Roadha Mihaaru
ކުޅުދުއްފުށީގައި ހިންގި ކޯޑިން ޕްރޮގްރާމް ނިންމާލައިފި

ކުޅުދުއްފުށީގައި ހިންގި ކޯޑިން ޕްރޮގްރާމް ނިންމާލައިފި

21 ނޮވެމްބަރ 2021

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން އަންހެން ކުދިންނަށް ހާއްސަ ކޮށްގެން ކުޅުދުއްފުށީގައި ބޭއްވި ކޯޑިން ޕްރޮގްރާމް، "ގާލްސް ޓު ކޯޑް" އިއްޔެ ނިންމާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން އަންހެން ކުދިންނަށް ހާއްސަ ކޮށްގެން ކުޅުދުއްފުށީގައި ބޭއްވި ކޯޑިން ޕްރޮގްރާމް، "ގާލްސް ޓު ކޯޑް" އިއްޔެ ނިންމާލައިފި އެވެ.

ކުޅުުދއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ނިންމި ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލު ކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފާއި އެ ރަށުގެ ސެކަންޑްރީ ސްކޫލުގެ އިސްވެރިންނާއި ދިރާގު އަދި ވިމެން އިން ޓެކްގެ އިސްވެރިން ބައިވެރިވި އެވެ.

ދެ މަސް ދުވަހުގެ މުއްދަތަކަށް ހިންގި މި ޕްރޮގްރާމް 18 ދަރިވަރަކު ވަނީ މި ޕްރޮގްރާމް ފުރިހަމަ ކޮށްފަ އެވެ. އެއީ 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނެވެ.

ދިރާގުގެ ކޯޕަރޭޓް ސާވިސަސް ޑައިރެކްޓަރު އާތިފާ އަލީ ވިދާޅުވީ ޓެކްނޮލޮޖީ ދާއިރާއިން އަންހެނުންނަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށާއި އެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މި ދާއިރާއިން ތަމްރީން ލިބުމުން ރަށުގައި ތިބެގެން ވެސް އިންޓަނެޓުގެ ޒަރީއާއިން ކެރިއާ ބިލްޑު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްރޮގްރާމުގެ ދަސްވި މައުލޫމާތު ބޭނުން ކޮށްގެން މުޖުތަމައަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް ވިމެން އިން ޓެކްގެ ރައީސް ހިންދު އަލީ ވަނީ ބައިވެރިންނަށް ހިތްވަރު ދެއްވައިފަ އެވެ. އަދި ޕްރޮގްރާމުގެ ބައިވެރިންނަށް ރަށު ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ފުރުސަތުތައް ހޯދައިދިނުމަށް ކައުންސިލުގައި އޭނާ އެދިވަޑައިގެންނެވި އެވެ.

ގާލްސް ޓު ކޯޑަކީ އަންހެން ކުދިންނަށް ކޯޑު ކުރަން ދަސްކޮށްދީ ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމަށް 2018 ވަނަ އަހަރުން ފެށިގެން ހިންގާ ޕްރޮގްރާމެކެވެ. މީގެ ކުރިން ފުވައްމުލަކާއި ގދ. ތިނަދޫގައި ވެސް މި ޕްރޮގްރާމް ވަނީ ބާއްވައިފަ އެވެ.