Roadha Mihaaru
އުފާވެރިކަން މާޒީ އަށް، މިއީ ހިތްދަތި ހަޔާތެއް

އުފާވެރިކަން މާޒީ އަށް، މިއީ ހިތްދަތި ހަޔާތެއް

08 އެޕްރީލް 2024

މި ވާހަކަ ދައްކާކަށް އާދަމް ނަސީރަށް އެއްގޮތަކަށް ވެސް ފަސޭހައެއް ނޫނެވެ. ކުއްލިއަކަށް ކަހަލަ ގޮތަކަށް އޭނާގެ ދިރިއުޅުމަށް އައި ބަދަލުތަކާއެކު ބޭރަށް ނުނިކުމެ، ހުރިހާ ވަގުތެއް ގޭގެ ހަތަރު ފާރުގެތެރޭގައި ހޭދަކުރަން ފެށި އެވެ. އެހެން މީހުންނާއެކު މަޖާކޮށް އުޅުނު އުޅުން ހުއްޓާލައި، އެކަނި އުޅެން ބޭނުންވި އެވެ.

އާސިމާ ނިޒާރު ތ. ކަނޑޫދޫން އާސިމާ ނިޒާރު

މި ވާހަކަ ދައްކާކަށް އާދަމް ނަސީރަށް އެއްގޮތަކަށް ވެސް ފަސޭހައެއް ނޫނެވެ. ކުއްލިއަކަށް ކަހަލަ ގޮތަކަށް އޭނާގެ ދިރިއުޅުމަށް އައި ބަދަލުތަކާއެކު ބޭރަށް ނުނިކުމެ، ހުރިހާ ވަގުތެއް ގޭގެ ހަތަރު ފާރުގެތެރޭގައި ހޭދަކުރަން ފެށި އެވެ. އެހެން މީހުންނާއެކު މަޖާކޮށް އުޅުނު އުޅުން ހުއްޓާލައި، އެކަނި އުޅެން ބޭނުންވި އެވެ.

އާދަމް ބުނީ ބޭރަށް ނުކުންނައިރު، އަމިއްލައަށް ހިނގާފައި އުޅޭ މީހުން ފެންނާތީ ދެރަވާ ކަމަށެވެ. އެ މީހުންގެ ދިރިއުޅުމުން، އޭނާގެ އުފާވެރި ދުވަސްތައް ސިފަވާ ކޮންމެ ފަހަރަކު، ހިތަށް ވަރަށް އުނދަގޫވާން ފެށި އެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ؛

އޭނާއަކީ މި ފަހަކާ ޖެހެންދެން އަމިއްލައަށް ހިނގާފައި އުޅުނު މީހެކެވެ. ކުރީއްސުރެ ވެސް ކަނާތު ފަޅިއަށްވުރެ ވާތު ފައިގެ ބާރު ދަށް ވިއަސް، އަމިއްލައަށް އާމްދަނީ ހޯދައިގެން އުޅުނެވެ. އާއިލާގެ މީހުންގެ ވާހަކަތަކުން އާދަމް ބުރަވަނީ އެއް ދުވަސްވަރެއްގައި ރާއްޖޭގައި އުޅުނު ވަރުގަދަ ހުމެއްގައި އޭނާގެ މައިބަދައިގެ މައްސަލައެއް ކުރިމަތިވީ ކަމަށެވެ. އެއީ އުމުރުން 15-16 އަހަރުގައި މި އުނދަގޫތައް އިހުސާސްކުރެވެން ފެށުމުންނެވެ.

އާދަމް ބުނީ ރަށުގެ ބަނދަރު މަތީގައި ރައްޓެހިންނާއެކު އެއް ރެއަކު މަސްކަނޑަން ތިއްބައި ބިންމައްޗަށް ވެއްޓިގެން ތެދުވެ، ގެއާ ހަމައަށް ވެސް އައީ ސައިކަލުގައި އެކަނި ކަމަށެވެ. އަނެއްކާ އަނެއް ދުވަހު ހުކުރަށް ދާން އުޅެނިކޮށް ވެއްޓުމާ އެކު އޭރު އޮޕަރޭޝަން ކުރަން މާލެ ދާން އައިޖީއެމްއެޗުން ގުޅާފައި އޮއްވައި ބޭބެއަކު ރަށަށް އައިސް ހުރުމުން އޭނައާއެކު ފަރުވާއަށް މާލެ ދާން ނިންމީ އެވެ.

އާދަމް، "މިހާރު"އާ ވާހަކަދައްކަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާދަމް، "މިހާރު"އާ ވާހަކަދައްކަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މީގެ ފަސް އަހަރު ކުރިން، 2019 ވަނަ އަހަރު އާދަމް ކުރި އޮޕަރޭޝަނަށްފަހު އުނަގަނޑުން ތިރި އެއްކޮށް ވާގި ނެތި، މިހާރު އެއްގޮތަކަށް ވެސް ނުހިނގެ އެވެ. އޭނާއަކީ ރަށުގެ ޒުވާނުންނާއެކު ވީވަރަކުން ފޯރީގައި ފުޓްބޯޅަ ކުޅެ، ރަށުގައި ކުރާ އެހެން ކަންކަމުގައި ބައިވެރިވި މީހެކެވެ.

އެކަމަކު، އެ ހުރިހާ ކަމެއް މިހާރު މާޒީވެއްޖެ އެވެ.

"އޭރު ހަމަ ސައިކަލުގައި އުޅުނީ. އޭގެ ކުރިން ބޯޅަ ވެސް ކުޅުނިން. ވާތު ފައިގެ ބާރު ދަށްކޮށް އުޅުމުން ޑޮކްޓަރަށް ދެއްކުމުން ބުނީ މައިބަދައިގެ ނާރެއް ފިތެނީ ކަމަށް. ތަންކޮޅެއް އަވަހަށް ސާޖަރީކުރަން ބުނި. އޮޕަރޭޝަން ކުރިއިރު ވެސް ފައިން ތިރި އޮންނަކަމެއް ނޭނގެ. އެ މީހުން ބުނީ ފަހުން ރަނގަޅުވާނެއޭ. ވިއްސަކަށް ދުވަސްވާއިރު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް އޭރަށް ހިނގޭވަރުވާނެ ކަމަށް ހޮސްޕިޓަލުން ބުނި." އާދަމް، 42، ބުންޏެވެ.

އައިޖީއެމްއެޗްގެ ކަށީގެ މަޝްހޫރު ޑޮކްޓަރަކު އޭރު ކުރި އޮޕަރޭޝަނުގެ ތެރެއިން ނާރަކަށް ގެއްލުން ވެފައިވާ ކަމަށް އެ ޑޮކްޓަރު އޭރު ބުނި ކަމަށް އާދަމް ބުންޏެވެ. އެ ރިޕޯޓުތައް ހިފައިގެން ފަހުން އިންޑިއާއަށް ދެއްކިއިރު ނާރަކަށް ގެއްލުންވި ކަމަށް ބުންޏަސް، އެ ހޮސްޕިޓަލުން ވެސް އޭނާއަށް ދިނީ ހިނގޭނެ ކަމުގެ ޔަގީންކަމެވެ.

ނަމަވެސް، އާދަމަށް ޔަގީންވާ ކަމަކީ ދުވަސްވާ ވަރަކަށް އޭނާގެ ހާލަތު ގޯސްވާ ކަމެވެ. އޮޕަރޭޝަނަށް ފަހު ނުހިނގި، މި ރަށުގެ ފެނަކަ އޮފީހުގައި ގާތްގަނޑަކަށް ފަސް އަހަރުވަންދެން އަދާކުރަމުން ދިޔަ ވަޒީފާ ވެސް ގެއްލުނީ އެވެ.

އާދަމް، ފުރޮޅުލީ ގޮނޑީގައި އިނދެގެން "މިހާރު"އާ ވާހަކަދައްކަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާދަމް، ފުރޮޅުލީ ގޮނޑީގައި އިނދެގެން "މިހާރު"އާ ވާހަކަދައްކަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ނުހިނގޭތީ ހޮސްޕިޓަލުން ދިޔައީ އަނެއްކާ ފުރައިގެން އިންޑިއާއަށް. އިންޑިއާއިން ވެސް ބުނީ ހިނގޭނެއޭ. އެ މީހުން ބުނި ވިއްސަކަށް ދުވަސް ފަހުން ހިނގޭނެއޭ. ފިޒިއޮ ހަދަނީ ކޮންމެ ތާކުން ވެސް. އިތުރު ކަމެއް ނުކުރޭ. އެ ތަނުގައި ވެސް 45 ވަރަކަށް ދުވަހު ތިބެފައި އަނެއްކާ އައީ." އޭނާ ބުންޏެވެ.

އާއިލާ މީހެއް ލައްވާ ގޭގައި ފިޒިއޮތެރަޕީ ހަދާތާ ފަސް އަހަރުވެއްޖެ އެވެ. އުނަގަނޑުން މަތި ރަނގަޅަށް ހަރަކާތްކުރިއަސް، ހާލަތު ހުރި ގޮތުން އަމިއްލައަށް މަސައްކަތްކޮށްގެން އުޅެވޭ ވަރެއް ނުވެ އެވެ. ފުރޮޅުލީ ގޮނޑީގައި އެކަނި ފާހަނާއަށް ވަދެވޭ ވަރަށް ދޮރު ބޮޑުކޮށްފައި ހުރުމުން، އާދަމް އަމިއްލައަށް ގައިންތާހިރުވެ އެވެ. އެކަމަކު، އޭނާ ބުނީ އިހުސާސް ނުކުރެވޭތީ ގަޔަށް ކުޑަކަމު އަދި ބޮޑުކަމު ދެވުނަސް ނޭނގޭ ކަމަށެވެ.

"އޮޕަރޭޝަން ކުރިފަހުން މިހާރު ހަމަ އެއްވެސް ވަރަކަށް ނުހިނގެނީ. އޮޕަރޭޝަން ކުރިއިރު ނޭނގެދެން މިތާ އޮންނައިރު ކުޑަކަމު ދެވުނަސް ބޮޑުކަމު ދެވުނަސް، އޭރު ނޭނގޭ. މިހާރު ބޮޑުކަމު ދެވެންޏާ އެބަ އިނގޭ. ބޭރަށް ގިނައިން ނުކުންނައިރު ވެސް ނެޕީ ޖަހައިގެން ނުކުންނަނީ." އޭނާ ބުންޏެވެ.

އާދަމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ 3،000ރ. އެ އެލަވަންސް ލިބެ އެވެ. އެކަމަކު، ތަކެތި އަގުބޮޑުވުމުން ނެޕީ އަދި އަމިއްލައަށް ބޭނުންވާ އެހެން އެއްޗެހި ގަތުމަށް އެއިން ދަތިވެ އެވެ.

އުމުރުން ގާތްގަނޑަކަށް 11 އަހަރުގައި މަންމަ ނިޔާވުމުން އާދަމް ދިރިއުޅެމުން އަންނަނީ ބޮޑުދައިތައެއްގެ އާއިލާއެކުގަ އެވެ. އޭނާގެ ފަރުވާއަށް އާއިލާގެ އެންމެން އަދި ރައްޓެހިންގެ އެހީތެރިކަން ލިބެ އެވެ. އާސަންދަ ނުލިބުނަސް، މިހާރު ވެސް ޑޮކްޓަރަށް ދައްކައި ލުއެއް ލިބޭތޯ އިންޑިއާއަށް ދާން އޭނާ ކައިރީގައި ވަނީ ބުނެފަ އެވެ. އެކަމަކު، މީގެ ކުރިން ދެ ފަހަރަކު އެކޮޅަށް ގޮސްގެން ވެސް ލިބުނު ލުއެއް ނެތުމުން އާދަމް ބޭނުންވަނީ ސިއްހީ ފަރުވާ ރަނގަޅު، މެލޭޝިޔާ ނުވަތަ ބެންކޮކް ކަހަލަ ތަނަކަށް ދެވޭތޯ ބަލާށެވެ.

"އެންމެ ބޭނުންވަނީ ހިނގޭނެ ދުވަހެއް." އޭނާ ބުންޏެވެ.

އާދަމަށް އެހީތެރިކަން ދިނުމަށް: 7635763/ 9537272