Roadha Mihaaru
ލޯބި ވާވަރު ހާމަކޮށްދޭން "ތާޖް މަހަލް" އެއް

ލޯބިވާ މިންވަރު ހާމަކޮށްދޭން ހަދައި ދިނީ "ތާޖް މަހަލް" އެއް

24 ނޮވެމްބަރ 2021

އިންޑިއާގެ ޓީޗަރަކު އޭނާގެ އަނބިމީހާ ދެކެ ލޯބިވާކަން ހާމަކޮށްދިނުމުގެ ގޮތުން، އެ ގައުމުގެ މަޝްހޫރު ބިނާ، ތާޖް މަހަލްގެ ސިފައިގައި ގެއެއް ހަދައިދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ޓީޗަރަކު އޭނާގެ އަނބިމީހާ ދެކެ ލޯބިވާކަން ހާމަކޮށްދިނުމުގެ ގޮތުން، އެ ގައުމުގެ މަޝްހޫރު ބިނާ، ތާޖް މަހަލްގެ ސިފައިގައި ގެއެއް ހަދައިދީފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ބޭރުން ބަލާ އިރު، އާގްރާގައި ހުންނަ 17 ވަނަ ގަރުނުގެ ތާރީހީ ބިނާއާ ދާދި އެއްގޮތަކަށް، އަނބިމީހާއަށް ގެއެއް އިމާރާތްކޮށް ދިނީ މަދިއަ ޕްރަދޭޝްގެ ބުރުހާންޕޫރްގެ ޓީޗަރެއް ކަމަށްވާ އާނަންދު ޕްރަކާޝް ޗޯކްސީ، 52، އެވެ. ތާޖު މަހަލްއާ އެއްގޮތަށް މާބްލް ބޭނުންކޮށްގެން ހަދާފައިވާ 929.03 އަކަމީޓުގެ މި ގެ އަކީ ހަތަރު ކޮޓަރީގެ ތަނެކެވެ. އެތަނުގައި ބޮޑު ހޯލަކާއި ލައިބްރަރީއެއްގެ އިތުރުން ހިތްގައިމު މެޑިޓޭޝަން ރޫމެއް ވެސް ހިމެނެ އެވެ. ގެ ހަދާފައި ވަނީ ތާޖް މަހަލް ވެސް ހުންނަ ގޮތަށް ގޭގެ ހަތަރު ފަރާތުން މުންނާރާއި މައި އިމާރާތުގައި ގުއްބު ވެސް ހިމެނޭ ގޮތަށެވެ.

މި ގެ އިމާރާތްކޮށް ނިންމާލީ ތިން އަހަރުގެ ތެރޭގަ އެވެ. އާނަންދު އަންހެނުން މަންޖޫ ޝާހް، 48، މިހާރު ދިރިއުޅެނީ އެ "ތާޖު މަހަލް" ގަ އެވެ.

ތާޖު މަހަލް ސިފަ އަށް ބިނާކުރި ގެ.

ތާޖު މަހަލް ސިފަ އަށް ބިނާކުރި ގެ.

ލޯބީގެ ރަމްޒެއްގެ ގޮތުގައި އަންހެނުންނަށް ތާޖް މަހަލްގެ ސިފައިގައި ޕްރަކާޝް ގެއެއް ހަދައިދިން އިރު، މުޅި ދުނިޔޭގައި ވެސް މަޝްހޫރު ބިނާއެއް ކަމަށްވާ ތާޖް މަހަލް އަކީ ލޯބީގެ ރަމްޒެކެވެ. އެތަނަކީ އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމަށްވާ ޝާހް ޖަހާން އަނބިކަނބަލުން މުމްތާޒަށް ހާއްސަކޮށްގެން ބިނާކުރި ތަނެކެވެ.

ޕްރަކާޝް ބުނި ގޮތުގައި އޭނާ އާއި މަންޖޫގެ ލޯތްބަކީ ވެސް ހަމަ އެފަދަ ގުޅުމެކެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ.

ޕްރަކާޝްގެ ދެމަފިރިން.

ޕްރަކާޝްގެ ދެމަފިރިން.

"އަންހެނުން ދެކެ ވާ ލޯތްބަށްޓަކައި އޭނައަށް ހިތްގައިމު ގެއެއް ހަދައި ދިނުމަކީ އަހަރެން ދެކެމުން އައި ވަރަށް ހުވަފެން. ބޭނުންވީ އެތަނެއްގެ ވާހަކަ އާންމުން ދައްކާނެ ކަހަލަ ގޮތަކަށް ގެ ހަދަން. އެހެންވެ ތާޖް މަހަލް ގޮތަށް ގެ ހަދަން ނިންމީ،" އޭނާ ބުންޏެވެ. "ތާޖު މަހަލް އަކީ ލޯބީގެ ރަމްޒެއް. އެހެންވީމަ އަހަރެންގެ އަންހެނުންނަށް ވެސް ހަމަ އެފަދަ ގޮތަކަށް ގެއެއް ހަދައި ދިނުމަކީ އަހަރެން އޭނަ ދެކެ ކިހާ ލޯބިވާކަން ހާމަކޮށްދޭނެ ތަނެއް."

ގެ އިމާރާތް ކުރަން ބޮޑު ހަރަދެއް ދިޔަ ނަމަވެސް އެކަމާ ބެހޭ އެއްވެސް ވާހަކައެއް ދައްކާކަށް ކުރިން އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރި ޕްރަކާޝް ބޭނުމެއް ނޫނެވެ. އޭނާ ހުރީ މި ގެއަށް މިހާރު ލިބެމުން އަންނަ ސަމާލުކަމާ ހެދި ވެސް ވަރަށް އުފަލުންނެވެ.