Roadha Mihaaru
އިންޑިއާގައި ކްރިޕްޓޯ މަނާކުރަން ތައްޔާރު ވަނީ

އިންޑިއާގައި ކްރިޕްޓޯކަރަންސީ ގާނޫނަކުން މަނާކުރަން ތައްޔާރުވަނީ

26 ނޮވެމްބަރ 2021

ޑިޖިޓަލް ފައިސާގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކްރިޕްޓޯކަރަންސީ އިންޑިއާގައި ގާނޫނަކުން މަނާކުރަން ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޖިޓަލް ފައިސާގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކްރިޕްޓޯކަރަންސީ އިންޑިއާގައި ގާނޫނަކުން މަނާކުރަން ތައްޔާރުވާން ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ "ކްރިޕްޓޯކަރަންސީ އެންޑް ރެގިއުލޭޝަން އޮފް އޮފިޝަލް ޑިޖިޓަލް ކަރަންސީ ބިލް" އާ މެދު ވަރަށް އަވަހަށް ގާނޫނު ހަދާ މަޖިލީހުން ގޮތެއް ނިންމާނެ އެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބިލް ފާސްކުރާނެ އެވެ.

ކްރިޕްޓޯ މަނާކުރަން އިންޑިއާގައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައި، އެ ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. މި ބިލްގެ ދަށުން ކްރިޕްޓޯގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޕްރައިވެޓް އެތައް ޑިޖިޓަލް ފައިސާއެއްގެ މުއާމަލާތެއް އެ ގައުމުގައި ހުއްޓުމަކަށް އަންނާނެ އެވެ. އެކަމަކު ކްރިޕްޓޯއާ ގުޅުން ހުރި ޓެކްނޮލޮޖީތަކާއި މުސްތަގުބަލުގައި އެ ބޭނުންކުރުމަށް މަގުފަހިވާ ފަދަ ބައެއް މާއްދާތައް ބިލްގައި ހިމަނާފައިވެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އިންޑިއާއިން ބޭނުން ވަނީ ބިދޭސީ ކްރިޕްޓޯތަކަށް އެ ގައުމުގައި ޖާގަ ނުދީ އަމިއްލަ ރަސްމީ ޑިޖިޓަލް ފައިސާއެއް ތައާރަފުކުރުމަށެވެ. އަދި އެކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އަންނަނީ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. ޖެނުއަރީގައި ކްރިޕްޓޯއާ ގުޅޭ ބިލެއް ހުށަހެޅުމުގެ ކުރިން ވެސް މިދިޔަ އަހަރުގެ ތެރޭގައި މި ވާހަކަ ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.

އިންޑިއާގައި ކްރިޕްޓޯ ގާނޫނަކުން މަނާކުރަން މަސައްކަތް ކުރަމުން އަންނަ އިރު، އެ ގައުމުގައި މިހާރު ކްރިޕްޓޯގެ އަގަށް ބޮޑު ވެއްޓުމެއް އައިސްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެގޮތުން ކްރިޕްޓޯގެ އެންމެ މަޝްހޫރު ފައިސާ ކަމަށްވާ ބިޓްކޮއިންގެ އަގު އިންޑިއާގައި 13 ޕަސެންޓަށް ވުރެ ބޮޑަށް ދަށްވެފައިވެ އެވެ.

އޭޝިއާގެ ބޮޑެތި ގައުމުތަކުގެ ތެރެއިން ކްރިޕްޓޯއާ ދެން އެންމެ ދެކޮޅު ގައުމަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގުތިސާދު ކަމަށްވާ ޗައިނާ އެވެ.

ޑިޖިޓަލް ފައިސާއެއް މިހާތަނަށް ރަސްމީ ފައިސާއެއްގެ ގޮތުގައި ކަނޑައެޅި ހަމައެކަނި ގައުމަކީ މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ އެލް ސަލްވެޑޯ އެވެ. އެ ގައުމުން ބިޓްކޮއިން ރަސްމީ މުއާމަލާތަކަށް ހެދީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެލް ސަލްވެޑޯ އިން މިހާރު ވަނީ "ބިޓްކޮއިން ސިޓީއެއް" ވެސް ތަރައްގީ ކުރަން ނިންމިކަން މީގެ ހަފުތާއެއް ކުރިން އިއުލާންކޮށްފަ އެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކިއުބާ އިން ވެސް ބުނެފައިވާ ގޮތުގައި އެ ގައުމު ވެސް ކްރިޕްޓޯ ރަސްމީ ފައިސާއަކަށް ހަދާނެ އެވެ.