Roadha Mihaaru
މަސައްކަތްތެރިންނަށް ކަންކަން ކަށަވަރުކުރުމަކީ އަމާޒު

މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒު: ނަޝީދު

08 ނޮވެމްބަރ 2021

ރާއްޖޭގެ މަސައްކަތްތެރިންނަށް އަބަދުވެސް ކަންކަން ކަށަވަރު ކޮށްދިނުމަކީ އެމްޑީޕީގެ އަމާޒު ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރާއްޖޭގެ މަސައްކަތްތެރިންނަށް އަބަދުވެސް ކަންކަން ކަށަވަރު ކޮށްދިނުމަކީ އެމްޑީޕީގެ އަމާޒު ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ނުވަތަ އެންމެ ދަށް އުޖޫރަ ކަނޑައެޅުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެ މަނިކުފާނު ވިދާޅުވީ އެއީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް އެ ޕާޓީން ނެރުނު "އެޖެންޑާ-19" މެނިފެސްޓޯ އަދި އެމްޑީޕީގެ ހުރިހާ މެނިފެސްޓޯއެއްގައި ވެސް ހިމެނޭ ކަމެއް ކަމެވެ.

އެ ޓްވީޓުގައި ނަޝީދު ވަނީ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ، އަބަދުވެސް އެމްޑީޕީގެ އަމާޒަކީ ދިވެހި މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުން ކަމަށެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓު --

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅިގެން އެމްޑީޕީން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.

އެ ޕާޓީއިން ނެރުނު ބަޔާނެއްގައި ބުނީ، މިނިމަމް ވޭޖްގެ ސަބަބުން އަހުލާގީ، އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ވަށައިޖެހޭ އުސޫލަކުން ހެޔޮ ބަދަލުތަކެއް ވަޒީފާ އަދާކުރާ މީހުންނަށާއި ވަޒީފާދޭ ފަރާތްތަކަށާއި އިގުތިސޯދަށާއި އަދި ރާއްޖެ އަށް އަންނާނެ ކަމަށެވެ. އެކަން ހުރިހާ ފަރާތްތަކުން ވެސް ތަންފީޒު ކުރަން އެދޭ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

"އެންމެހައި ފަރާތްތަކުން އިހުލާސްތެރިކަމާއެކު މި ސިޔާސަތު ތަންފީޒު ކުރައްވަމުން ގެންދަވާނޭ ކަމަށް މި ޕާޓީން އުއްމީދު ކުރަމެވެ." މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ބުންޏެވެ.

މިނިމަމް ވޭޖް ބޯޑުގެ ނަމުގައި އުފައްދާ ބޯޑެއްގެ ލަފަޔާ އެކު، މިމިމަމް ވޭޖް ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް އޮންނަ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރީ އެމްޑީޕީގެ އެޖެންޑާ-19 މެނިފެސްޓޯގެ ދަށުންނެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިނިމަމް ވޭޖު ގަރާރުގައި ސޮއި ކުރައްވުމާއެކު ކަނޑައެޅިގެން ދިޔައީ ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރައަކީ 4،500ރ. އެވެ. އެއީ އެންމެ ކުދި ވިޔަފާރިތަކަށެވެ. މެދު ފަންތީގެ ވިޔަފާރިތަކަށާއި ސިވިލް ސާވިސްއަށް އެންމެ ކުޑަ އުޖޫރައކަީ މަހަކު 7،000ރ. އެވެ. ބޮޑެތި ވިޔަފާރިތަކަށް އެއީ މަހަކު 8،000ރ. އެވެ.