Roadha Mihaaru
ގެއްލުނު ސައިކަލު ފެނުނުކަން ނޭންގުމުން ބަދަލު ދެނީ

ގެއްލުނު ސައިކަލު ފެނުނުކަން ނޭންގުމުން ދައުލަތުން 75،000ރ. ގެ ބަދަލެއް ދޭން ޖެހިއްޖެ

15 ޑިސެމްބަރ 2021

ގެއްލިގެން ރިޕޯޓްކުރި ސައިކަލެއް ފުލުހުންނަށް ފެނުނުކަން ވެރި މީހާއަށް ނާންގާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުން އޭނާއަށް 75،000ރ. ގެ ބަދަލެއް ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގެއްލިގެން ރިޕޯޓްކުރި ސައިކަލެއް ފުލުހުންނަށް ފެނުނުކަން ވެރި މީހާއަށް ނާންގާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުން އޭނާއަށް 75،000ރ. ގެ ބަދަލެއް ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މާޗް، 2016 ގައި ސައިކަލެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރިތާ އެއް ދުވަސް ތެރޭގަައި ފުލުހުންގެ ޓޯޔާޑަށް އެ ސައިކަލު ގެންދިޔަ އެވެ. އެކަމަކު ސައިކަލުގެ ވެރިމީހާއަށް އެކަން ފުލުހުން ނާންގާ ތިއްބާ އެ ސައިކަލު އެތަނުގައި ހުރިކަން ވެރިމީހާއަށް އެނގުނީ އޭގެ ދޮޮޅު އަހަރު ފަހުން އޭނާ އަމިއްލައަށް ޓޯޔާޑަށް ގޮސް ބެލުމުންނެވެ. އެކަމަކު އޭރު އޭނާ ވަނީ އެހެން ސައިކަލެއް ވެސް ގަނެފަ އެވެ. އަދި ޓޯޔާޑުގައި ހުރި ސައިކަލަށް ވެސް ގެއްލުންތަކެއް ހުރީ ލިބިފަ އެވެ.

ޓޯޔާޑުގައި ގިނަ ދުވަސް ވަންދެން ސައިކަލު ބެހެއްޓުމުންނާ އަދި އާ ސައިކަލެއް ގަންނަން ޖެހުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ މީހާ ދައުވާ ކުރުމުން ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސައިކަލު ފެނުނުކަން ވެރިމީހާއަށް ނޭންގުމުގައި ފުލުހުންގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި ފުލުހުންގެ އެ އިހުމާލުގެ ސަބަބުން އެ މީހާ، އާ ސައިކަލެއް ގަންނަން 84،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހުނު ކަމަށާއި އެހެންވެ، އޭގެ ބަދަލު ނަގައިދޭން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ހުކުމުގައިވަނީ ކުރީގެ ސައިކަލު ގެއްލުނު ފަހުން ވެސް އެ ސައިކަލަށް އަހަރީ ފީ ދައްކާފައި ވާތީ އާއި އަދި ފަހުން ގަތް ސައިކަލުގެ އަހަރީ ފީ އާއި ރޯޑް ވާދިނަސް ވެސް ހައްދަން އެ މީހާ ޚަރަދު ކޮށްފައިވާތީ އެ ފައިސާ ވެސް ދައުލަތުން ދައްކަން ޖެހޭނެ ކަމަށެވެ. އެކަމަކު ކުރީގެ ސައިކަލު އެހެން މީހަކަށް މިހާރު ވިއްކާލާފައިވާތީ ބަދަލު ނަގައި ދޭއިރު، އެ ބައި އުނިކުރަން ޖެހޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހުކުމުގައި ވަނީ އާ ސައިކަލެއް ގަންނަން ކުރި ޚަރަދާއި ޖޫރިމަނާ އާއި އަހަރީ ފީއަށް ކުރި ޚަރަދުތައް ހިމެނޭ ގޮތުން ޖުމްލަ 75،000 އަށް ވުރެ ގިނަ ރުފިޔާ ދައުލަތުން އެ މީހާއަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދިި އެ ފައިސާ އެއް މަސް ތެރޭގައި ކޯޓަށް ދައްކަން އަންގާފައިވެ އެވެ.

އެކަމަކު ކުރީގެ ސައިކަލު މަރާމާތު ކުރަން ހިނގި ޚަރަދާއި ވަކީލު ފީ ނަގައިދެވެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެކުރިން ރަހުމަތްތެރިއެއްގެ އަތަށް ދުއްވާލަން ދިން ސައިކަލެއް ގެއްލުނު މައްސަލައެއްގައި އެ ސައިކަލުގެ ވެރިމީހާއަށް ސައިކަލުގެ ފުރިހަމަ އަގު ދައްކަން ވެސް ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެ ހުުކުމަށް ހައި ކޯޓުން ވެސް މިދިޔަ އަހަރު ތާއީދުކުރި އެވެ.