Roadha Mihaaru
އަރިއަންގެ ކަފާލާތުގެ ޝަރުތެއް ބާތިލްކުރަން ކޯޓަށް

ޝާހްރުކްގެ ދަރިފުޅު އަރިއަންގެ ކަފާލާތުގެ ޝަރުތެއް ބާތިލްކުރަން ކޯޓަށް

13 ޑިސެމްބަރ 2021

މިދިޔަ އޮކްޓޯބަރު މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާންގެ ކަފާލާތުގެ ޝަރުތެއް ބާތިލުކޮށްދޭން އެދި ބޮމްބޭ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އޮކްޓޯބަރު މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާންގެ ކަފާލާތުގެ ޝަރުތެއް ބާތިލުކޮށްދޭން އެދި ބޮމްބޭ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނީ އަރިއަން، 24، ގެ ގާނޫނީ ޓީމްގެ ފަރާތުން ކޯޓަށް ހުށަހެޅީ އޮކްޓޯބަރު މަހުގެ 30 ގައި އޭނާ ދޫކުރި އިރު، ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހަކު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުވެ، ސޮއިކުރަން ޖެހޭ ގޮތަށް އޮތް ޝަރުތެވެ.

އެ ޝަރުތު ބާތިލުކޮށްދޭން ކޯޓްގައި އެދުނީ ކޮންމެ ހުކުރު ދުވަހަކު އަރިއަން ވަރުގަދަ ސެކިއުރިޓީއަކާ އެކު އެންސީބީ އަށް ހާޒިރުވާން ޖެހޭތީ، މީޑިއާތަކުގެ އުނދަގޫތައް ވެސް ބޮޑުކަމުންނެވެ. އަދި މިކަމާ ހުރެ މަގުމަތި ހަލަބޮލިވެ، ޓްރެފިކަށް ވެސް ބުރޫއަރައި އާންމުންނަށް ވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހޭތީ އެވެ.

ނަމަވެސް އަރިއަން ކަފާލަތުގެ ދަށުން ދޫކުރި އިރު ކޯޓުން ކަނޑައެޅި ޝަރުތުތަކަށް މިހާތަނަށް އެއްވެސް ބަދަލެއް ގެނެސްފައެއް އެވެ. އޭނާ ދޫކޮށްލި އިރު، ޖުމްލަ 14 ޝަރުތެއް ކަނޑައެޅި އެވެ. އޭގެ ތެރޭގައި މުމްބާއީގެ އިހްތިސާސުން ވެސް ބޭރަށް ނުދިއުމަށާއި ގައުމުން ބޭރަށް ވެސް ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފަހެއްޓުމާއި ކޮންމެ ހުކުރު ދުވަހަކު އެންސީބީ އަށް ހާޒިރުވާން ޖެހުން ހިމެނެ އެވެ.

އަރިއަންގެ މައްސަލައިގެ ތަހުގީގު އެންސީބީން މިހާރު ކުރިއަށް ގެންދަނީ ސްޕެޝަލް އިންވެސްޓިގޭޝަން (އެސްއައިޓީ) ޔުނިޓްގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް މިދިޔަ މަހު ބޮމްބޭ ހައި ކޯޓުން ބުނެފައި ވަނީ ކްރޫޒް ލައިނާއެއްގައި އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ މަސްތުވާތަކެއްޗާ އެކު ޕާޓީކުރަނިކޮށް ކަމަށް ބުނާ މައްސަލާގައި އަރިއަން އާއި އިތުރު ބަޔަކު ހައްޔަރުކުރި އިރު، އެކަމާ ގުޅޭ އެކަށީގެންވާ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ. އެއާ އެކު އެންސީބީ އަށް އަމާޒުވެފައިވާ ފާޑުކިޔުންތައް ވެސް ބޮޑެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކޯޓްގެ އެ ވާހަކަތަކާ ގުޅިގެން އެންސީބީގެ ވެރިއަޔަކަށް ހުންނެވި ޒޯނަލް ޑިރެކްޓަރު ސަމީރު ވަންކެޅެ އަށް ޝާހްރުކް ދައުވާ ވެސް ކޮށްފާނެ އެވެ. އަދި އޭނާގެ ގާނޫނީ ޓީމުން އެކަމަށް އަންނަނީ ބާރު އަޅަމުން އަންނަ ކަމަށްވެ އެވެ.