Roadha Mihaaru
ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަދިނުން ކުރިއަށް

ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަދިނުމުގެ ދެވަނަ ފިޔަވަހި ފަށައިފި

07 ޑިސެމްބަރ 2021

ވިޔަފާރި އުސޫލުން ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ހުއްދަ ދޭ ޕްރޮގުރާމްގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިޔަފާރި އުސޫލުން ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ހުއްދަ ދޭ ޕްރޮގުރާމްގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ނަހުލާ ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަދިނުމަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ އެކު ކުރިއަށް ގެންދާ ޕްރޮގުރާމްގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާރު ހެލިކޮޕްޓަރު ދުއްވަނީ އެމްއެންޑީއެފުން އެކަންޏެވެ. އެއީ އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ ދެ ހެލިކޮޕްޓަރެވެ.

ރާއްޖޭގައި ވަރަށް ކުރިން ވެސް ހެލިކޮޕްޓަރުގެ ހިދުމަތް ދިނެވެ. އެކަމަކު ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާތަކެއް ހިނގުމުން ސަރުކާރުން މަނާކުރީ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ވެރިކަމުގައި ވެސް ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ހެލިކޮޕްޓަރު އޮޕަރޭޓްކުރަން އަލުން ހުއްދަ ދިނުމަށް މަސައްކަތްތަކެއް ކުރި އެވެ.

ނަހުލާގެ ހިތާބުގައި ވިދާޅުވީ، މި އަހަރުގެ މައިގަނޑު އަމާޒަކަށްވީ ކޮވިޑް-19 އިން އަރައިގަނެ ކުރީގެ ހާލަތަށް ރުޖޫއަވުން ކަމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކޮށް، އިތުރަށް ތަރައްގީކުރުން ކަމަށެވެ. އަދި ރާއްޖޭގެ އެއާލައިންތަކުގެ ހަރަކާތްތައް އިތުރުކުރުމާއި އެއާޕޯޓްތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދެވުނު ކަމަށެވެ.

އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ރާއްޖޭގެ ތިން އެއާލައިނަށް މިހާރު ދެވިފައިވާ ކަން ނަހުލާ ފާހަގަކުރެއްވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ވެސް ކުރިއަށް ގެންދެވުނު ކަމަށާއި އެ އެއާޕޯޓުގެ އޭޕްރަން އަށް މުޅިން އަލަށް ބައިތަކެއް އިތުރުކޮށް، ބޭނުންކުރަން ފެށުމުގެ އިތުރުން، ކުރިން ބޭނުންކުރަމުން އައި އޭޕްރަން އަޕްގްރޭޑްކޮށް، ބޭނުންކުރަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އޮޕަރޭޓްކުރާ ބައިނަލްއަގުވާމީ އެއާލައިންތައް އެއް ހަމައެއްގައި އަދި ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ރެގިއުލޭޓްކުރުމަށް، "ފޮރިން އޮޕަރޭޓާސް" ގެ ނަމުގައި ހަދަމުން އަންނަ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގަ އެވެ.