Roadha Mihaaru
އެޗްޑީސީން ޗެމްޕިއަން ބީއެމްއެލް އަތްދަށުލައިފި

ކްލަބު މޯލްޑިވްސް: އެޗްޑީސީން ޗެމްޕިއަން ބީއެމްއެލް އަތްދަށުލައިފި

22 ނޮވެމްބަރ 2021

ކްލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި އެޗްޑީސީން ޗެމްޕިއަން ބީއެމްއެލް 3-0 އިން ބަލިކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކްލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި އެޗްޑީސީން ޗެމްޕިއަން ބީއެމްއެލް 3-0 އިން ބަލިކޮށްފި އެވެ.

މެޗުގެ ކުރިން ބޭއްވި ހުޅުވުމުގެ ރަސްމިއްޔަތުގައި ވަނީ އެންމެ ފަހުން ބޭއްވި ކްލަބު މޯލްޑިވްސް ކަޕް ބީއެމްއެލް އިން ކާމިޔާބުކޮށްފައިވުމުން ޗެމްޕިއަނުންގެ ބެޖު އެ ޓީމަށް ދީފަ އެވެ. އެންމެ ފަހުން މުބާރާތް ބޭއްވީ 2019 ގަ އެވެ.

ޗެމްޕިއަން ބެޖާ އެކު ފުރަތަމަ މެޗާ ކުރިމަތިލި ބީއެމްއެލް އަށް ގަދައެއް ނުދެއްކުނެވެ. ކުރިން ޓީސީ އަށް ކުޅުނު އިޝާން އިބްރާހިމް އާއި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ލީޑް ކުރި ބީއެމްއެލް ޖެހުނީ އެޗްޑީސީ ކުރިމަތީ އިސްޖަހާލާށެވެ.

އެޗްޑީސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. އަނެއް ލަނޑު ޖެހީ ޔާމީން މުހައްމަދު (ޔާންޓޭ) އެވެ.

ފިރިހެން ޑިވިޝަންގެ ދެވަނަ މެޗުގައި ވާދަކުރީ ކްލަބު އިމިގްރޭޝަން އާއި ދިރާގެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މުބާރާތުގައި މާދަމާ ރޭ ކުޅޭ ހަތަރު މެޗަކީ ވެސް ފިރިހެން ޑިވިޝަންގެ މެޗުތަކެވެ. މުބާރާތް ކުރިއަށް ދަނީ ހުޅުމާލޭ ރެންދިން ސްކޫލް ކައިރިގައި އޮންނަ ފުޓްސަލް ދެ ދަނޑުގަ އެވެ. މެޗު ކުޅޭ ކޮންމެ ގަޑިއެއްގައި ދެ ދަނޑުގައި ވެސް މެޗުތައް ކުރިއަށްދާނެ އެވެ.

މާދަމާ ރޭގެ މެޗުތައް

- 8:15 އެމްޕީއެލް - ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)

- 8:15 ފެނަކަ -އާރްއޯއެލް

- 9:30 މީޑިއާނެޓް - އެމްއޭސީއެލް

- 9:30 އެމްއެމްއޭ - މޯލްޑިވް ގޭސް