Roadha Mihaaru
"މުނިސިޕަލް ހިދުމަތުގެ ޑްރާފްޓް ދެ ފަހަރަށް ފޮނުވިން"

މުނިސިޕަލް ހިދުމަތް ބަދަލުކުރަން ދެ ފަހަރަށް ޑްރާފްޓް ފޮނުވައިފިން: އެޗްޑީސީ

09 ޑިސެމްބަރ 2021

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރަން އެކަމާ ގުޅޭ ޑްރާފްޓް ދެ ފަހަރެއްގެ މަތިން ކައުންސިލަށް ފޮނުވުމުން ވެސް އެއްބާރުން ލިބިފައިނުވާ ކަމަށް ބުނެ އެޗްޑީސީއަށް ކުރާ ތުހުމަތު މިއަދު ދޮގުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރަން އެކަމާ ގުޅޭ ޑްރާފްޓް ދެ ފަހަރެއްގެ މަތިން ކައުންސިލަށް ފޮނުވުމުން ވެސް އެއްބާރުން ލިބިފައިނުވާ ކަމަށް ބުނެ އެޗްޑީސީއަށް ކުރާ ތުހުމަތު މިއަދު ދޮގުކޮށްފި އެވެ.

ގާނޫނުގައިވާ ގޮތުން ހުޅުމާލޭގެ ބޮޑު އާބާދީގެ މުނިސިޕަލް ހިދުމަތްތައް ދޭން ޖެހޭނީ މާލެ ސިޓީ ކައުންސިލުންނެވެ. މިގޮތަށް މިކަން ކުރަން ހުރަސްއަޅަނީ އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލަކަށް ވާތީ ކަމަށް ބުނެ އެޗްޑީސީއަށް މާލޭ ސިޓީ ކައުންސިލުން ވަނީ ފާޑުކިޔައިފަ އެވެ.

އެޗްޑީސީން ދެމުން އަންނަ އެ ހިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ، ކައުންސިލްތައް ބާރުވެރިކުރުވައި ހުޅުމާލެ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތްތައް ދޭން މި ސަރުކާރުގެ ވައުދެކެވެ. މި ވައުދާ އެއްގޮތަށް ކައުންސިލާ ޒިންމާތައް ހަވާލުކޮށްދޭން ސަރުކާރާއި އެޗްޑީސީއަށް ހުށަހެޅުމުން އިޖާބަ ނުދޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލުން މުނިސިޕަލް ހިދުމަތްތައް ދޭން މިހާރު ވެސް ތައްޔާރު ކަމަށެވެ. ބަޖެޓާއި މުވައްޒަފުން ނުދިނަސް ގޮތްތަކެއް ހޯދައިގެން ވެސް ސިޓީ ކައުންސިލަށް އެކަން ކުރުމުގެ ގާބިލްކަން އެބަހުރި ކަމަށް ވިދާޅުވި އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު "މިހާރު" އަށް ވިދާޅުވީ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލާ ހަވާލުކުރަން އެޗްޑީސީން ހުރަސްނާޅާ ކަަމަށެވެ. ހިދުމަތް ބަދަލުކުރުމާ ގުޅޭ ޑްރާފްޓް ކުރީގެ ކައުންސިލާއި މި ފަހުން އައި ކައުންސިލަށް ވެސް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިދުމަތް ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމަކަށް އައުމަށް އެމްއޯޔޫއެއް ޑްރާފްޓްކޮށް ވަނީ މިހާރުގެ ކައުންސިލާއި މިދިޔަ ކައުންސިލާ ވެސް ހިއްސާކުރެވިފައި،" މަޝާރު ވިދާޅުވި އެވެ.

"ނަމަވެސް ސިޓީ ކައުންސިލްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރުމަށް އެއްބާރުލުން ދީފައެއް ނުވޭ."

ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އަންނަން ޖެހެނީ ހިދުމަތްތައް ކަނޑައެޅުމާއި ބަޖެޓު އަދި މުވައްޒަފުންނާ ގުޅޭ ކަންކަމުގަ އެވެ.

ހުޅުމާލޭގައި އަޅާ ބްރިޖްތައް: މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު ވަނީ ހިޔާލުތަފާތުވުން އުފެދިފައި.

ހުޅުމާލޭގައި އަޅާ ބްރިޖްތައް: މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު ވަނީ ހިޔާލުތަފާތުވުން އުފެދިފައި.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލުން ދޭން އޮތް ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަމެވެ. މާލޭ ސިޓީ ކައުންސިލަށް ކަނޑައަޅާ ޖުމްލަ ބަޖެޓަށް ވުރެން ބޮޑު އަދަދެއް އެ ހިދުމަތަށް އެޗްޑީސީން ހޭދަކުރެ އެވެ. މިހާތަނަށް މަޝްވަރާކުރެވިފައި އޮތީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކަށް އަހަރަކު ހޭދަވާ 70 މިލިއަން ރުފިޔާ އެޗްޑީސީން ސިޓީ ކައުންސިލަށް ދިނުމެވެ.

އެކަމަކު، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެޗްޑީސީގެ މުވައްޒަފުން ސިޓީ ކައުންސިލަށް ބަދަލުކޮށް ސިވިލް ސާވިސްގެ އޮނިގަނޑަށް ބަދަލުކުރުމުން މުސާރަ އާއި އިނާޔަތްތައް ކުރިން ދެމުން އައި މިންވަރަށް ދެވިދާނެތޯ ސުވާލު އުފައްދަ އެވެ.

މުނިސިޕަލް ހިދުމަތްތައް ދިނުމާ ގުޅޭ މައްސަލަ މި ބޮޑުވީ މާދަމާ ރޭ ހުޅުމާލެ ފޭސް ދޭއްގައި ބާއްވަން އުޅުނު ޕީޕީއެމްގެ ކޮތަރު ކޮށި ޖަލްސާއަށް ހުއްދަ ނުދީގެން ހުޅުމާލެ ބިމުގެ ރަޖިސްޓްރީ ކައުންސިލުން ބާތިލްކުރުމާ ގުޅިގެންނެވެ. މި މައްސަލަ އެޗްޑީސީން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ދެކޭ ގޮތުގައި މުނިސިޕަލް ހިދުމަތްތަކުގެ އިތުރަށް މުޅި ހުޅުމާލޭގެ ކޮންޓްރޯލް ވެސް އޮންނަން ޖެހޭނީ އެ ކައުންސިލަށެވެ. އެކަމަކު، ގާނޫނީ ގޮތުން އެއީ އެކަން އޮތީ އެ ގޮތަށް ނޫން ކަމަށް ބުނެ އެޗްޑީސީން އަންނަނީ ސިޓީ ކައުންސިލްގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ.