Roadha Mihaaru
ޝިލްޕާގެ ކައިވެނީގެ ފޮޓޯ އަލުން ސޯޝަލް މީޑިއާއަށް

ޝިލްޕާގެ ކައިވެނީގެ ފޮޓޯ އަލުން ސޯޝަލް މީޑިއާ އަށް

23 ނޮވެމްބަރ 2021

ފިރިމީހާ ރާޖް ކުންދުރާ ގާތުން ބަތަލާ ޝިލްޕާ ޝެޓީ ވަރިވާން އުޅޭކަމުގެ އަޑުތަކެއް މީޑިއާތަކުގައި ގަދަވެފައި ވަނިކޮށް، އެ ދެ މީހުންގެ ކައިވެނީގެ ފޮޓޯ ޝިލްޕާ ސޯޝަލް މީޑިއާއި ޕޯސްޓްކޮށް، ކައިވެނީގެ އެނިވަސާރީގެ މަތިން ހަނދާން އާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިރިމީހާ ރާޖް ކުންދުރާ ގާތުން ބަތަލާ ޝިލްޕާ ޝެޓީ ވަރިވާން އުޅޭކަމުގެ އަޑުތަކެއް މީޑިއާތަކުގައި ގަދަވެފައި ވަނިކޮށް، އެ ދެ މީހުންގެ ކައިވެނީގެ ފޮޓޯ ޝިލްޕާ ސޯޝަލް މީޑިއާއި ޕޯސްޓްކޮށް، ކައިވެނީގެ އެނިވަސާރީގެ މަތިން ހަނދާން އާކޮށްފި އެވެ.

އެ ދެ މީހުން ކައިވެނިކުރީ 2009 ގަ އެވެ. ޝިލްޕާގެ އިންސްޓަގްރާމާއި ޓްވިޓާގައި ކޮލާޖް ކޮށްފައިވާ ފޮޓޯތަކަކާ އެކު ބުނީ ކައިވެންޏަށް މިހާރު 12 އަހަރުވީ ކަމަށާއި އެ ގުޅުމަކީ ހަޔާތުގެ ކޮންމެ ހިނދުކޮޅެއް ވެސް ދެ މީހުން އެކީގައި ހޭދަކުރަން ވި ވައުދެއް ކަމަށެވެ. ރާޖް އަށް "ކުކީ" ގެ ނަމުން އިޝާރާތްކޮށް ޝިލްޕާ ބުނީ ކުރިއަށް އޮތީ ވެސް އުފާވެރި ދުވަސްތަކެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ފާހަގަ ކުރެވޭ ކަމަކީ ކައިވެނީގެ ފޮޓޯތަކެއް ޝިލްޕާ އަލުން ޕޯސްޓް މި ކުރީ، ބަރަހަނާ ފިލްމު ހަދައި އެ އެއްޗެހިން އާމްދަނީ ހޯދަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ޖުލައި މަހުގެ ތެރޭގައި ރާޖް ހައްޔަރުކޮށް، އޭގެ ދެ މަހެއްހާ ދުވަސް ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލުމުން ރާޖްގެ އެއްވެސް ފޮޓޯއެއް ޕޯސްޓްނުކޮށް ހުރުމަށް ފަހު ކަމެވެ.

ޝިލްޕާއި ރާޖްގެ ދެ ކުދިން ވެސް އެބަ ތިއްބެވެ. އެއީ ވިއާން ރާޖް ކުންދުރާ، 9، އާއި އެއް އަހަރުގެ ސަމީޝާ ޝެޓީ ރާޖް ކުންދުރާ އެވެ. ސަމީޝާ އަކީ ސަރޮގޭޓް ކޮށްގެން ހޯދި ކުއްޖެކެވެ. ޝިލްޕާގެ ކުރިން ރާޖް ކުރި ކައިވެންޏަށް ވެސް އަންހެން ދަރިޔަކު އެބަ ހުއްޓެވެ. އެއީ ޑެލީނާ ކުންދުރާ، 15، އެވެ.

ކައިވެންޏަށް 12 އަހަރުވުމާ ގުޅިގެން ހަނދާންތައް އާކުރަން ކައިވެނީގެ ފޮޓޯތައް ޝިލްޕާ އަލުން ސޯޝަލް މީޑިއާގައި އާންމު ކުރުމަކީ އޭނާ އާއި ރާޖް ވަރިވާން ނޫޅޭކަން ދެއްކުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވެ އެވެ. މިފަދަ ވާހަތަކެއް މީޑިއާތަކުގައި ދެކެވޭތީ ކުރިން ވެސް އެކަމާ ވަރަށް ހިތްހަމަނުޖެހިގެން ޝިލްޕާ މީޑިއާތަކަށް ބަހުގެ ހަމަލާތައް ދީފައިވެ އެވެ.