ހުއްދަ ދިން އިރު، މިއީ އިންޑިއާގެ ސަރުކާރުގެ މަތީ ސާނަވީ ސްކޫލަކުން މިފަދަ ބަދަލެއް ގެނައި ފުރަތަމަ ފަހަރު ވެސް މެ އެވެ. ކެރެލާގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ ޔުނިފޯމަށް ގެނައި ބަދަލަށް މަރުހަބާ ވިދާޅުވެ، އިންޑިއާގެ މުޅި ތައުލީމީ ނިޒާމު ވެސް އެފަދަ ބަދަލަކަށް ދާން ގޮވާލައްވައިފަ އެވެ. އަދި މިއީ ކުރިއަށް އެޅުނު ވަރަށް ހެޔޮ ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސްކޫލްތަކުގެ ޔުނިފޯމާ ގުޅޭ ގޮތުން ގިނަ ގައުމުތަކުގައި އެންމެ ބޮޑަށް ބަހުސްކުރެވޭ އެންމެ ބޮޑު ކަމަކީ އަންހެން ދަރިވަރުން އާންމުކޮށް ސްކާޓްލާން ޖެހުމެވެ. އެގޮތުން މީގެ ތިން އަހަރު ކުރިން އިނގިރޭސިވިލާތުގެ ސްކޫލްތަކެއްގައި އަންހެން ދަރިވަރުންނަށް ސްކާޓް މަނާ ވެސް ކޮށްފައިވެ އެވެ.