Roadha Mihaaru
ތިމަރަފުށީގައި އަންހެނެއްގެ އުނދަގޫ ބޮޑުވެފައި!

ތިމަރަފުށީގައި އަންހެނެއްގެ އުނދަގުލުން ސަލާމަތް ނުވެވިފައި!

12 ޑިސެމްބަރ 2021

ތ. ތިމަރަފުށީގައި އަންހެނަކު ރަށުގެ އެކި ތަންތަނަށް ގެއްލުންދީ މީހުންނާ ހަޑިހުތުރު ބަހުން ޒުވާބުކޮށް ދީނަށް ފުރައްސަކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ތ. ތިމަރަފުށީގައި އަންހެނަކު ރަށުގެ އެކި ތަންތަނަށް ގެއްލުންދީ މީހުންނާ ހަޑިހުތުރު ބަހުން ޒުވާބުކޮށް ދީނަށް ފުރައްސަކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.

އެ އަންހެން މީހާ އާންމު ތަންތަނުގައި ދީނަށް ފުރައްސާރަކޮށް މަގުމަތީގައި ހުރެ އަވަގުރާނަ ގޮވާ އަޑުއިވޭ ވީޑިއޯއެއް މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި ވެސް އާންމުވެފައިވެ އެވެ. އިތުރު ވީޑިއޯތަކެއް ވެސް "މިހާރު" އަށް ލިބިފައިވާއިރު އެއިން ފެންނަ ގޮތުގައި، ޕާކުކޮށްފައި އޮތް ވޭނެއްގައި ދަގަނޑު ބުރިއަކުން ޖަަހައި އޭގެ ބިއްލޫރިގަނޑު ތަޅާލަ އެވެ. ކެފޭއަކާއި ގެސްޓްހައުސްއަކަށް ގޮސް އެ ތަންތަނަށް ވެސް ގެއްލުންދެ އެވެ.

ވީޑިއޯތައް އާންމުވީ މިދިޔަ ހަފްތާގައި ނަމަވެސް ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ މީހާ މިގޮތަށް އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ރަށުގެ ރެސްޓޯރަންޓުތަކާއި ކެފޭތަކަށް ގޮސް ސިނގިރޭޓާއި ކޮފީ ދަރަންޏަށް ދޭން އެ މީހާ އެދެ އެވެ. ތަނަށް ގެއްލުން ދެނީ އެއްޗެހި ނުދިނުން ކަމަށްވެ އެވެ.

"ވަރަށް ފަހުން ވެސް ފޮތުގައި ޖަހައިގެން ކޮފީ އާއި ސިނގިރޭޓް ނުދީގެން އެ ކެފޭގެ ބިއްލޫރިގަނޑު ތަޅާލި،" ރަށު މީހަކު ބުންޏެވެ.

އޭނާ ބުނީ އެ މީހާ މީހުންނާ ޒުވާބުކޮށް އަވަގުރާނަ ގޮވާއިރު ކައިރީގައި ކުޑަކުދިން ތިއްބަސް އެކަމަށް ވެސް ނުބަލާ ކަމަށެވެ.

"މިހާރު ފެންނަނީ އަބަދުވެސް ކޮންމެވެސް މީހަކާ މަގުމަތީގައި ޒުވާބު ކުރަމުންދާތަން. ހަމަ ހަޑި އެއްޗެހި އަޑުގަދަކޮށް ގޮވަމުންދާނީ."

އެ ރަށު މީހުން ބުނާ ގޮތުގައި އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އަދި މިހާރު ރަށުގައި އަވަގުރާނަ ގޮވަމުން މީހުންގެ މުދަލަށް ގެއްލުން ދެމުން އޭނާ ދަނީ އޭނާ އަށް ހުކުމެއް ކުރަން އުޅޭތީ ބޯހަމަނުޖެހޭ މީހެއް ކަމަށް ދެއްކުމަށް ކަމަށް ރަށު މީހުން ތުހުމަތު ކުރެ އެވެ.

އެ މީހާގެ ސަބަބުން އާންމު އުނދަގުލަކަށް ވެފައި ވިޔަސް އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލާފައި ހުންނާތީ އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

މި މައްސަލަ ބަލާތޯ އެހުމުން ފުލުހުން ބުނީ ތިމަރަފުށީގެ ގެސްޓްހައުސް އަކަށް ގެއްލުންދިން މައްސަލައެއް ރިޕޯޓްކޮށްފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.