Roadha Mihaaru
ކޯލިޝަން ގަބޫލުނުކުރަން، ގިނިކަންޏާ ނުކުމެ ކާމިޔާބުވާނެ

ކޯލިޝަން ގަބޫލެއް ނުކުރަން، ގިނިކަންޏާ ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ: އެމްއެންޕީ

19 ޑިސެމްބަރ 2021

ވެރިކަން ކާމިޔާބުކުރުމުގެ ފޯމިއުލާއެއްގެ ގޮތުގައި ކޯލިޝަނަކީ ގަބޫލުކުރާ އެއްޗެއް ނޫން ކަމަށާއި، އިތުރު ބަޔަކާ ނުގުޅުވި ވެސް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވެރިކަން ކާމިޔާބުކުރުމުގެ ފޯމިއުލާއެއްގެ ގޮތުގައި ކޯލިޝަނަކީ ގަބޫލުކުރާ އެއްޗެއް ނޫން ކަމަށާއި، އިތުރު ބަޔަކާ ނުގުޅުވި ވެސް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ބުނެފި އެވެ.

އެ ޕާޓީގެ ލީޑަޝިޕުން ބޭއްވި ނިއުސް ކޮންފަރެންސްގައި، "މިހާރު" ން ކުރި ސުވާލަކާ ގުޅިގެން އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ކޯލިޝަނަކީ ގާނޫނު އަސާސީ ދަންނަ އެއްޗެއް ނޫން ކަމަށެވެ.

ނަމަވެސް އެކި ސަބަބުތަކާ ހެދި ކޯލިޝަން ހަދައިގެން ޕާޓީތަކުން ނުކުތް ކަމުގައިވިޔަސް، މިދިޔަ އޮކްޓޯބަރު މަހު ރަޖިސްޓްރީ ކުރި ޕާޓީގެ ވިސްނުމަކީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކޯލިޝަނަކާ ނުލައި ކާމިޔާބުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންގެ އުއްމީދު. އިރާދަކުރެއްވިއްޔާ މިހާރު މި ފެންނަ މަންޒަރަށް ބަލާއިރު އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. ނުކުންނާނަން، (އިންތިހާބު) ކާމިޔާބުކުރުމަށްޓަކައި މަސައްކަތްކުރާނަން،" ނާޒިމް ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް، އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ބޭއްވި ތިން އިންތިހާބު ކާމިޔާބުކޮށްފައި ވަނީ ވެސް ކޯލިޝަން ހަދައިގެންނެވެ. އެންމެ ފުރަތަމަ، 2008 ވަނަ އަހަރު ބޭއްވި އިންތިހާބު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެ ވަނަ ބުރުން ކާމިޔާބުކުރެއްވީ އަދާލަތާއި ޖުމްހޫރީ ޕާޓީއާ ގުޅިގެން ހެދި ކޯލިޝަނުންނެވެ. ނަމަވެސް ވަކި ހިސާބަކުން ކޯލިޝަން ރޫޅިގެން ދިޔައީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުން: ކޯލިޝަނަކުން ނޫންގޮތަކަށް މިހާތަަނަށް އެއްވެސް އިންތިހާބެއް ކާމިޔާބު ކުރެވިފައިނުވޭ.-- ފައިލް ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުން: ކޯލިޝަނަކުން ނޫންގޮތަކަށް މިހާތަަނަށް އެއްވެސް އިންތިހާބެއް ކާމިޔާބު ކުރެވިފައިނުވޭ.-- ފައިލް ފޮޓޯ: މިހާރު

އެއަށްފަހު، 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެ ވަނަ ބުރުން ކުރި ލިބިވަޑައިގެންނެވި ހަމަ އެކަނި ސަބަބަކީ، ގުޅިފައިވާ ޕާޓީތަކާ އެކު އެކުލަވާލި ވަރުގަދަ ކޯލިޝަނެވެ. އެކަމަކު އެ ކޯލިޝަން ވެސް މާ ގިނަ ދުވަހު ދެމިއޮންނަ ގޮތެއް ނުވި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު، ފުރަތަމަ ބުރުން ކާމިޔާބުކުރުމަށް އޭރުގެ އިދިކޮޅު ޕާޓީތަކުން ނެރުނީ ކޯލިޝަނެކެވެ. ވަރަށް ބޮޑު ފަރަގަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުނެވެ.

އެއީ އަޅުގަނޑުމެންގެ އުއްމީދު. އިރާދަކުރެއްވިއްޔާ މިހާރު މި ފެންނަ މަންޒަރަށް ބަލާއިރު އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. ނުކުންނާނަން، [އިންތިހާބު] ކާމިޔާބުކުރުމަށްޓަކައި މަސައްކަތްކުރާނަން.-- ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީއާ އެންމެ ވާދަވެރި ޕާޓީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މަނީ ލޯންޑަރިންގެ ފަސް އަހަރުގެ ދައުވާއިން ސަލާމަތްވެެ، ސިޔާސީ މަސައްކަތްތަކަށް އެނބުރި ވަޑައިގެންފަ އެވެ. ނާޒިމް ވިދާޅުވީ ޔާމީން ބަންދުން މިނިވަންވެގެން ސިޔާސީ މަސައްކަތްކުރުމަކީ އުފަލެއް ކަމަށެވެ. ނަމަވެސް އެ ކަންކަމަކީ އެ ޕާޓީއަށް އޮތް ގޮންޖެހުމެއް ނޫން ކަމަށާއި ރަށްރަށަށް ކުރާ ދަތުރުތަކާއި މާލޭގައި ބާއްވާ ބައްދަލުވުންތަކުން އިންތިހާބާ މެދު ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕާޓީއާ ދޭތެރޭ ދެކޭގޮތް ވަރަށް ތަފާތު. އެމްއެންޕީއާ މެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް. ވަކި ބޭފުޅަކު މިނިވަންވެގެން ނުވަތަ ވަކި ބޭފުޅަކު ނެތުމަކީ މާޔޫސްކަން އަންނަ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ރައީސް ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްއެންޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ރައީސް ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްއެންޕީގެ ނައިބު ރައީސް، ކިނބިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ރިޔާޒު ވިދާޅުވީ ކޯލިޝަން ނުހަދައި ވެރިކަމަށް އާދެވޭނެ ކަމަށެވެ. އެކަމަކު ވޭތުވެދިޔަ ދެ ފަހަރު ވެސް ފެނިގެން ދިޔައީ ކޮންމެ ގޮތެއް ހަދާފައި ވެސް ވެރިކަން ނޫން އެހެން ކަމެއް ބޭނުން ނުވާ ބައެއް ކަމަށެވެ.

"ހަގީގަތަކީ، ރައްޔިތުންނަށް ހިދުމަތްކުރަންޖެހޭ ބަޔަކަށް ވުން. ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދީ، ވެރިންގެ މައްސަލަތައް އިސްކޮށްގެން މަސައްކަތްކުރާ ޕާޓީތަކުން ކޯލިޝަނަކީ ހަމައެކަނި މަގު ކަމަށް ގަބޫލުކުރާނެ. ޕާޓީތަކުން 4-5 ކެންޑިޑޭޓުން ނުކުންނަ ނަމަ ފުރަތަމަ ބުރުގައި އެ ވަރަށް ވޯޓު ނުލިބިދާނެ. އެކަމަކު 1-2 ކެންޑިޑޭޓުން އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހަދާ ދެ ވަނަ ރައުންޑަށް ހިނގައްޖެ ނަމަ ކޯލިޝަނަކާ ނުލައި އިންތިހާބު ކާމިޔާބުކުރެވިފައި އޮންނާނެ،" ރިޔާޒު ވިދާޅުވި އެވެ.

"އެއީ ކުރެވޭނެ ކަމެއް. ޕޮލިޓިކަލް ވިލް ހުންނަން ޖެހޭނެ. ރައްޔިތުންގެ ކުރިމައްޗަށް ގެންނަ މެނިފެސްޓޯއެއް، ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ބުނާ ކަންތައްތައް، ރައްޔިތުން އެ ބަލާފައި އަޅުގަނޑުމެންނަށް ތާއިދުނުކުރަންޏާ ދެން އަންނަ ސަރުކާރެއްގައި އޯވަސައިޓު ކުރުމަށްޓަކައި، ޖަވާބުދާރީ ކުރުވުމަށްޓަކައި އޮޕޮޒިޝަނެއްގެ ދައުރު އަދާކުރުން ވެސް އެއީ ގައުމަށް ހިދުމަތްކުރުން،" އޭނާ ވިދާޅުވި އެވެ.