Roadha Mihaaru
އަރަބިއްޔާ އިމާރާތުގެ އެސެސްމަންޓެއް ހަދަން ހަވާލުކޮށްފި

ހަލާކުވަމުންދާ އަރަބިއްޔާ އިމާރާތުގެ ބޮޑު އެސެސްމަންޓެއް ހަދަން ހަވާލުކޮށްފި

21 ނޮވެމްބަރ 2021

އަރަބިއްޔާ ސްކޫލު އިމާރާތުގެ ބޮޑު އެސެސްމަންޓެއް ހެދުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަރަބިއްޔާ ސްކޫލު އިމާރާތުގެ ބޮޑު އެސެސްމަންޓެއް ހެދުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހިމް "މިހާރު" އަށް ވިދާޅުވީ ދިގު މުއްދަތަކަށް އެ އިމާރާތް ބޭނުންކުރެވޭނެ ގޮތަށް މަރާމާތުކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ސްޓްރަކްޗަރަލް އެސެސްމަންޓުގެ އަމަލީ މަސައްކަތް މާދަމާ ފަށައި، ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ނައުޝާދު ވިދާޅުވި އެވެ.

"ކުރު މުއްދަތަކަށް ބަލާފައި މަރާމާތުކުރެވިދާނެ މިހާރު ވެސް. ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ ދިގު މުއްދަތަކަށް އެތަން ބޭނުންކުރެވޭނެ އެންމެ ރަނގަޅަކަށް މަރާމާތުކުރަން. އެކަން މި ފެށީ މިހާރު،" އޭނާ ވިދާޅުވި އެވެ.

"ސްޓްރަކްޗަރަލް އެސެސްމަންޓް ނިމޭހާ އަވަހަކަށް މަރާމާތުކުރަން ފަށާނަން."

އެ އިމާރާތުގެ މައްސަލަ މީގެ ކުރިން ފެންމަތިވުމުން އެޑިއުކޭޝަން މިނިސްޓްރީން ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ވިޝުއަލް އިންސްޕެކްޝަނެއް ހަދައިފަ އެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ކޮންކްރީޓުގަނޑު ހަލާކުވެފައި-- ޓްވިޓާ ފޮޓޯ: ޑރ. ޝަހީމް

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ކޮންކްރީޓުގަނޑު ހަލާކުވެފައި-- ޓްވިޓާ ފޮޓޯ: ޑރ. ޝަހީމް

އެ އިންސްޕެކްޝަނުން ދެއްކީ އިމާރާތުގައި ވަގުތުން ވަގުތަށް ކުރަންޖެހޭ މަރާމާތުތައް އެނގޭނީ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދައިގެންނެވެ.

އިމާރާތުގައި ރެނދުލައި، އެ ތަން ވަރަށް ބޮޑަށް ބާވެފައިވާތީ ދަރިވަރުންގެ ސަލާމަތްތެރިކަމާ މެދު ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ، މައްސަލަ ހައްލުކުރަން ކުރަމުން އަންނަ މަސައްކަތްތައް ބެލެނިވެރިންނާ ހިއްސާކުރައްވައިފަ އެވެ.

އަރަބިއްޔާ ސްކޫލު އެންމެ ފުރަތަމަ ހިންގީ އީޕީއެސް ކުރިން ހުރި އިމާރާތުގަ އެވެ. އޭގެ ފަހުން މަޖީދީ މަގުގައި ޓާޓާ ފްލެޓުތައް އަޅާފައި ހުރި ތަނާއި މަންދު ކޮލެޖު ހިންގި އެމްއީއެސް އިމާރާތުގައި ވެސް އަރަބިއްޔާ ސްކޫލު ހިންގި އެވެ.

މިހާރު އެ ސްކޫލު ހިންގާ އާ އިމާރާތް އެއްކޮށް ނިމުމުން އެ ތަނަށް ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ.