Roadha Mihaaru
ރޯގާ ކޮންޓްރޯލްނުވެ މިދިޔަ މަހު ވެސް 30،000 ކޭސް

ރޯގާ ކޮންޓްރޯލް ނުވެ މިދިޔަ މަހު ވެސް 30،000 އަށް ވުރެ ގިނަ ކޭސް

14 ނޮވެމްބަރ 2021

ރާއްޖޭގައި ފެތުރެމުންދާ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި މިދިޔަ މަހު އެކަނި ވެސް 30،843 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި ފެތުރެމުންދާ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި މިދިޔަ މަހު އެކަނި ވެސް 30،843 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މީގެ ދެތިން މަސް ކުރިން ފެށިގެން އަރިދަފުސް ރޯގާ ވަރަށް ބާރަށް ފެތުރެމުން ދާއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން، ސެޕްޓެމްބަރު މަހު ބަލި ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ދެ ގުނަ އޮކްޓޫބަރު މަހު ރިޕޯޓްކުރި އެވެ. ސެޕްޓެމްބަރު މަހު ރިޕޯޓްކުރީ 18،777 ކޭސް ނަމަވެސް އޮކްޓޫބަރުގައި 30،483 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓްކުރި އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ވޭތުވެދިޔަ ތިން އަހަރަށް ވުރެ ވެސް މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިފައިވާ އަދަދުތައް އިތުރެވެ.

ދެން އެންމެ ބޮޑަށް މި ދުވަސްވަރު ފެތުރެމުންދަނީ ބޭރަށް ހިންގުމާއި ހޮޑުލުމެވެ. އެކަމަކު މިދިޔަ ތިން އަހަރަށް ވުރެ މިއަހަރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް ވަކި އިތުރެއް ނުވެ އެވެ.

އެޗްޕީއޭ އިން ބުނީ ސެޕްޓެމްބަރު މަހު ބޭރަށް ހިންގުމުގެ 1،408 ކޭހެއް ރިޕޯޓްކުރި ނަމަވެސް އޮކްޓޫބަރުގައި ރިޕޯޓްކުރީ 1،717 ކޭހެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ޑެންގީ ހުން ފެތުރޭ މިންވަރު ވެސް ވަރަށް ބޮޑަށް މަދެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ސެޕްޓެމްބަރުގައި އަށް މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކުރިއިރު މިދިޔަ މަހު ރިޕޯޓްކުރީ އޭގެ 10 ކޭހެކެވެ.

އާންމު ރޯގާ އާއި ޑެންގީ ހުން އަދި ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.