Roadha Mihaaru
ވަރުންގެ އަންހެނުންގެ ރިއަލިޓީ ޝޯއެއް

ވަރުންގެ އަންހެނުން ނަތާޝާގެ ރިއަލިޓީ ޝޯއެއް

06 ޑިސެމްބަރ 2021

ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަންގެ އަންހެނުން ނަތާޝާ ދަލާލު ރިއަލިޓީ ޝޯއަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަންގެ އަންހެނުން ނަތާޝާ ދަލާލު ރިއަލިޓީ ޝޯއަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

މި ޝޯ އަކީ ޑިސްކަވަރީ ޕްލަސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ "ސޭ ޔެސް ޓު ދަ ޑްރެސް އިންޑިއާ" އެވެ. ކައިވެނީގެ ހެދުންތަކަށް ހާއްސަ މި ޝޯ އަކީ "ސޭ ޔެސް ޓު ދަ ޑްރެސް" ގެ ނަމުގައި ގެނެސްދެމުން އަންނަ އެމެރިކާ ޝޯގެ އިންޑިއާ ވާޝަނެވެ.

ނަތާޝާ ފަރުމާކޮށްފައިވާ ކައިވެނީގެ ހެދުންތަކުގެ ކަލެކްޝަނެއް ފެނިގެންދާނެ ޝޯ ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ބުދަ ދުވަހު އެވެ. މިކަމާ ގުޅިގެން އޭނާ ނެރުނު ބަޔާނެއްގައި ބުނީ މުޅި ދުނިޔޭގައި ވެސް މަޝްހޫރު ޝޯއެއްގެ އިންޑިއާ ވާޝަނުގެ ބައިވެރިވެ އަމިއްލަ މަސައްކަތްތައް ދައްކާލަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަހަރެން ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ޝޯއަކުން ބެލުންތެރިންނަށް ފެނިލަން މިއަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ." ނިއު ޔޯކްގެ ފެޝަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެފްއައިޓީ) އިން ފެޝަން ޑިޒައިނިން ކިޔަވާފައިވާ ނަތާޝާ ބުންޏެވެ.

"ނަތާޝާ ދަލާލް ލޭބަލް" ގެ ނަމުގައި އަމިއްލަ ފެޝަން ލޭބަލެއް ވެސް ގެންގުޅޭ ޑިޒައިނަރު ބުނި ގޮތުގައި ކޮންމެ އަންހެނެއްގެ ހަޔާތުގައި ވެސް ކައިވެނީގެ ދުވަހަކީ ވަރަށް ހާއްސަ ދުވަހެކެވެ. އެގޮތުން ކައިވެނީގެ ހެދުމަކީ އަބަދު ވެސް ވަރަށް ޗާލު އެއްޗަކަށް ހަދަން ގިނަ ބަޔަކު ބޭނުންވާ ކަމަށާއި އޭނާގެ ޝޯގެ ތެރެއިން ކައިވެނީގެ ހެދުންތަކުގެ ހިތްގައިމު އެތައް ފަރުމާއެއް ފެނިގެން ދާނެ ކަމަށް ބުންޏެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރަކާ ކައިވެނިކުރި ނަމަވެސް ނަތާޝާ އަކީ މާ ބޮޑަށް "ލައިމްލައިޓް" ގައި އުޅޭ މީހެއް ނޫނެވެ. އަދި އޭނާ އަކީ މީޑިއާތަކާ ވެސް ވަރަށް ބީރައްޓެހި މީހެކެވެ. ވަރުން އާއި ނަތާޝާ ކައިވެނިކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 24 ގަ އެވެ. އެ ދެ މީހުންނަކީ ކުޑައިރުއްސުރެ ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ.

"ސޭ ޔެސް ޓު ދަ ޑްރެސް އިންޑިއާ" އިން ނަތާޝާ، 32، ގެ ހުނަރު ދައްކައިލާ އިރު، މި ޝޯ އަކީ ޓީއެލްސީ ނެޓްވޯކުން 2007 އިން ފެށިގެން ގެނެސްދެމުން އަންނަ އެއްޗެކެވެ. އަދި މިހާތަނަށް އޭގެ އެތައް ވާޝަނެއް އެކި ގައުމުން ގެނެސްދީފައިވެ އެވެ.