Roadha Mihaaru
ނިއު ޒީލޭންޑް ހުޅުވައިލުން ފެބްރުއަރީއަށް ފަސްކޮށްފި

ނިއު ޒީލޭންޑް ހުޅުވައިލުން ފެބްރުއަރީ އަށް ފަސްކޮށްފި

21 ޑިސެމްބަރ 2021

ކޮވިޑް-19 ވަބާއިން ރައްކާތެރިވުމުގެ ގޮތުން އިއުލާންކޮށްފައިވާ ފުރަބަންދުގެ ހާލަތު އުވާލައި އެ ގައުމުގެ ބޯޑަރުތައް އަލުން ހުޅުވައިލުން، މިއަންނަ ފެބްރުއަރީ މަހަށް ފަސްކޮށްފައިވާ ކަމަށް ނިއު ޒީލޭންޑް ސަރުކާރުން މިއަދު ބުނެފި އެވެ.

ކޮވިޑް-19 ވަބާއިން ރައްކާތެރިވުމުގެ ގޮތުން އިއުލާންކޮށްފައިވާ ފުރަބަންދުގެ ހާލަތު އުވާލައި އެ ގައުމުގެ ބޯޑަރުތައް އަލުން ހުޅުވައިލުން، މިއަންނަ ފެބްރުއަރީ މަހަށް ފަސްކޮށްފައިވާ ކަމަށް ނިއު ޒީލޭންޑް ސަރުކާރުން މިއަދު ބުނެފި އެވެ.

ކުރިން ހަމަޖައްސާފައި އޮތީ، ފުރަބަންދުގެ ހާލަތަށް ލުއިތަކެއް ދިނުމަށް ފަހު، އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބޯޑަރުތައް ހުޅުވާލައި ވައިގެ ދަތުރުތައް ފެށުމަށެވެ. ނިއު ޒީލޭންޑް ސަރުކާރުން ބުނި ގޮތުގައި، ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް އަލުން ފެށުން ފަސްކޮށްލަން ޖެހުނީ، ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން ބާވަތުގެ ވައިރަސް، ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން ދާތީ އެވެ.

ނިއު ޒީލޭންޑް ސަރުކާރުން ބުނި ގޮތުގައި އޮސްޓްރޭލިޔާގައި ދިރިއުޅޭ ނިއު ޒީލޭންޑްގެ ރައްޔިތުން، އެނބުރި ގައުމަށް އައިސް ކަރަންޓީނު ނުވެ އުޅެވޭ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ، އަންނަ ޖެނުއަރީ 16ގެ ފަހުންނެވެ. ނަމަވެސް މިހާރު ހަމަޖެއްސި ގޮތުން އެ ލުއި ދެން ލިބޭނީ، ފެބްރުއަރީ މަސް ނިމޭހާ ތާނގަ އެވެ.

މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، ކުރިއަށް އޮތް ކްރިސްމަސް އާއި އާ އަހަރު ފެށޭ ޗުއްޓީގައި ހަރުކަށި ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ކޮވިޑް ފަތުރޭ މިންވަރު އިތުރުވާނެ ކަމަށް ގައުމުތަކުން ބުނެ އެވެ. އެހެންކަމުން، ނިއު ޒީލޭންޑްގައި އޮތް ފުރަބަންދުގެ ހާލަތު އުވައިލުން ވެސް މި ފަސްކުރީ އެ ސަބަބާ ހުރެ ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.

ނަމަވެސް ލުއިތައް ދިނުން ފަސްކޮށްލީ އެ ގައުމުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެގެން ނޫން ކަމަށާއި، އެއީ އެހެން ގައުމުތަކުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުން ދާތީ، ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ނިއު ޒީލޭންޑް ސަރުކާރުން ބުނެ އެވެ.

ނިއު ޒީލޭންޑްގައި ކޮވިޑް ޖެހޭ މީހުން ކަރަންޓީނު އެކުވެނިތަކުގައި ބައިތިއްބާ މުއްދަތު ވެސް މިހާރު ވަނީ 10 ދުވަހަށް އިތުރުކޮށްފަ އެވެ. ކުރިން އޮންނަނީ އެއް ހަފުތާ ވުމަށް ފަހު، ބަލީގެ އަލާމާތެއް ނެތް ނަމަ ދޫކޮށްލާ ގޮތަށެވެ. އޭގެ އިތުރުން ނިއު ޒީލޭންޑަށް ދަތުރުކުރާ މީހުން، ދަތުރަށް ފެށުމުގެ ކުރިން ހަދަން ޖެހޭ ކޮވިޑް ޓެސްޓް ހެދުމުގެ މުއްދަތު ވެސް މިހާރު ވަނީ 72 ގަޑިއިރުން 48 ގަޑިއިރަށް ކުރުކޮށްފަ އެވެ.