Roadha Mihaaru
އެމްޓީސީސީގެ 41 އަހަރުވީ ކާމިޔާބުގެ ދަތުރު

އެމްޓީސީސީގެ 41 އަހަރުވީ ކާމިޔާބުގެ ދިގު ދަތުރު

18 ޑިސެމްބަރ 2021

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖެ، މިއަދު މިދެކޭ އުމްރާނީ ތަރައްގީގެ އެންމެ ކުރީކޮޅު އުފެދުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަކީ އާއްމު ހިއްސާދާރުންނާއި ސަރުކާރުގެ ބައިވެރިވުން އޮވެގެން ރާއްޖޭގައި އުފެދުނު ކުންފުނިތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ކުންފުންޏެވެ.

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖެ، މިއަދު މިދެކޭ އުމްރާނީ ތަރައްގީގެ އެންމެ ކުރީކޮޅު އުފެދުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަކީ އާއްމު ހިއްސާދާރުންނާއި ސަރުކާރުގެ ބައިވެރިވުން އޮވެގެން ރާއްޖޭގައި އުފެދުނު ކުންފުނިތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ކުންފުންޏެވެ.

މީގެ 41 އަހަރު ކުރިން، 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އުފެދުނު އެމްޓީސީސީ އަކީ ހަލުވިމިނެއްގައި ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދިން ކުންފުންޏެކެވެ. ކުންފުނީގެ ރައުސްމާލަކަށް ފުރަތަމަ ކަނޑައެޅުނީ 10 މިލިއަން ރުފިޔާ އެވެ. އަދި ހިއްސާއެއްގެ މޫނުމަތީ އަގަކީ 50 ރުފިޔާ ކަމަށާއި އެކަކަށް ފުރަތަމަ ކުންފުނީގައި ބައިވެރިވެވޭނެ އެންމެ މަތީ މިންވަރަކީ 100 ހިއްސާކަމަށް ކަނޑައެޅުނެވެ.

އެމްޓީސީސީ އުފެދިގެން އައިއިރު ކުންފުނީގެ މައިގަނޑު މަސައްކަތްތަކަކީ ކަނޑާއިވަޔާއި، އެއްގަމުގައި ދަތުރުފަތުރުކުރުމާ ބެހޭ ކަންތައް ހިންގައި ކުރިއެރުވުން، އޮޑިދޯނި ފަހަރާއި ބޯޓުފަހަރު ބަނުމުގެ މަސައްކަތްކުރުމާއި އެކަންކަން ކުރިއެރުވުމެވެ. އިމާރާތްކުރުމާއި، އިންޖިނިއަރިން މަސައްކަތާއި، ބަނދަރުގެ ހިދުމަތްތަކާއި، މުދަލާއި ތަކެތި ގެނެސް ގެންދިޔުމުގެ ހިދުމަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުމެވެ. އަދި ޓުއަރިޒަމާއި އެނޫން ވެސް ފައިދާހުރި މަސައްކަތްތައް ކުރުމެވެ. ކުންފުނި އުފެދުނު އިރު ސަރުކާރުގެ އެކި ޑިޕާޓްމަންޓްތަކާއި ސެކްޝަންތަކުން ކުރަމުންގެންދިޔަ އެފަދަ ގިނަ މަސައްކަތްތަކެއް އެމްޓީސީސީއާ ހަވާލުކުރި އެވެ.

އެމްޓީސީސީން ހިންގި ބައެއް ޕްރޮޖެކްޓްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުތައް. އެކުންފުނިން ވަނީ ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ މުހިއްމު ޕްރޮޖެކްޓްތައް ހިންގާފައި--ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ހިންގި ބައެއް ޕްރޮޖެކްޓްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުތައް. އެކުންފުނިން ވަނީ ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ މުހިއްމު ޕްރޮޖެކްޓްތައް ހިންގާފައި--ފޮޓޯ: އެމްޓީސީސީ

ކުންފުނީގެ ފުރަތަމަ އަހަރުގެ ތެރޭގައި ހަވާލުކުރެވުނު ތަންތަނުގެ ތެރޭގައި ސަރުކާރުގެ މެރިން ޑިވިޝަނާއި އެމްޖީ ސޯމިލް އަދި މެކޭނިކަލް ޓްރާންސްޕޯޓް އެންޑް ސާވިސަސް ޑިވިޝަން ހިމެނެ އެވެ. އޭރު މި މަސައްކަތްތައް ކުރެވުނީ އާދައިގެ ފެންވަރެއްގަ އެވެ. ނަމަވެސް ކުންފުނި ދިޔައީ އަހަރަކަށްވުރެ އަހަރެއް ކުރިއަރަމުންނެވެ. މިވޭތުވެދިޔަ 41 އަހަރު ދުވަހުގެތެރޭ އެމްޓީސީސީއަށް ހާސިލުކުރެވުނު ކާމިޔާބީތަކަކީ ފަހުރުވެރިވުން ހައްޤު ކާމިޔާބީ ތަކެކެވެ.

އެމްޓީސީސީއަށް އެންމެ ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ އެއް ދާއިރާއަކީ އިމާރާތް ކުރުމާއި އުމްރާނީ ތަރައްގީގެ ދާއިރާ އެވެ. ކުންފުނި އުފެދުމާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކާއި މިސްކިތްތަކާއި، ރަށު އޮފީސްތަކާއި ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރެއްވި އެވެ. އަދި 1995 ވަނަ އަހަރު މަދު އެކްސްކަވޭޓަރު ކޮޅަކާ އެކު ފަޅުކޮނެ ބިން ހިއްކުމުގެ ފުރަތަމަ މަޝްރޫއު އެމްޓީސީސީން ނިންމާލި އެވެ. މިއަދު އެމްޓީސީސީއަކީ ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ އެތައް މަޝްރޫޢެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ހިންގަމުންގެންދާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިކުއިޕްމަންޓް ފްލީޓަކީ އެމްޓީސީސީގެ އިކުއިޕްމަންޓް ފްލީޓެވެ.

އެކުންފުނިން 2017 ވަނަ އަހަރު ގެނައި މަހާޖައްރާފުގެ އިތުރުން އެމްޓީސީސީގެ ޑްރެޖިން ފްލީޓްގައި އައިއެޗްސީ 1800ގެ ކަޓާ ސަކްޝަން ޑްރެޖަރަކާއި އައިއެޗްސީ 1600ގެ ކަޓާ ސަކްޝަން ޑްރެޖަރެއް ހިމެނެ އެވެ. މިއަހަރު ތެރޭ، 30 ޓަނުގެ 10 ކޮބެލްކޯ އެކްސްކަވޭޓަރާއި، 15 ޑަމްޕް ލޮރީއާއި، 6 ފުރޮޅުލީ 25 ޓަނުގެ ލޯޑަރުވަނީ އެމްޓީސީސީގެ ފްލީޓަށް އިތުރުވެފަ އެވެ. އެމްޓީސީސީގެ މި ޑްރެޖިންގް ފްލީޓާ އެކު ކުންފުންޏަށް ވަނީ ފަޅުފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ކްލައިންޓުން ބޭނުންވާ ކޮލިޓީގައި ކާމިޔާބުކަމާ އެކު ނިންމުމުގެ ގާބިލުކަން ލިބިފަ އެވެ.

ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫއުތަކުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ޝީޓް ޕައިލިންގ، ނަރުދަމާ އެޅުމުގެ މަސައްކަތާއި ސާވޭ ކުރުމުގެ މަސައްކަތަކީ ވެސް އެމްޓީސީސީން ކުރެ އެވެ. އާ ޓެކްނޮލޮޖީ އާއި މެޝިނަރީގެ އެހީގައި ހައްލު ހޯދުމުގައި ކުންފުނި ކުރިއަރާ ވަރަކުން އެމްޓީސީސީން ހިންގަމުން ގެންދިޔަ މަޝްރޫއުތަކުގެ ބާވަތަށް ވެސް އަންނަނީ އިތުރުވަމުންނެވެ. ވޭތުވެދިޔަ ފަސް އަހަރުތެރޭގައި، މަގު ހެދުމާއި ތާރު އެޅުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީން ވަނީ ނިންމާލާފަ އެވެ. މިއަދު އެމްޓީސީސީއަކީ އެއްފަހަރާ 70 އުމްރާނީ ތަރައްގީގެ މަޝްރޫއުއެއްގައި އެއްވަގުތެއްގައި މަސަތްކަތްކުރުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ.

އެމްޓީސީސީން ވަނީ އުމްރާނީ ޕްރޮޖެކްޓްތައް ހިންގަން ގިނަ އުޅަނދުތައް ރާއްޖެއަށް ގެނެސްފައި. އެކުންފުންޏަކީ ރާއްޖޭގައި މިފަދަ ޕްރޮޖެކްޓްތައް ހިންގުމަށް އެންމެ ގިނަ ވެހިކަލް ގެންގުޅޭ ކުންފުނި--ފޮޓޯ:މިހާރު

އެމްޓީސީސީން ވަނީ އުމްރާނީ ޕްރޮޖެކްޓްތައް ހިންގަން ގިނަ އުޅަނދުތައް ރާއްޖެއަށް ގެނެސްފައި. އެކުންފުންޏަކީ ރާއްޖޭގައި މިފަދަ ޕްރޮޖެކްޓްތައް ހިންގުމަށް އެންމެ ގިނަ ވެހިކަލް ގެންގުޅޭ ކުންފުނި--ފޮޓޯ:މިހާރު

އެމްޓީސީސީގެ ދިގު ތާރީހުގައި ކުންފުނި ހިންގުމުގައި ވަނީ ވަރަށް ގިނަ ގާބިލް ބޭފުޅުން އުޅުއްވި އެވެ. މިއަދު އެދެކެމުންދާ ކާމިޔާބީގެ ގެނެސްދެނީ މެނޭޖީން ޑިރެކްޓަރު އާދަމް އާޒިމުގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ އިރުޝާދާ ލަފާފުޅު އެމްޓީސީސީއަށް އަބަދުމެ އަންނަނީ ލިބެމުންނެވެ. އެމަނިކުފާނުގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިން އެމްޓީސީސީން ވަނީ ކުންފުނީގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ގިނަގުނަ ބަދަލުތަކެއް ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ގެނެސްފައިވެ އެވެ.

ދަތުރުފަތުރުގެ ހިދުމަތަކީ ވެސް ކުންފުނީގެ ކާމިޔާބީގެ ދުވެލީގެ އަވަސް މިން ވަޒަންކޮށްދޭ އެއް ހިދުމަތެވެ. ކުންފުނިން އެންމެ ފުރަތަމަ ފޯރުކޮށްދޭން ފެށި ހިދުމަތްތަކުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ހިދުމަތް ހިމެނެ އެވެ. ސަރުކާރުގެ މެރިން ޑިވިޝަން 1981 ވަނަ އަހަރު ހަވާލުކުރެވުމާ އެކު ލޯންޗުދަތުރުގެ ހިދުމަތް ވިޔަފާރީގެ އުސޫލުން ކުންފުނީގެ ފުރަތަމަ އަހަރުގައި ވެސް ފޯރުކޮށްދެމުން ގެންދެވުނެވެ. މިހާރު އެމްޓީސީސީން ފޯރުކޮށްދެމުން ގެންދާ އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފެށުނީ 2001 ވަނަ އަހަރު މާލެ އާއި ވިލިގިއްޔާ ދެމެދު ފެރީގެ ހިދުމަތް ތައާރަފު ކުރެވުނު ހިސާބުންނެވެ.

މި ހިދުމަތް ފުޅާވެ، މިހާރު އެމްޓީސީސީއަކީ ޓާމިނަލްތައް މެދުވެރިކޮށް ޝެޑިއުލް ފެރީގެ ހިދުމަތްތައް ގްރޭޓާ މާލެ ސަރަހައްދުގައާއި އަތޮޅުތެރޭގައި ދެމުންގެންދާ ކުންފުންޏެކެވެ. އެމްޓީސީސީގެ ފެރީ ހިދުމަތަށް އިތުރު އާރޯކަމެއް ލިބިގެން ދިޔައީ ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ނުވަތަ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ފުރަތަމަ ފިޔަވަހި ސަރުކާރުން މިއަހަރުތެރޭ އެމްޓީސީސީއާއި ހަވާލުކުރި ހިސާބުންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ގެ (ހއ، ހދ، ށ) އަތޮޅުތަކަށް ހިދުމަތް ދޭން ވާންޖެހޭ ތައްޔާރީތައް އެމްޓީސީސީން މިހާރު އަންނަނީ ވަމުންނެވެ. މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެ އެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަހައްދީ ގޮތުން ރައްތަކަށް ތަރައްގީ ލިބޭނެ އެވެ.

އެއްގަމުދަތުރުތަކަށް ބަލާއިރު، ހުޅުމާލޭ އާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ދެމެދު މެޓްރޯ ބަހުގެ ހިދުމަތާއި ޝަޓްލް ބަހުގެ ހިދުމަތް އެމްޓީސީސީން ދިޔައީ ފޯރުކޮށްދެމުންނެވެ. މާލެ، ހުޅުމާލެ، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައާއި އެދެމެދު ދަތުރުކުރުމަށް "ޕްރައިވެޓް ހަޔާ" ގެ ނަމުގައި އެމްޓީސީސީން، ކާރު، ވޭނު އަދި ބަސް ކުއްޔަށް ހިފުމުގެ ފުރުސަތު އާއްމުންނަށް ފަހުގެ އަހަރުތަކުގައި ވަނީ ހުޅުވާލާފަ އެވެ. އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތަށް އިންގިލާބީ ބަދަލެއް އައީ އެމްޓީސީސީގެ ދަށަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެމުންގެން ދިޔަ އާއްމު ދަތުރުފަތުރުގެ ހިދުމަތް މިއަހަރު ތެރޭ ބަދަލުކުރެވުނު ހިސާބުންނެވެ.

މި ބަދަލާ އެކު ކަނޑުދަތުރުފަތުރުގެ ހިދުމަތުގެ ޒޯން 6 (އައްޑޫ، ފުވައްމުލަށް) އަދި އެއްގަމު ދަތުރުފަތުރުގެ މާލެ، ހުޅުލެ، ހުޅުމާލެ ބަހުގެ ލިންކް އެމްޓީސީސީން ދެމުން ގެންދާ ހިދުމަތަކަށް ބަދަލުވެ، ރާއްޖެއަށް ދަތުރުފަތުރުގެ ހިދުމަތް ދެމުންގެންދާ ކުންފުންޏަކަށް އެމްޓީސީސީ ބަދަލުވި އެވެ. މިއީ މިއަދުގެ ސަރުކާރުން އެމްޓީސީސީއަށް ކުރައްވާ އިތުބާރު ވަޒަން ކުރެވިގެން ދިޔަ ތާރީހީ ނިންމުމެކެވެ. ރަގަނޅު ފެންވަރެއްގެ އާންމު ދަތުރުފަތުރުގެ ހިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހާކަންކަން ފަހި ކޮށްދިނުމަށް އެކުންފުނިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި މިބަދަލު ފެށޭ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭ ފެންނާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

ރާއްޖޭގެ މަސްވެރިންނާއި އޮޑިވެރިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް އިންގިލާބީ ބަދަލެއް އައީ އެމްޓީސީސީން އާންމު ވިޔަފާރީގެ ދާއިރާއަށް ނިކުތް ހިސާބުންނެވެ. އެމްޓީސީސީގެ އާންމު ވިޔަފާރި ފެށިފައިވަނީ ކުންފުނި އުފެދުނު ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ފެށުނު އޮޑިދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަސައްކަތުގެ ތެރެއިންނެވެ. މި މަސައްކަތް ރާއްޖެއަށް ތައާރަފުވީ 1974 ވަނަ އަހަރު ޔަންމާ އިންޖީނު ރާއްޖެއަށް ތައާރަފުވި ހިސާބުންނެވެ. މި މުހިންމު މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލު ކުރީ އޮޑިވެރިންނަށް ފަސޭހައިން އިންޖީނު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށެވެ. އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމްކުރުމުގެ މަސައްކަތްތައް މިއާ އެކު ފެށުނެވެ. އަދި އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް އާއި ކަނޑުގައި ދުއްވާ އުޅަނދުތަކަށް ބޭނުންވާ އަޑީތެލާއި އެފަދަ އެހެން ތަކެތި ރާއްޖެއިން ފަސޭހައިން ލިބެން ހުރުމުގެ މުހިންމުކަން ފާހަގަކޮށް، އެމްޓީސީސީއިން އެފަދަ ތަކެތި ލިބޭނޭ އިންތިޒާމް ހަމަޖެއްސި އެވެ.

ހެޔޮ އަގުގައި މިފަދަ ތަކެތި ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެމްޓީސީސީއަކީ، ރާއްޖޭގެ ޔަންމާ އިންޖީނުގެ ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި 1987 ވަނަ އަހަރު ކަނޑައެޅުނެވެ. އަދި 1994 ވަނަ އަހަރު ކާސްޓްރޯލްގެ ރާއްޖޭގެ އެޖެންޓުގެ ގޮތުގައި އެމްޓީސީސީ ކަނޑައަޅާ، 2017 ވަނަ އަހަރު ސުޒުކީ އައުޓްބޯޑް އިންޖީން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރެވުނެވެ. މިއަދު އެމްޓީސީސީގެ އާންމު ވިޔަފާރީގެ ތެރޭގައި ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑްތަކުގެ ގިނަ ބާވަތްތަކެއް ހިމެނެ އެވެ. ކުންފުނީގެ އާންމު ވިޔަފާރީގެ މައި މަރުކަޒަކީ ހ.ސޯމިލުގައި ހުންނަ ކަށަވަރު ޝޯރޫމެވެ. އެމްޓީސީސީގެ ޕްރޮޑަކްޓްތަކާއި ބްރޭންޑްތަކަކީ، ދިވެހިންގެ އިތުބާރު ލިބި ރާއްޖޭގެ މާކެޓްގައި މުހިންމު ދައުރެއް އަދާކުރާ ޕްރޮޑަކްޓްތަކަކާއި ބްރޭންޑްތަކެކެވެ. މިހާރުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ގައި ހިމެނޭ ބްރޭންޑްތަކުގެ ތެރޭގައި ޔަންމާ އައުޓްބޯޑް އިންޖީން، ސުޒުކީ އިންބޯޑް އިންޖީން، ކާސްޓްރޯލް އަޑީ ތެޔޮ، އަދި ޕީޕީޖީ އެންޓިފޯލިން، ހިމެނެ އެވެ. މެރޯލް ސްޓިއަރިންގް ސިސްޓަމްސް އަދި ޑޮނަލްޑްސަން ބްރޭންޑްގެ ފިލްޓަރު ހިމެނެ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެމްޓީސީސީން ވަނީ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް އިތުރުކޮށްފަ އެވެ. ކުންފުނީގެ އުޅަނދުތައް މަރާމާތު ކުރުމަށް ފަށައިގެން އިންޖިންނިއަރިން އާއި ޑޮކިން ގެ ހިދުމަތް މިހާރު ވަނީ އާއްމު ފަރާތްތަކަށް ހުޅުވާލާފަ އެވެ. މާލެއަތޮޅު ތިލަފުށީގައި ގާއިމުކޮށް ހިންގަމުންގެންދާ އެމްޓީސީސީ ބޯޓުޔާޑަކީ އެއްފަހަރާ 20 އުޅަނދަށް ހިދުމަތް ދިނުމުގެ ޖާގައޮތް ބޯޓުޔާޑެކެވެ. އެކުންފުނިން 2017 ވަނަ އަހަރު އައު ބޯޓު ހޮއިސްޓް އިފްތިތާހުކޮށް މާކެޓަށް ޑޮކްޔާޑުގެ ހިދުމަތް ހުޅުވާލެވުނެވެ. އަދި 200 ޓަނުގެ މި ބޯޓު ހޮއިސްޓުން ޑޮކިންގް ހިދުމަތާ އެކު ތަފާތު ގިނަ ހިދުމަތްތައް ފޯރުކޮށްދެ އެވެ. ވެލްޑިންގް، މެޓަލް ފެބްރިކޭޝަން، މެރިން އިންޖިއަނިއަރިންގް، އިލެކްޓްރިކަލް މަސައްކަތް، މެޝިނިން، ފައިބަރުގެ މަސައްކަތް އަދި ވަޑާމުގެ މަސައްކަތް ވެސް ކުރެ އެވެ. އަދި ފެނު އަޑީގެ ވެލްޑިންގްއާއި ކަޓިންގެ ހިދުމަތް 2018 ގައި ތައާރަފުކުރެވި ވޯޓާ ބްލާސްޓިންގް އާއި ފޮރިކަހައިދިނުމުގެ ހިދުމަތް 2019 ގައި ތައާރަފު ކުރެވުނެވެ.

އެމްޓީސީސީން ހިންގި ބައެއް ޕްރޮޖެކްޓްތައް. މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި 70 އަށް ވުރެ ޕްރޮޖެކްޓް އަންނަނީ ހިންގަމުން--ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީން ހިންގި ބައެއް ޕްރޮޖެކްޓްތައް. މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި 70 އަށް ވުރެ ޕްރޮޖެކްޓް އަންނަނީ ހިންގަމުން--ފޮޓޯ:އެމްޓީސީސީ

މުސްތަޤްބަލުގައި ރާއްޖޭގައި އިންޓަނޭޝަނަލް ޑޮކްޔާޑެއް ގާއިމުކުރުމަށް އެމްޓީސީސީން ވަނީ ނިންމާފަ އެވެ. މި ޑޮކްޔާޑް ގާއިމުވުމުން ސަރުކާރު ކުންފުނިތަކާއި އަމިއްލަ ވިޔަފާރިވެރިން އުޅަނދު އެހެލުމަށާއި މަރާމާތުގެ މަސައްކަތަށް ބޭރު ގައުމުތަކަށް ދަތުރުކުރާކަށް ނުޖެހި ބޭރު ފައިސާ ރާއްޖޭން ބޭރަށް ނުގޮސް ރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓޭނެ އެވެ.

އެމްޓީސީސީން ޤަބޫލުކުރާ ގޮތުގައި ކުންފުނީގެ ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުންނެވެ. މިދިިޔަ އަހަރުތަކުގައި އެ ކުންފުންޏަށް ލިބުނު ކާމިޔާބީގެ އަސްލަކީ ކުންފުންޏާއި އެކި ދުވަސްވަރު ހަވާލުވެވަޑައިގެން ގާބިލު ސީއީއޯ އިންނާއި ކުންފުނީގައި އެކި ދުވަސްވަރު މަސައްކަތް ކުރެއްވި ކުންފުނީގެ ހީވާގި މުވައްޒަފުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި ވަނީ މުއައްޒަފުންނަށް ތަފާތު ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދަދީފަ އެވެ. އަދި ގާބިލު ހުނަރުވެރި މުވައްޒަފުން އިތުރުކުރުމަށްޓަކައި އެމްޓީސީސީން ވަނީ ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ނަމުގައި 2018 ވަނަ އަހަރު ކުރިއަށްގެންދިޔަ ތަމްރީންކުރުމުގެ ޕްރޮގްރާމް މިއަހަރު އަލުން ފަށާފަ އެވެ. ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމް ގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ. މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށް އުފައްދާފައިވާ ކްލަބް އެމްޓީސީސީ އަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގާތްކަން އުފައްދާ ތަރައްގީ ކުރުމަށް ގާއިމްކުރެވިފައިވާ ވަސީލަތެކެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ކުންފުނިން ހިންގަމުންދިޔަ އެއްވެސް މަޝްރޫއެއް ހުއްޓުމަކަށް ނައިސް ކުރިއަށްދިޔައީ ކުންފުނީގެ މުއައްޒަފުންގެ ބުރަ މަސައްކަތާއި ހިތްވަރުންނެވެ. ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތި ހާލަތުގައިވެސް، ކުންފުނީގެ މަގްސަދުތައް ހާސިލުކުރުމަށް ހިކުމަތްތެރިކަމާ އެކު އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ފޮނި ނަތީޖާ 2020 ވަނަ އަހަރުތެރޭ ކުންފުޏަށް ލިބުނު ކާމިޔާބީއިން ވަޒަންކުރެވުނެވެ. އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން، އައިއެސްއޯ ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ކަމަށްވާ އައިއެސްއޯ 2015:9001 ސެޓްފިކެޓް ކުންފުނިން ހާސިލުކުރީ 2020 ވަނަ އަހަރުތެރޭގަ އެވެ. އެމްޓީސީސީ އަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސަރޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސަރޓިފައިކުރެވުނު ކުންފުންޏެކެވެ. އަދި އެމްޓީސީސީގެ ދިގު ތާރީހުގައި މިހާތަނަށް ހޯދުނު އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދުނީވެސް 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. މިދިޔަ އަހަރު 1.37 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 224.72 މިލިއަން ރުފިޔާ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ވަނީ ލިބިފަ އެވެ. މިހިނގާ އަހަރުގެ ކުއާޓާ ތިނެއް ނިމުނުއިރު، ކުންފުނީގެ މާލީ ނަތީޖާ ދައްކާގޮތުން، ޖުމުލަ 1.33 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 212.18 މިލިއަން ރުފިޔާ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ވަނީ މިހާތަނަށް ލިބިފަ އެވެ. ވީމާ، މިއަހަރު ވެސް ވެގެންދާނީ އެމްޓީސީސީގެ ތާރީހުގައި ލިބޭ އެންމެ ބޮޑު އާމްދަނީ އަކާއި، ފައިދާއަކާއި އެކު، އާ ރިކޯޑެއް ހެދިގެންދާނެ އަހަރަކަށެވެ.

އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާ އެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުމެވެ. ކަސްޓަމަރުންނާއި ޙިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި އާއްމު ރައްޔިތުން، ވޭތުވެދިޔަ 41 އަހަރު ދެގޮތެއްނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ. ކުންފުނީގެ ހީވާގި އިހްލާސްތެރި ވެރީންނާއި މުވައްޒަފުން މި އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރަމުންދާނެ ކަމާމެދަކު ޝައްކެތްނެތެވެ. ކަނޑުމަޑު ދުވަސްތަކުގައާއި ރާޅުޖަހާ ބަނަ ދުވަސްތަކުގައިވެސް އަމާން ބަނދަރަކަށް ގެންގޮސްދިނުމުގައި ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކޮށްދެއްވީ ހަމަ އެބޭފުޅުންނެވެ. އެމްޓީސީސީއަށް 41 އަހަރު ފުރޭ އުފާވެރި މުނާސަބާގައި ކުންފުނީގެ ހަޔާތުގައި ވޭތިވެދިޔަ އެކި ދުވަސްވަރު ކުންފުނީގެ ކައްޕީންނަށާއި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު ހައްގެވެ. ރައްޔިތުން އެދެނީ ރައްޔިތުންގެ ކުންފުންޏަށް އުފާވެރި ބާއްޖަވެރި މުސްތަގްބަލެކެވެ.