Roadha Mihaaru
ނަސީރު: ފެހުމުގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ނަން!

ނަސީރު: ފެހުމުގައި މި ސަރަހައްދުގެ ވަރުގަދަ ނަން!

06 އެޕްރީލް 2024

ފައިން އަނބުރާ ފަހާ ފޮށިން ފަހަން ދަސްކުރިއިރު އާދަމް ނަސީރަށް ވީ 13 އަހަރެވެ. މަސައްކަތެއް ދަސްކުރުމުގެ ބޭނުމުގައި އަދި މަންމަ ވެސް އޭރު ކޮންމެ ވެސް ވަރަކަށް ފެހުމުގެ ތެރޭގައި އުޅުމުން އުފެދުނު ޝައުގާއެކު، ތ. ހިރިލަންދޫ، ނަސީރު ވެފައިވަނީ މި ސަރަހައްދުގައި އެންމެ ގަދައަށް މިކަން ކުރާ އެކަކަށެވެ.

އާސިމާ ނިޒާރު ތ. ހިރިލަންދޫން އާސިމާ ނިޒާރު

ފައިން އަނބުރާ ފަހާ ފޮށިން ފަހަން ދަސްކުރިއިރު އާދަމް ނަސީރަށް ވީ 13 އަހަރެވެ. މަސައްކަތެއް ދަސްކުރުމުގެ ބޭނުމުގައި އަދި މަންމަ ވެސް އޭރު ކޮންމެ ވެސް ވަރަކަށް ފެހުމުގެ ތެރޭގައި އުޅުމުން އުފެދުނު ޝައުގާއެކު، ތ. ހިރިލަންދޫ، ނަސީރު ވެފައިވަނީ މި ސަރަހައްދުގައި އެންމެ ގަދައަށް މިކަން ކުރާ އެކަކަށެވެ.

ތަންކޮޅެއް ފަހަމުން، މޮހަމުން ތިން ގަޑިއިރުން އޭރު ފަޓުލޫނު ފަހައި، އަންނައުނުގެ އެކި ބާވަތްތައް ދަސްކުރި އެވެ. އެކަމަކު، އުމުރުގެ ބޮޑުބައި ހޭދަކުރި މި މަސައްކަތް އަމިއްލަ ގޭގައި މިހާރު ކުރަމުން އަންނަނީ އެއަށްވުރެ މާ ފުޅާކޮށެވެ.

ނަސީރު، 56، ބުނީ ލޯންޗު ބަނުމުގައި ވެސް އެންމެ ކުރީގައި އުޅޭ މި ރަށުން، އެ އުޅަނދުތަކަށް ބޭނުންވާ ސީޓުތައް ގިނައިން ހަދަނީ އޭނާ ލައްވާ ކަމަށެވެ. އެހެންވެ، އޭނާގެ އެންމެ ބޮޑު ފޯކަސްއެއް އޮތީ ވެސް ލޯންޗުގެ ސީޓާއި ކުޝަން ހެދުމުގެ ވިޔަފާރިއަށެވެ.

މީގެ ކުރިން މަހަށް ދަމުން، ލިބޭ ހުސްވަގުތުގައި ފެހުމުގައި އުޅުނަސް، ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ކައިރީގައި ހުރެގެން އާމްދަނީ ހޯދަން ނަސީރުގެ ހުރިހާ ވަގުތެއް ހޭދަކުރަނީ އަމިއްލަ ގޭގެ ސިޓިން ރޫމުގައި ފެހުމުގެ ތެރޭގަ އެވެ.

ނަސީރު، އޭނާގެ ގޭގައި ފަހަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނަސީރު، އޭނާގެ ގޭގައި ފަހަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނަސީރު ބުނީ ފެހުމަށް ހުސްވެގެން އުޅޭތާ މި ވީ 10 އަހަރުގެ ތެރޭގައި ހިތްހަމަޖެހޭ ވަރުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އޭގެ އެއް ކަމަކީ، މާލޭގައި ބާއްވާ ބޮޑެތި ހަފުލާތަކާއި ކޮންސެޓުތަކަށް ވެސް ފާޑު ފާޑުގެ ހެދުން ފަހަން އޯޑަރު ލިބުމެވެ. ރާއްޖޭގެ އެކި ހިސާބުތަކުން ހެދުމާއި ލޯންޗު ސީޓުތައް ހަދައި ކަވަރު ސެޓު ފަހަން ލިބޭ ގިނަ އޯޑަރުތަކަކީ، އޭނާގެ މި މަސައްކަތް ގިނަ ބަޔަކު ބަލައިގަންނަ ކަމެއް ކަމަށް ނަސީރު ގަބޫލުކުރެ އެވެ.

"މި ތަނުގެ ފެހުންތައް ހުންނާނެ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް. އެންމެ ދެކުނުން ފެށިގެން އުތުރަށް ހުންނާނެ. މެދުރާއްޖެ ތެރޭގައި ވެސް ވަރަށް ގިނަ ވާނެ. ކަސްޓަމަރުން ބުނާ ވަގުތަށް މަސައްކަތް ނިންމަން ވަރަށް މަސައްކަތްކުރަން. އެހެންވެގެން ކަމަށް ގަބޫލުކުރަނީ މީހުންގެ އިތުބާރު މި ލިބެނީ." އޭނާ ބުންޏެވެ.

އަތޮޅުތެރޭގެ ރަށެއް ނަމަ، އެ އެއްޗެއް ފަހާ ނިންމާފައި ފެރީން އަދި މާލެއަށް ފޮނުވަންޖެހޭ އެއްޗެއް ނަމަ ލޯންޗަކުން އެ ތަނަކަށް ފޮނުވަ އެވެ.

މި ރަށުގައި ބަންނަ ލޯންޗަކަށް ސީޓު ބޭނުންވާނަމަ، އޭގެ މިންތައް ނަގަނީ ނަސީރު އަމިއްލައަށް ހަރުގެއަށް ގޮސްގެންނެވެ. އެކަމަކު، ރާއްޖޭގެ އެހެން ހިސާބުތަކުން ލިބޭ އޯޑަރުތަކަށް މިން ނަގަން ދިއުމަކީ ފަސޭހަ ކަމަކަށް ނުވާތީ، އޭނާ އެ މަސައްކަތް ނިންމަނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ.

ނަސީރު ފަހަން ގެންގުޅޭ ބައެއް ތަކެތި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނަސީރު ފަހަން ގެންގުޅޭ ބައެއް ތަކެތި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އަޅުގަނޑު މި ކިޔައިދެނީ މިން ނަގަން ވީ ގޮތް. އެގޮތަށް މިން ނަގައިގެން ފަހައިގެން މިހާތަނަށް ނެތް އަދި އެއްވެސް މައްސަލައެއް ޖެހިފައި." އޭނާ ބުންޏެވެ.

ނަސީރު ބުނީ ޑިމާންޑު ބޮޑުވުމުން ކުޝަން ކަވަރާއި ލޯންޗުގެ ސީޓުތަކަށް ބޭނުންވާ ތަކެތި އޭނާ ގެންނަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އެކަމުގެ ކޮލިޓީ ހިފަހައްޓަނީ ދުބާއީގައި ހުންނަ ގަލްފްކްރާފްޓުގެ ހޯލްސޭލް ފިހާރައަކުން ތަކެތި ގަނެގެންނެވެ.

"މިކަމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ވެސް ތަކެތި ގެނައުން. ގަލްފްކްރާފްޓުން އޮންލައިންކޮށް ގަނެގެން ފޮނުވައި ނުދޭ. އެހެންވެ، އެ ތަނަށް ދާން މި ޖެހެނީ މި ބޭނުންވާ ތަކެތި ހޯދަން." ނަސީރު ބުންޏެވެ.

ކުޝަން ކަވަރުގެ ވެސް ތަފާތު އެކި ފެންވަރުގެ ތަކެތި އޭނާ ގެންގުޅެ އެވެ. ނަސީރުގެ ތަފާތު ކަމަކީ، ކޮލިޓީ ދަށް އެއްޗަކަށް ވިޔަސް، އެކަން ކަސްޓަމަރަށް ކިޔައިދިނުމެވެ. އޭރުން، އަގުހެޔޮކަން މަސައްކަތް ނިންމާލަން ބޭނުންވާ މީހަކަށް ވެސް އެ ފުރުސަތު ލިބިގެންދެ އެވެ.

ނަސީރު، އޭނާގެ ފެހުމުގެ މަސައްކަތާ ގުޅޭގޮތުން "މިހާރު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނަސީރު، އޭނާގެ ފެހުމުގެ މަސައްކަތާ ގުޅޭގޮތުން "މިހާރު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ގިނަ މީހުން ފެންވަރު ދަށް ތަކެތި ދޫކޮށްލަނީ ކަސްޓަމަރުންނަށް އެ މައުލޫމާތުތައް ކިޔައި ނުދީ. އޭރުން ހަފުތާއެއްވާއިރު ކުލަކޮޅު ފިލައިގެން ދޭ. ކޮލިޓީ ދަށްވިއަސް އެ މައުލޫމާތުތައް ކަސްޓަމަރުންނަށް ކިޔައިދީފައި، އެ މީހަކު ބޭނުންވާ މެޓީރިއަލަކުން މަސައްކަތް ނިންމަނީ. މީގައި ކަސްޓަމަރުގެ ހިތްހަމަޖެހުން އެންމެ ބޮޑަށް ބަލަނީ." ނަސީރު ކިޔައިދިނެވެ.

ދުވާލެއްގެ މައްޗަށް ހައެއްކަ ގަޑިއިރު މަސައްކަތްކޮށްގެން 25 ފޫޓުގެ ލޯންޗަކަށް ބޭނުންވާ ތަކެތި، ފަސް ވަރަކަށް ދުވަސް ތެރޭގައި ފަހާ ނިންމާލަ އެވެ. ކުރިން ތިން ގަޑިއިރުން ފެހި ފަޓުލޫނު ވެސް، އިންޑަސްޓްރިއަލް މެޝިންތަކުގެ އެހީގައި ސާޅީހަކަށް މިނެޓުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، އަންނައުނު ފަހަން މިހާރު އޯޑަރު ނަގަނީ ކުޝަން ފަހަން ލިބޭ ވަގުތަށް ބަލައިފަ އެވެ.

ނަސީރުގެ ފެހުންތައް މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ދުވިޔަސް، އޭނާ ބުނީ އަމިއްލައަށް ފެހި ގަމީހެއް އަދި ނުލާ ކަމަށެވެ. އެކަމަކު ގިނައިން ބޭނުންކުރަނީ އަމިއްލައަށް ފަހާ ފަޓުލޫނެވެ.

ނަސީރު: އޭނާގެ ފެހުންތައް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނާނެ ކަމަށް ބުނި.- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ނަސީރު: އޭނާގެ ފެހުންތައް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނާނެ ކަމަށް ބުނި.- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ފެހުމުގައި އެކަނި އުޅެން ޖެހުނަސް މި މަސައްކަތަށް އޭނާގެ އޮތީ ބޮޑު އުފަލެކެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަމިއްލަ މިނިވަންކަމެވެ. ބޭނުން ވަގުތެއްގައި މަސައްކަތްކޮށް، ބޭނުން އިރަކު ޗުއްޓީ ނަގަންވީ އެވެ.

"މި ގަޑީގައި ކުރަން ބޭނުން ނުވަންޏާ ހަމަ ތެދުވެގެން ދާންވީ ދޯ. އެއީ އެންމެ ފަސޭހަކަމަކީ. މީހެއްގެ މަޖުބޫރުކަމެއް ނެތި މިތާގައި އުޅެވުން. މިއަދު ޗުއްޓީއަށޭ ދާނީ ނޫނީ ގްރޫޕް ހަދާފައި ކަނޑުމައްޗަށް ދާން ހިތަށްއެރިއްޔާ އެގޮތަށް ދާންވީ." އޭނާ ބުންޏެވެ.

ފަހަން ބޭނުންކުރާ ތަފާތު އެކި ސާމާނައި މެޝިނުތަކުން މި ބޮޑު ސިޓިން ރޫމު ވެސް އޮތީ ފުރާލައިފަ އެވެ. އެހެންވެ، މި ވިޔަފާރި އެއަށްވުރެ ފުޅާކުރަން ނަސީރު މިހާރު ބޭނުންވަނީ އެއަށްވުރެ ޖާގަ ބޮޑު ތަނެކެވެ.