Roadha Mihaaru
ކޯޗު، ކުއްޖަކަށް ކުރި މެސެޖްތައް: ކުޑަ ކަމެއް ނޫން!

ޓެނިސް ކޯޗު ކުއްޖަކަށް ކުރި މެސެޖުތައް: "ކުޑަ ކަމެއް ނޫން"!

07 ޑިސެމްބަރ 2021

ޓެނިސް އެސޯސިއޭޝަންގެ ދަށުން ހިންގާ އެކަޑަމީއެއްގެ ހެޑް ކޯޗު، އޭނާ ޕްރެކްޓިސްކޮށްދޭ 15 އަހަރުގެ އަންހެން ކުއްޖަކަށް ކުރި އެކަށީގެން ނުވާ މެސެޖްތަކަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ތަހުގީގު ކުރުމަށް ފަހު، ޖިނާއީ ދައުވާއެއް ކުރެވޭނެ ތަނެއް ނެތް ކަމަށް ބުނެ މައްސަލަ ފައިލްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓެނިސް އެސޯސިއޭޝަންގެ ދަށުން ހިންގާ އެކަޑަމީއެއްގެ ހެޑް ކޯޗު، އޭނާ ޕްރެކްޓިސްކޮށްދޭ 15 އަހަރުގެ އަންހެން ކުއްޖަކަށް ކުރި އެކަށީގެން ނުވާ މެސެޖްތަކަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ތަހުގީގު ކުރުމަށް ފަހު، ޖިނާއީ ދައުވާއެއް ކުރެވޭނެ ތަނެއް ނެތް ކަމަށް ބުނެ މައްސަލަ ފައިލްކޮށްފި އެވެ.

"މެސެޖެއް ކުރުން އެވަރުގެ ކަމެއް ހެއްޔޭ" ބުނާ ވިސްނުން ކުރިއަށް ނެރެ، ކުޑަ ދެ ކުއްޖަކު ހިމެނޭ މި މައްސަލައިގައި ގާނޫނުގެ ތެރެއިން މުއައްސަސާތަކަށް އެއްވެސް ފިޔަވަޅެއް އެޅެން ނެތް ކަމަށް ބުނެ "މާ ބޮޑު ކަމަކަށް ނުހެދުމުން" އާއިލާ އިން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ކޯޗުގެ މި އަމަލާ މެދު އެކަޑަމީން ވެސް ކަންކަން ކުރި ގޮތާ މެދު އާއިލާގެ ހިތްހަމަނުޖެހުން އެބައޮތެވެ.

އެކަމަކު އެކަޑަމީން ބުނަނީ އެ މައްސަލަ ސަމާލުކަމަށް ގެނައި ހިސާބުން ފެށިގެން، އެއީ ކޯޗުގެ ފަރާތުން ބަލައިގަނެވޭނެ ފަދަ އަމަލަކަށް ނުވާތީ އޭނާއާ މެދު އެތަނަށް އެޅެން އޮތް އިދާރީ ފިޔަވަޅު އެޅި ކަމަށެވެ. އެ އާއިލާގެ ނުރުހުމަކީ ކޯޗު ވަކިކޮށް ގައުމަށް ފޮނުވާ ނުލުން ކަމަށް އެކަޑަމީން ބުންޏެވެ.

އެކަޑަމީގެ ބެލެނިވެރި ފަރާތް، ވިޔަފާރިވެރިންގެ ނުފޫޒު އޮންނަ ޓެނިސް އެސޯސިއޭޝަނުން މިކަމުގެ ޒިންމާ އަދާކޮށްފައެއް ނުވެ އެވެ. ސަބަބަކަށް ދައްކަނީ، އެކަޑަމީ ހިންގަނީ މިނިވަން ތަނެއްގެ ގޮތުގައި ކަމެވެ.

ކުއްޖާގެ މަންމަ އާއި ބައްޕަ "މިހާރު" އަށް ކިޔައިދިން ގޮތުގައި 15 އަހަރުގެ ދަރިފުޅަށް ކޯޗު މެސެޖުކުރީ އޭނާއާ އެކު އެންމެ ފަހުން ބޭއްވި މުބާރާތުގެ މެޗު ދިޔަ 17 އަހަރުގެ އަންހެން ކުއްޖެއްގެ ނަމްބަރު ހޯދަންވެގެންނެވެ. އެ ކުއްޖާ އަކީ ވެސް ޓެނިސް އެސޯސިއޭޝަންގެ މެމްބަރެކެވެ.

"[ނަން އުނިކޮށްފައި] އެކު މެޗު ބަލަން ދިޔަ ފްރެންޑް ފެނިގެން ކޯޗު މި މެސެޖްކުރަނީ ދަރިފުޅަށް، ޝީ އިޒް ސޯ ކިއުޓް އޭ. އިންސްޓްގްރާމުން އެޑްކުރެވިދާނެހޭ. ދެން ކޯޗު މި ބުނަނީ އެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނައްޗޭ،" މަންމަ ކިޔައިދިނެވެ.

މި މެސެޖުތައް "މިހާރު" އަށް ފެނިފައިވާ އިރު، އެ ކުއްޖާ ޖަވާބު ނުދީގެން ކޯޗު ދަންވަރު ވެސް މެސެޖުކޮށްފައިވެ އެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކޯޗެއްގެ ފަރާތުން ފެނުނު މި އަމަލު، އެ ކުއްޖާ އަށް ވީ ބިރުވެރި ކަމަކަށެވެ. މައިންބަފައިންނާ ހިސާބަށް ކޯޗުގެ ވާހަކަތައް ގެންދިޔައީ އެހެންވެ އެވެ.

"ދަރިފުޅު އެކަހަލަ އަމަލުތަކަށް ހޭލުންތެރިކޮށްދީފައި ހުރީމަ ނަމްބަރު ނުދީ ކޯޗުގެ މި މެސެޖްތައް ދެއްކީ،" މަންމަ ކިޔައިދިނެވެ.

"ކޯޗުގެ ނިޔަތް މުޅިން ގޯސް. ބޮޑު ފިރިހެނަކު އެނގި ހުރެ ކުޑަކުދިންނަށް މެސެޖްކޮށްފައި ވެރީ ކިއުޓްއޭ ބުނެ މެސެޖު މި ކުރީ، މިއީ ދެ ވަނަ ފަހަރަށް އޭނާ އެކަން ކުރަން ފުރުސަތު ދެވިގެންވާނެ ކަމެއް ނޫން. ފިޔަވަޅެއް ނޭޅީމަ އެ އޮތީ އިތުރު ކުދިންނަށް އޭނާގެ ނުރައްކާ ބޮޑުވެފައި."

ޖިންސީ އަނިޔާ އާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ޖިންސީ އަނިޔާ އާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ފުލުހުންނަށް މިދިޔަ މަހު 3ގައި މި މައްސަލަ ހުށަހެޅުމުން ތަހުގީގުކުރީ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އަމަލެއް ކޯޗު ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ. މި މައްސަލަ ނޮވެމްބަރު، 29 ގައި ފައިލްކުރީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާ އެކު ޑިއުޓީ ޕްރޮސިކިއުޝަން ވެސް ނިންމައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށް ބުނެ އެވެ.

މައްސަލަ މިގޮތަށް ފައިލްކުރި ކަން ފުލުހުންގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދެއްވި އެވެ.

ފުލުހުން ކޯޗާ މެދު އިތުރު ފިޔަވަޅެއް ނޭޅީ، އެކަޑަމީން އޭނާއާ ދޭތެރޭގައި ފިޔަވަޅު އެޅި ކަމަށް ބުނުމަށް ފަހު އެވެ. އެކަމަކު އާއިލާ އިން ތުހުމަތުކުރަނީ ކޮންމެވެސް ނުފޫޒުތަކަކާ ހެދި މައްސަލަ އެކަށީގެންވާ ގޮތެއްގައި ނުބެލީ ކަމަށެވެ.

"ހެކި އެހެރީ ފޯނުން ފެންނަން. އަޅުގަނޑުމެން ބެލިއިރު ކޯޗުގެ ފޯނު ފުލުހުން ނުގެންދޭ ތަހުގީގަށް. ސުވާލެއް ނުކުރޭ. އެހެންވީމަ މިއޮތީ ރަނގަޅަށް، ބަލަންވާ ވަރަށް ނުބަލާފައޭ ބުނުމުގެ ޖާގަ އެބަ ލިބޭ."

"އެކަޑަމީން ބޭނުންވީ ޑީލަކަށް ދާން"!

އެކަޑަމީން އިދާރީ ފިޔަވަޅު އެޅި ކަމަށް ބުނެ ފުލުހުން މައްސަލަ ފައިލްކުރިއަސް ކޯޗާ މެދު އެއްވެސް ފިޔަވަޅެއް އެތަނުން އެޅި ކަމަކަށް އާއިލާ އިން ގަބޫލެއް ނުކުރެ އެވެ. ސަބަބަކަށް ދައްކަނީ ޕޮލިސްގައި އޮތް މައްސަލަ ނެގުމުން އޭނާ ފުރުވާލާނެ ކަމަށް ބުނެ އެކަޑަމީން ޑީލް ހަދަން އުޅުމެވެ.

ކޯޗުގެ މައްސަލަ ފުރަތަމަ ހުށަހެޅުމުން އެކަޑަމީން ގަބޫލުކުރީ، އާއިލާ އިން ބުނި ގޮތުގައި "މަޖަލަކަށް ކުރި ކަމެއް"ގެ ގޮތުގަ އެވެ. މިކަން މިހެން ހިނގި ފަހުން ވެސް ޕްރެކްޓިސް އަށް ކޯޗު ނެރުނު ކަމަށާއި މިއީ، ޕްރެކްޓިސް އަށް ދާން ކޮންމެ ދުވަހަކު ދަރިފުޅަށް އުނދަގޫވާ ކަމެއް ކަމަށް އާއިލާ އިން ބުންޏެވެ.

"ދަރިފުޅު އަހާ، މަންމާ މިއަދު ކޯޗު ހުންނާނެތަ. ނިމެންދެން މަންމަ އިންނާނަން ދޯ،" މަންމަ ބުންޏެވެ.

ކޯޗު ސެޝަންތަކަށް ނެރޭތީ ހިތްހަމަނުޖެހިގެން ބެލެނިވެރިން ވާހަކަ ދެއްކުމުން "ތިހެންވިއިރު މިތަނަށް ނުގެންނަންވީ ނޫންހޭ" އެކަޑަމީން ބުނި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އެކަޑަމީ އަކީ ގައުމީ މުބާރާތުގައި ބައިވެރިވާން އެދޭ ޓެނިސް ކުޅޭ ކުދިންނަށް އޮތް ހަމައެކަނި ފުރުސަތަށް ވެފައި ކުދިންގެ ރައްކާތެރިކަމަށް ފިޔަވަޅު ނޭޅި ގެއްލުން ލިބުމަކީ މައްސަލައެއް ކަމަށް އާއިލާ އިން ދެކެ އެވެ.

އުމުރުން ފަސް އަހަރުން ފެށިގެން އެ ދަނީ ޕްރެކްޓިސް އަށް. ކޯޗާ ހެދި ކުދިންނަކަށް ނޫން ފުރުސަތު ގެއްލެންވީ.

"އުމުރުން ފަސް އަހަރުން ފެށިގެން އެ ދަނީ ޕްރެކްޓިސް އަށް. ކޯޗާ ހެދި ކުދިންނަކަށް ނޫން ފުރުސަތު ގެއްލެންވީ. މިހެން މިކަން ވަންޏާ މި ކަހަލަ ކަމެއް ވިޔަސް ކުދިން ނުވެސް ބުނާނެ. އެއީ ކުދިން މައްސަލަ ނެގީމަ ވެސް މި ފެންނަނީ އެ ކުދިންނަށް ކުޅެން ނުދެވޭތަން."

އެކަޑަމީގެ ބަސް: ވަގުތުން ފިޔަވަޅު އެޅިން

ބެލެނިވެރިން މި މައްސަލައިގައި އެކަޑަމީ އަށް ކުރާ ތުހުމަތު އެތަނުން ދޮގުކުރެ އެވެ.

އެކަޑަމީގެ މެނޭޖިން ޑިރެކްޓަރު އަލީ ފާރިސް "މިހާރު" އަށް ވިދާޅުވީ ކޯޗުގެ މައްސަލަ ހުށަހެޅި ހިސާބުން ވަގުތުން ފިޔަވަޅު އެޅި ކަަމަށެވެ. އަނގަބަހުން ނަސޭހަތް ދިނުމަށް ފަހު ލިއުމުން އިންޒާރު ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯޗު ޕްރެކްޓިސް އަށް ނެރުނު ކަމަށް އާއިލާ އިން ބުނާ ވާހަކަ އެކަޑަމީން ދޮގުކުރެ އެވެ.

ފާރިސް ވިދާޅުވި ގޮތުގައި އެކަން ހިނގުމާ އެކު ކޯޗު ސެޝަންތަކަށް ވެސް ނުނެރެ އެވެ. ފުލުހުން ވެސް މައްސަލަ ފައިލްކުރީ، ޖިނާއީ ދައުވާ ކުރެވޭނެ ތަނެއް ނެތުމުގެ އިތުރަށް އިދާރީ ފިޔަވަޅު އެޅިކަން އެތަނުން ފުލުހަށް ފޮނުވި ލިއުންތަކުން އެނގޭތީ ކަމަށް ފާރިސް ވިދާޅުވި އެވެ.

ކޯޗުގެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ހާމަކޮށްދޭން އެކަޑަމީން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޮވެމްބަރު 4 ގައި އެކަޑަމީގެ މެނޭޖަރަށް ކޯޗުގެ ޝަކުވާ ހުށަހެޅުމާ އެކު ބެލި ކަމަށެވެ. މީގެ ކުރިން ކޯޗުގެ އެފަދަ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަން އެތަނުން ފާހަގަކުރެ އެވެ.

ބެލެނިވެރިން ހުށަހެޅި މައްސަލަ ބެލިއިރު ކޯޗުގެ އަމަލު ހުރެގެން ނުވާނެ ފަދަ ގޮތަކަށް ކުއްޖަކަށް މެސެޖްކޮށްފައިވާކަން އެނގެން އޮތުމުން ޖެހިގެން އައި ދުވަހު އޭނާއަށް އަނގަބަހުން އިންޒާރު ދިން ކަމަށް އެކަޑަމީން ބުންޏެވެ. މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދޭން ވެސް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެކަޑަމީން ދެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅުން މައްސަލައެއް!

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި އެ ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ މަނާ ކަމެކެވެ.

މިފަދަ އިން އެއްވެސް ފަރާތަކުން އަމަލުކޮށްފި ނަމަ އެކަންތައް ތަހުގީގުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ޝާމިލްވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ އާއްމުންނަށް ހިދުމަތެއް ދިނުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތެއް ނަމަ ލައިސަންސް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެ އެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ އިދާރާއަކުން ވިޔަސް ނުވަތަ ޝަރުއީ ކޯޓުތަކުން ވިޔަސް ނުވަތަ ރައްޔިތުންގެ މަޖިލީހުން ވިޔަސް ނުވަތަ ބެލެނިވެރިން ވެސް ކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަން ދޭން ވާނީ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.

ކުއްޖާގެ މަސްލަހަތަށް އިސްކަން ދިނުމުގައި ކޮންމެ ކުއްޖަކާ ގުޅޭ ގޮތުން ވެސް ގޮތެއް ނިންމަން ވާނީ އެ ކުއްޖާ ހުރި ހާލަތަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރުމަށް ފަހު އެވެ.

އަންހެނުންނަށް ކުރާ އަނިޔާގެ އިތުރުވެ މާލޭގައި ކުރި މުޒާހަރާއެއް. ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ޒިންމާ ގިނަ ބަޔަކަށް ގާނޫނުން އޮތީ މަތިކޮށްފައި. -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އަންހެނުންނަށް ކުރާ އަނިޔާގެ އިތުރުވެ މާލޭގައި ކުރި މުޒާހަރާއެއް. ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ޒިންމާ ގިނަ ބަޔަކަށް ގާނޫނުން އޮތީ މަތިކޮށްފައި. -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކުއްޖާގެ ބައްޕަ ދެކޭ ގޮތުގައި މި ކޭސްގައި ރައްކާތެރި ކަމުގެ ފިޔަވަޅު ދައުލަތަށް އެޅެން އެބައޮތެވެ. ކޯޗު ކުރި މެސެޖު މާބޮޑު ކަމަކަށް ނުވެ، ދެ ވަނަ ކުއްޖަކު އަނިޔާގެ ޝިކާރައަކަށް ވަނީ ފިޔަވަޅު އެޅުމުގައި އިހުމާލުވަމުންދާތީ ކަމަށް އެ ބެލެނިވެރިން ދެކެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނަމުގައި ދައުލަތުން ބޮޑު ހޭދައެއްކުރާ ގޮތަށް އުފައްދާފައިވާ މިނިސްޓްރީ އާއި ކޮމިޝަންތަކާއި އެހެން ތަންތަނުގެ ބޭނުމެއް، އެ ކުދިންގެ ހައްގު ރައްކާތެރި ނުކުރެވޭ ނަމަ ބޭނުމެއް ކޮބައިތޯ އެ ބެލެނިވެރިން ސުވާލު އުފެއްދި އެވެ.

ކަމެއް ވެގެން މައްސަލަ ހުށަހެޅީމާ ބަލާނެ އެއްވެސް ބައެއް ނެތޭ. ޖަސްޓިސްއެއް ނުލިބޭ. ކުޑަކުދިން ނުރައްކަލަކަށް ހުށަހެޅިދާނެ ކަންކަން މާބޮޑު ކަމަކަށް ނުވެއޭ. އެހެންވެއްޖިއްޔާ ސިސްޓަމްގައި މިއުޅެނީ މައްސަލައެއް.

"ކަމެއް ވެގެން މައްސަލަ ހުށަހެޅީމާ ބަލާނެ އެއްވެސް ބައެއް ނެތޭ. ޖަސްޓިސްއެއް ނުލިބޭ. ކުޑަކުދިން ނުރައްކަލަކަށް ހުށަހެޅިދާނެ ކަންކަން މާބޮޑު ކަމަކަށް ނުވެއޭ. އެހެންވެއްޖިއްޔާ ސިސްޓަމްގައި މިއުޅެނީ މައްސަލައެއް،" މަންމަ ކިޔައިދިނެވެ.

"ކުދިންނަށް މި ކަހަލަ ކަންކަން ހިފައިގެން ދިޔައީމަ ދެން ތިބި މީހުން ފިޔަވަޅު އަޅަން ޖެހޭ. އަޅުގަނޑުމެންގެ ދަރިފުޅަށްޓަކައި ވެސް އަޅުގަނޑުމެން ބޭނުން މިކަމާ އުޅެން. ވަރަށް ދެރަކޮށް އޭނައަށް އެ ދިމާވީ. ކުދިން ދެން ހިތަށް އަރާފާނެ މި ކަހަލަ ކަމެއް ވީމަ ދެން ނުބުނާނަމޭ ވެސް."

ކުއްޖާގެ ބައްޕަ ބުނި ގޮތުގައި، ޖިންސީ ފުރައްސާރައިގެ އަމަލުތައް ކުރިމަތިވާ މީހުންނަށް ގާނޫނީ ގޮތުން ކުރިމަތިވާ ހުރަސްތަކާ އެކު އެކަންކަން ސޯޝަލް މީޑިއާ ހަމައަށް ގެންނަ މަންޒަރު ވަރަށް ގިނައިން ފެނެ އެވެ. އެފަދަ ކޮންމެ މީހަކަށް ވެސް ހިތްވަރާ އެކު ކުރިއަށް ދާން ބާރުއަޅަ އެވެ. އެކަމަކު އެއީ ކިހާވަރެއްގެ އުނދަގޫ މަގެއް ކަން އެނގެނީ އަމިއްލަ އަށް ކަމެއް ތަހައްމަލްކުރަން ޖެހުމުން ކަމަށް އޭނާ ބުންޏެވެ.

"މި މައްސަލައިގައި ނުދެވޭ ތަނެއް ނެތް."

ފުލުހުން މައްސަލަ ފައިލްކުރިޔަސް އިތުރަށް ކުރިއަށް ދާން އާއިލާ އިން އަންނަނީ ވަކީލުންނާ ވާހަކަ ދައްކަމުންނެވެ.