Roadha Mihaaru
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ފުލުހަށް ދައުވާކޮށްފި

އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރު ކުރި ފުލުސް މީހާ އަށް ދައުވާކޮށްފި

10 ނޮވެމްބަރ 2021

އައްޑޫ ހިތަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުހުގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައްޑޫ ހިތަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުހުގެ މައްޗަށް ދައުވާ ކޮށްފި އެވެ.

އެ މައްސަލައިގައި ފުވައްމުލަކު މާދަޑު، އޮމާން އަހުމަދު ނަޒްމީން 34 މިދިޔަ ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ބުނެ، ފެންމަތިވި ނަމަވެސް އެ މައްސަލަ ނުބަލާތީ، ހިތަދޫގައި އާންމުން މުޒާހަރާ ކުރުމާ އެކު، ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކާއި ފިއްތުންތައް ކުރިމަތިވެފައި ވަނިކޮށެވެ.

ނަޒްމީން އަށް ތުހުމަތުކުރި މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމުން އެ އޮފީހުން ވަނީ މިދިޔަ ހޯމަ ދުވަހު އޭނާގެ މައްޗަށް ދައުވާކޮށް، މައްސަލަ ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅައިފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކުރީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. މި ކުށުގެ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުން މިއަދު ބުނިގޮތުގައި، ނަޒްމީންގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ބިރުދައްކައިގެން، އެ ކުއްޖާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނަގައި، އެ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އެ ކުއްޖާ އަށް އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާގެ ޝިކާރައަކްވި ކުއްޖާ އަކީ ނަޒްމީންގެ އަންހެނުންނާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖެކެވެ.