Roadha Mihaaru
ބީބާއަށް ހާޝުގްޖީގެ ލޯބިވެރިޔާގެ ސިޓީއެއް

ސައުދީގައި ޕާފޯމް ނުކުރަން އެދި ބީބާއަށް ހާޝުގްޖީގެ ލޯބިވެރިޔާގެ ސިޓީއެއް

24 ނޮވެމްބަރ 2021

ސައުދީ އަރަބިއާގެ ކުރީގެ މަޝްހޫރު ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ އެ ގައުމުން މަރާލާފައިވާތީ އެ ގައުމުގައި ޕާފޯމްކޮށްގެން ނުކުރަން ހާޝުގްޖީގެ ލޯބިވެރިޔާ ހަދީޖާ ސެންޖީޒް، މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ކިބައިން އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސައުދީ އަރަބިއާގެ ކުރީގެ މަޝްހޫރު ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ އެ ގައުމުން މަރާލާފައިވާތީ އެ ގައުމުގައި ޕާފޯމްކޮށްގެން ނުކުރަން ހާޝުގްޖީގެ ލޯބިވެރިޔާ ހަދީޖާ ސެންޖީޒް، މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ކިބައިން އެދިއްޖެ އެވެ.

ސައުދީގެ ޖިއްދާގައި ބާއްވާ އިވެންޓެއްގައި ކެނެޑާގެ ޒުވާން ފަންނާނު ޕާފޯމްކުރަން ހަމަޖެހިފައި އޮތީ އަންނަ މަހުގެ 15 ގަ އެވެ. މިއީ ހާޝުގްޖީ ވަރަށް އަނިޔާވެރިކޮށް 2018 ގައި މަރާލި ހާދިސާގެ އަޑީގައި ހުންނެވި ކަމަށް ތުހުމަތު ކުރެވޭ އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ދައުވަތަކަށް ބީބާ އެ ގައުމަށް ކުރާ ދަތުރެކެވެ. ބީބާ ޕާފޯމް ކުރަން ހަމަޖެހިފައިވާ އިވެންޓަކީ "ފޯމިއުލާ ވަން ސައުދީ އެރޭބިއަން ގްރޭންޑް ޕްރިކްސް" ހުޅުވާ ރަސްމިއްޔާތެވެ.

އޭގައި ޕާފޯމްކުރަން ހަމަޖެހިފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި އޭސަޕް ރޮކީ ޑޭވިޑް ގްއެޓާ، ޓިއެސްޓޯ އަދި ޖޭޒަން ޑެރޫލޯ ހިމެނެ އެވެ.

ސައުދީ އިވެންޓްގައި ބީބާ ޕާފޯމްނުކުރަން އެދި، ހާދިޖާ ވޮޝިންޓަން ޕޯސްޓްގައި އާންމު ކޮށްފައިވާ ސިޓީގައި ބުނެފައި ވަނީ ބީބާ ކަހަލަ ގިނަ ބަޔަކު ބަލައިގަންނަ މަޝްހޫރު ޒުވާން ފަންނާނަކު ސައުދީގައި ޕާފޯމް ނުކުރުމަކީ ސައުދީއަށް އަދި މުޅި ދުނިޔެއަށް ވެސް ދެވޭ ވަރަށް ވަރުގަދަ މެސެޖެކަށް ވާނެ ކަމަށެވެ.

އޭނާ ބުނީ ލޯބިވެރިޔާ މަރާލީ ސީދާ މުހައްމަދު އަޑީގައި ހުންނަވައިގެން ކަމަށްވާތީ، އޭނާގެ ފަރާތުން ލިބިވަޑައިގަންނަވާ ދައުވަތެއް ގަބޫލު ނުކުރުމަކީ އިންސާނިއްޔަތަށްޓަކައި ވެސް ކޮށްދެވޭނެ ކަމެއް ކަމަށެވެ. އެހެންވެ ސައުދީގައި ޕާފޯމް ނުކުރަން އެދޭ ކަމަށާއި ދަތުރު ކެންސަލް ކުރަން ބީބާގެ ކިބައިން ހިތުގެ އަޑިން އެދޭ ކަމަށް ހަދީޖާ ބުންޏެވެ.

ޖަމާލް ހާޝުގްޖީ.

ޖަމާލް ހާޝުގްޖީ.

"މުހައްމަދުގެ ދައުވަތަކަށް ސައުދީ އަށް ގޮސް ފާފޯމްކުރާ ކަމަށް ވަންޏާ އެކަމަކީ ބީބާގެ ނަން ވެސް ހަރާބުވެދާނެ ކަމެއް،" ހަދޯީޖާ ބުންޏެވެ. "އެހެންވީމަ ވަރަށް ބޮޑަށް އެދެން އަހަރެންގެ ބައިވެރިޔާގެ ގާތިލުން ހިތް އުފާކޮށް ދިނުމަށްޓަކައި ޕާފޯމް ނުކުރަން. ތިއީ ވަރަށް ގިނަ ބަޔަކަށް މަގުބޫލު ފަންނާނެއް."

ހަދީޖާ ބުނި ގޮތުގައި އޭނާގެ މި އެދުން ބީބާ ގަބޫލުކޮށްފި ނަމަ އެކަމަކީ ފައިސާ އަށް ވުރެ ބޮޑަށް އިންސާފަށް އޭނާ ލޯބި ކުރާކަން ވެސް ސާބިތުކޮށްދޭނެ ކަމެކެވެ.

"ހަމަ ޔަގީނުން ވެސް އަހަންނަނީ އެ އުސޫލުގެ މަތީގައި ދެމިހުންނާނެ މީހެއް." ލޯބިވެރިޔާގެ މަރަށް އިންސާފު ހޯދަން ވަރަށް ބޮޑަށް ވަކާލާތުކުރާ ހަދީޖާ ބުންޏެވެ.

މިކަމާ ގުޅިގެން ބީބާ، 27، ގެ ފަރާތުން އަދި އެއްވެސް އިޖާބައެއް އައިސްފައެއް ނެތެވެ.