Roadha Mihaaru
ކޮމަންޑޫ ބައި-އިލެކްޝަނަށް ޕީޕީއެމުން ހުޅުވާލައިފި

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ޕީޕީއެމުން ވެސް ހުޅުވާލައިފި

21 ޑިސެމްބަރ 2021

ހުސްވެފައިވާ ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރަން ނިންމައި، އެ ޕާޓީގެ ޓިކެޓަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުސްވެފައިވާ ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރަން ނިންމައި، އެ ޕާޓީގެ ޓިކެޓަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެ ކޯލިޝަނުން ކުރި އިއުލާނެއްގައި ބުނީ، ޕާޓީގެ އެތެރޭގައި ބާއްވާ އިންތިހާބަށް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ ކޮމަންޑޫ ދާއިރާގެ ރަށްތައް ކަމަށްވާ، ކޮމަންޑު އާއި މަރޮށި އަދި ފޯކައިދޫގެ އިތުރުން މާލޭގަ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބޭނީ ވެސް އިއްޔެގެ ނިޔަލަށް އެ ދެ ޕާޓީގައި ރަޖިސްޓަރީ ވެފައިވާ މެމްބަރުންނަށް އެކަންޏެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި މިދިޔަ އަންގާރަ ދުވަހު އަވަހާރަވުމުންނެވެ.

އެ ގޮނޑިއަށް ކުރިމަތިލާން އެމްޑީޕީން ހުޅުވައިލި މުއްދަތު ވެސް މިއަދު ހަމަވާނެ އެވެ. އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.

ހުސައިން އަވަހާރަވީ ކެންސަރު ބަލީގައި ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ. ކެންސަރު ބަލީގައި ހުސައިން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އަންނަ ފެބުރުއަރީ ފަސް ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމައިފަ އެވެ.