ނ. އަތޮޅުގެ ދަތުރުގައި މި ފޭބުނީ ކުޑަކުޑަ-ފަރި ރަށް, ކުޑަފަރީ އަށެވެ. ކިތަންމެ ކުޑަޔަސް މި ރަށުން ކުރިއަރުވާ ވިސްނުން ބޮޑެވެ. އެންމެ ހާއްސަ ކަމަކީ މި ރަށުގެ އުފާވެރި މާހައުލެވެ.
29 މާޗް 2025
ނ. އަތޮޅުގެ ދަތުރުގައި މި ފޭބުނީ ކުޑަކުޑަ-ފަރި ރަށް, ކުޑަފަރީ އަށެވެ. ކިތަންމެ ކުޑަޔަސް މި ރަށުން ކުރިއަރުވާ ވިސްނުން ބޮޑެވެ. އެންމެ ހާއްސަ ކަމަކީ މި ރަށުގެ އުފާވެރި މާހައުލެވެ.
ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައި ނެތަސް ވަށައިގެން މޫދު އޮތް ރީތި, ފެހި ރަށެކެވެ. ހިތްހެޔޮ އާބާދީއެކެވެ. ތަރައްގީ އާއި ކުރިއެރުމުގައި ދައްކާ މިސާލު އާދަޔާޚިލާފެވެ. މިވަރުގެ އެއްބައިވަންތަ ރޫހެއް އާލާވެފައި އޮތް ރަށެއް ވެސް މަދުވާނެ އެވެ.
ކުޑަފަރި: މިއީ ހިތްގައިމު، އަމާން ރަށެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އާބާދީގައި 600 މީހުން ދިރިއުޅޭ މި ރަށުން ރައްޔިތުންގެ އަޑު އަހައި ނިންމަނީ ފައިދާ ހުރި ނިންމުންތަކެވެ. އިގްތިސާދީ ކުރިއެރުމަށް ދެން އޮތް ކަމަކީ ލޯކަލް ޓޫރިޒަމަށް ހުޅުވާލުމެވެ. ކައިރީގައި ރިސޯޓްތައް އޮތް މި ރަށް ޓޫރިޒަމަށް ބްރޭންޑް ކުރަނީ "ދަ ލިޓްލް ބިގް އައިލެންޑްގެ" ގޮތުގަ އެވެ.
"ކުޑަ ރަށެއްގެ ބޮޑު ވިސްނުމަކީ ކުރިއަރުވާ ވަރަށް ބައިވަރު ކަންކަން،" ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވި އެވެ.
ހިމޭން މަގުތަކުން ހިނގާފައި ދަނިކޮށް މި ރަށުގެ ހިތްގައިމު ދޮންވެލި ބީޗުން އަހަރެމެންނަށް ފެނުނު މަންޒަރުން ހިތަށް އުފާވެރިކަން ލިބުނެވެ. ޓީމުތަކަކަށް ބެހިގެން ކުޅިވަރުތައް ކުޅެން ތިބީ ޒުވާނުންނެއް ނޫނެވެ. ގައިބާރު ދެރަވެ ކިރިޔާ ހިނގޭ މީހުން ވެސް ހިމެނޭހެން އުމުރުން ދުވަސްވީ މީހުންނެވެ. މިއީ މި ރަށުގެ އެލްޑާލީ ކްލަބްގެ މެމްބަރުންނެވެ.
ހެލިފެލިވެ އުޅުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ކުޅިވަރާއި ކަސްރަތުގެ އިތުރުން މޫދު ޕްރޮގްރާމް އެ މީހުންނަށް ހަފުތާއަކު ދެ ދުވަހު ބާއްވަ އެވެ.
އެލްޑާލީ ކްލަބްގެ މެމްބަރުން ކުޑަފަރީ ބީޗުގައި ބޯޅަ ކުޅެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބޭނުމަކީ އެކަނިވެރި, ބާކީ ބައެއް ކަމުގެ އިހްސާސްވިޔަ ނުދިނުމެވެ.
ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ އެލްޑާލީ ކްލަބަށް ޕްރޮގްރާމްތައް ހިންގަނީ ރަށުގެ އެކި މުއައްސަސާތައް ގުޅިގެންނެވެ.
އެ ކްލަބްގެ މެމްބަރަކު ބުނިގޮތުގައި ޑޮކްޓަރަށް ދައްކަން މާލެ ދިޔަ ފަހަރަކު އެ ކްލަބުގެ ވާހަކަ ކިޔައިދިނުމުން ޑޮކްޓަރު މި ރަށަށް ޝައުގުވެރިވި އެވެ. ދުވަސްވުމުން "ގޭބަންދު" ވެފައި ތިބޭ މީހުންނަށް އެފަދަ މާހައުލެއް ފަހިކޮށްދީފައިވާ އެ ޕްރޮގްރާމަށް އޭނާ ތައުރީފް ކުރި އެވެ.
އުމުރުން ދުވަސްވީ މީހުން ބީޗުގައި ކަސްރަތު ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ކްލަބްގެ އެހެން މެމްބަރަކު ބުނި ގޮތުގައި ކުރިން ބިރުގަތީ ހެލިފެލިވެ އުޅެން އުނދަގޫ ދުވަސްތަކަކުން އެނދުމަތިވެދާނެތީ އެވެ. އެކަމަކު އެލްޑާލީ ކްލަބް ފެށިފަހުން އޭނާއަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ އެވެ.
"ކުރިން ބަލިވެ ނުވެސް ހިނގޭ. އިރާދަކުރެއްވިއްޔާ މިތަނަށް އައީމަ ހިނގާ އުޅެވޭ. ހުރިހާ މީހުންތަކުގެ ތެރެއަށް މިހެން އާދެވުނީމަ އުފާވޭ."
ކުޑަފަރީގައި މީހަކު ހިނގާފައި ދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކޮންމެ ދުވަހަކު ހަވީރު ވަކި ގަޑިއަކަށް ރަށުގެ ހުރިހާ އަންހެނުން ކަހަލަ ގޮތަކަށް ކައުންސިލް އިދާރާ އަށް އާދެ އެވެ. އެ މީހުން ގެނެސް އަންހެނުންގެ ކޮމިޓީއާ ހަވާލުކުރަނީ ރިސޯޓްތަކަށް ފޮނުވަން ޖެހޭ ރޮއްޓެވެ. ރީއްޗަށް ޕެކުކޮށްފައި ރިސޯޓުތަކަށް ރޮށި ސަޕްލައިކޮށްދެނީ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
އަންހެނުންގެ ކޮމިޓީން ހޯދައިދިނީ މި ރަށުގެ ހުރިހާ އަންހެނުންނަށް ވަޒީފާ https://t.co/ASf92fXaVj
— Mihaaru (@Mihaarunews) March 8, 2025
ރޮށި ފިހުމުގައި ބައިވެރި ނުވާ މީހެއް ނަމަ ކުނި ކަހައިގެން ނުވަތަ އަމިއްލަ އުފެއްދުމެއް ވިއްކައިގެން އާމްދަނީ ހޯދަ އެވެ.
މާލީ މިނިވަންކަމަކީ މި ރަށުގެ މެޖޯރިޓީ އަންހެނުންގެ ވިސްނުމެވެ. މަސައްކަތެއް ކޮށްގެން އާމްދަނީ ނުހޯދާ އަންހެނަކު ނިސްބަތުން މަދެވެ. އެ މީހުންނަށް އެންމެ ބޮޑު ހިތްވަރަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ، އަންހެނުންގެ ކޮމިޓީތަކުގެ ހަމައެކަނި ދައުރަކީ އެކި މުނާސަބަތުތައް ފާހަގަކުރުމާއި ރަށަށް އަންނަ މެހްމާނުންގެ ކެއުން ތައްޔާރުކޮށްދިނުމެއް ނޫނެވެ. ރަށް ކުރިއެރުވޭނެ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިވުމުގެ ގާނޫނީ ބާރުވެރިކަން އޮތީ ދީފަ އެވެ. ކުޑަފަރީގެ އަންހެނުންގެ ކޮމިޓީން އަދާމިކުރަނީ އެ ޒިންމާ އެވެ.
އަލަށް އުފަންވި ކުއްޖަކަށް "ހަދިޔާފޮށި" ދެނީ. މިއީ މި ރަށުގެ އަންހެނުންގެ ކޮމިޓީން ގަވާއިދުން ކުރަމުން އަންނަ ކަމެއް. -- ފޮޓޯ| ކައުންސިލް
ރަށާ ކައިރި ރިސޯޓްތަކުން ކައުންސިލްގެ އެހީތެރިކަމާ އެކު ފުރުސަތުތައް މި ރަށުގެ އަންހެނުންނަށް ހޯދައި ދެ އެވެ. މި ނޫން ވެސް އަންހެނުންނަށް ކުރިއެރޭނެ އެކި ކަންކަން ކޮމިޓީގެ ޕްލޭންގައި އެބަހުއްޓެވެ.
މިއީ ކުޑަފަރީގެ ވަރަށް ތާރީޚީ ތަނެކެވެ.
މި ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ކަންކަން ނިންމަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އިންނެވެ. އެކަމަކަށް ހާއްސަ ތަނަކީ "އަންބާގެ" އެވެ. ޒަމާނުއްސުރެ މި ރަށުގެ މުހިއްމު ނިންމުންތައް ނިންމަނީ މިތަނުގަ އެވެ. މި އާދަކާދަ މި ރަށުން ފަނޑުވިޔަ ނުދެ އެވެ. ޒަމާނާ އެއްގޮތަށް އަންބާގެ ބަދަލުކުރަން މިހާރު އަންނަނީ މަރާމާތު ކުރަމުންނެވެ.
އަންބާގެ މަރާމާތު ކުރަނީ.
މިތަނުގައި ގަދަވާނީ ރައްޔިތުންގެ އަޑެވެ. ހިނގާނީ ވެސް ގިނަ ރައްޔިތުންގެ ބާރެވެ. އިންތިހާބުކޮށްފައި އޮތް ކައުންސިލަށް ކުރެވޭނެ ކަމަކީ ނިންމުމަށް ތަބާވުމެވެ.
އަންބާގެ ކުރިއެކޭ އެއްގޮތަށް ހިންގުމުގެ ބޭނުމަކީ ވެސް މި އެވެ.
ތަރައްގީ އާއި ކުރިއެރުމުގެ ހަގީގީ މާނައަކީ ވެށީގެ ރައްކާތެރި ކަމާއި ހިމާޔަތްކުރުން ކަން މި ރަށުން ގަބޫލުކުރެ އެވެ. އިންޖީނުލީ އެއްވެސް އުޅަނދެއް ނުދުއްވާ ރަށަކަށް ހަދަން ކައުންސިލުން މަސައްކަތްތަކެއް ކުރި އެވެ. ގަވާއިދެއް ވެސް ތަންފީޒުކުރި އެވެ. ވިސްނުމަކަށް ވީ ހިނގާފައި 10-15 މިނެޓުން ރަށް ވަށައި ބުރު ޖެހޭ ކުޑަފަރީ ވެހިކަލާ މުޅިން ދުރުވުމެވެ. އާއްމުންނާއި ސްކޫލް ކުދިންނަށް ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރަށް ބައިސްކަލް ހޯދައި ވެސް ދިނެވެ.
ކުޑަފަރީ ރައްޔިތުންނަށް އެ ރަށު ކައުންސިލުން ހޯދައިދީފައިވާ ބައިސްކަލުތައް:-- ފޮޓޯ: ކައުންސިލް
އެކަން އަދި ކާމިޔާބު ނުވެ އެވެ. އެއާއެކު މިއީ ވެހިކަލް ނެތް ރަށަކަށް ވުމުގެ އަޒުމް ދޫކޮށްލީއެއް ނޫނެވެ.
"ވެއްޓާ އެކު އުޅެވޭނެ ކަމަށް ރަށުގެ ގިނަ މީހުން އަދިވެސް ގަބޫލުކުރޭ. ބައިސްކަލް މަދުވި ސަބަބަކީ ސްކޫލް ދެ ޝިފްޓަށް ބަދަލުކުރަން ޖެހުން. ކުދިން ބަލާ ދެ ގަޑިއަކަށް ދާން ޖެހުމާ އެކު ސައިކަލް އިތުރުވި. ފެނާއި ނަރުދަމާ އަޅަން މަގުތައް ކޮނެ ބައިސްކަލްގައި ދަތުރު ކުރެވޭ ވަރަށް ވުރެ މަގުތައް ވެސް އުނދަގޫވުން އެއީ ޗެލެންޖެއް." ޝަމީމް ވިދާޅުވި އެވެ.
ކުޑަފަރީގައި ކުދިންތަކެއް ބައިސްކަލް ދުއްވާފައި ދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތިމާވެށި ހިމާޔަތްކުރުމުގެ ޕްލޭންގެ ދަށުން މި ރަށުގެ މަގު ބައްތިތައް ސޯލާ އަށް ބަދަލުކުރުމުގެ ޕްރޮޖެކްޓެއް ކުރިއަށް އެބަދެ އެވެ. ބޭނުމަކީ ކުޑަފަރީގެ މަގުތައް އަލިކުރަން ޖަހާފައި ހުރި 75 ލައިޓުން އަހަރެއްގެ މައްޗަށް 9.6 މެޓްރިކް ޓަނުގެ ގެނދަބުޅި ޖައްވަށް ބޭރުކުރާތީ އެކަމާ ދުރުވުމެވެ. އާ ނިޒާމަށް ހިޖުރަކުރުމުން އިރުގެ ސާފު ހަކަތަ އިން ރަށް އަލިކޮށް, ހަރަދުކުޑަވެ ވިހަ ގޭސް ޖައްވަށް ބޭރުކުރުން ހުއްޓުވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
މި ރަށުގައި ކުނި ނައްތާލަނީ ވެސް ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށެވެ.
ލޯކަލް ޓޫރިޒަމަށް މި ރަށް ހުޅުވާލަން ބްރޭންޑިންގެ މަސައްކަތް ކުރި އިރު ހޯދި ތާރީހީ ފޮޓޯތަކާއި ދުވަސްވީ މީހުންގެ ހަނދާންތަކާއި އެއްކުރި މައުލޫމާތަށް ބަލާއިރު ވެސް މި ރަށު މީހުން އަބަދުވެސް ކުރިއެރުމަށް ލޯބިކުރެ އެވެ. ކުރިއަށް ނެރެނީ މުޅި މުޖުތަމައަށް ފައިދާ ހުރި ވިސްނުމެވެ. ކާމިޔާބީއަކީ އިހު ޒަމާނުގެ ގޮތަށް ބަދަހި ގުޅުން ކަމަށް ވެސް ގަބޫލުކުރެ އެވެ.
ކައުންސިލްގެ ރައީސް ޝަމީމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތަރައްގީ ގިނަ ފަހަރު މާނަކުރަނީ އުމްރާނީ ކުރިއެރުމަށެވެ. އިންސާނީ ތަރައްގީ އޮންނަނީ އެއްފަރާތްވެފަ އެވެ. މި ރަށުން އިސްކަންދެނީ އިންސާނީ ތަރައްގީއަށެވެ.
"ގިނަ ފަހަރަށް ތަރައްގީ އަމާޒުވާ މީހުންނާ މެދު ވިސްނޭ ގޮތް ކުޑަ. މިސާލަކަށް ކޮމިއުނިޓީގައި އުޅޭ އެންމެން ހިމެނޭ ގޮތަށްތޯ ތަރައްގީ މާނަކުރެވެނީ." ޝަމީމް ވިދާޅުވި އެވެ.
އެ ކޮމިއުނިޓީއެއްގައި ތިބޭ ނުފޫޒު ގަދަ ނުވަތަ އަޑުގަދަ މީހުން ބޭނުންވާ ގޮތަށް އެކަނި ކަންކަން ނިންމުމަކީ ކުރިއެރުމެއް ކަމަށް ކުޑަފަރީން ގަބޫލެއް ނުކުރެ އެވެ. މި ރަށުން ދެކެނީ ރާއްޖޭގައި ކަން ހިނގާ މި އުސޫލް ބަދަލުކުރަން މި ރަށަށް ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.
"މި ރަށުން ގަބޫލުކުރަނީ ރާއްޖޭގެ ކަން ހިނގާ ގޮތާ މެދު އެހެން ވިސްނުމެއް ނެރެވެން މި ރަށަށް އެބައޮތޭ. ދިވެހިން ޒަމާނުއްސުރެ އުޅެމުން އައި ގޮތާ އަހަރެމެންނަށް ދަސްވެފައި ހުރި ކަންކަމުން ތަރައްގީ މާނަކުރުން ވެއްޓާއެކު ދިރިއުޅުން ބަދަލުކުރެވެން އެބައޮތޭ."
ކުޑަފަރީ މަގެއް: މިއީ އަމާން، އެކަކު އަނެކަކަށް އަޅާލާ ރައްޔިތުން ތިބި ރަށެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އިންސާނުންގެ ހުންނަންވީ ރަނގަޅު ސިފަތައް މި ރަށު މީހުންގެ ގިނަވާނެ. އަނެއް މީހާއަކީ ވެސް އިންސާނެއް ކަމަށް ބަލައިގެން އުޅޭނީ."
ކައުންސިލްގެ ރައީސް އެ ދެއްކެވީ ރަނގަޅު ކަންކަން ގިނަ މި ރަށުގެ ހުރިހާ ކަމެއް ކުރުކޮށް އޮތް ގޮތުގެ މިސާލެކެވެ.
ކުޑަފަރީގެ ބޮޑު ވިސްނުން ރާއްޖެ އާއި ބައިނަލްއަގުވާމީ ދުނިޔެއަށް ޕްރޮމޯޓްކުރަން އަހަރަކު އެއް ފަހަރު މި ރަށުގައި ފެސްޓިވަލެއް ވެސް ބާއްވަ އެވެ. މި ފެސްޓިވަލް ބާއްވަނީ ދިވެހިންގެ ދިރިއުޅުމާއި ވެށީގެ ރީތިކަމާއި ހިމާޔަތްކުރަން ހުރި ގޮންޖެހުންތަކުގެ މައްޗަށެވެ.
ބޭރުގެ ގައުމުތައް ނަމޫނާއަކަށް ބަލައިގެން ކަންކަން ކުރުމަށް ވުރެ ރާއްޖޭގެ މުއްސަނދި ސަގާފަތާއި އާދަކާދައާ އެއްގޮތަށް ކުރިއަރަން މި ރަށް ޝައުގުވެރިވެ އެވެ.
"މި ރަށުގެ އެންމެ ބޮޑު ތަފާތަކަށް އަޅުގަނޑު ފާހަގަކުރާނީ ގުޅިގެން އުޅުން, ކޮމިއުނިޓީ ސްޕްރިޓް. ދެރަ އާއި އުފަލުގައި އެއްކޮށް އުޅެވޭތޯ މި ބަލަނީ. މީހެއް ބަލިވެއްޖިއްޔާ ރަށު އެންމެން ގޮވާލަން ދާނެ. މީހަކު މަރުވެއްޖިއްޔާ ހުރިހާ ކަމެއް އެންމެ ހުއްޓާލައި ޖަނާޒާގައި ބައިވެރިވާނެ. މީހަކު ކައިވެނިކޮށްފިއްޔާ އަދިވެސް ރަށު އެންމެން ބައިވެރިވެގެން ކައްކާނީ."
އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި މި ރަށުގެ އާބާދީ ވީ އިތުރެވެ. މާލެއަށް ހިޖުރަކުރަން ބޭނުންވާ މީހުން މަދެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ ރަށުގައި ދިރިއުޅެ ރަނގަޅު މުސްތަގުބަލަކަށް މަސައްކަތް ކުރަން ބޭނުންވާ ބަޔަކު ތިބި ކަމުގެ ސިގްނަލެއް ކަމަށެވެ. މި ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރަން ގެސްޓް ހައުސްތައް ވެސް އިމާރާތް އެބަކުރެ އެވެ.
"މި އަހަރުގެ ސީޒަން އަންނަންވާ އިރަށް 38 ރޫމް އެބަ ފެނޭ ރެޑީކުރާތަން."
ކުޑަފަރި: މި ރަށުން ކުރިއަރުވަނީ ބޮޑު ވިސްނުމެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ރަށް ހުޅުވާލާނީ ބޭރު މީހުންނަށް އެކަންޏެއް ނޫނެވެ. ކައުންސިލްގެ ރައީސް އެދިވަޑައިގަތީ ދިވެހިން ވެސް މި އުފާވެރިކަން އިހްސާސްކުރަން މި ރަށަށް އައުމަށެވެ. މިއަށް ވުރެ ވަކި އުފާވެރި އެހެން ރަށެއް އޮތްތޯ ޔަގީންކޮށްލަން ދިވެހިންނަށް އޭނާ ދެއްވަނީ ޚާއްސަ ދައުވަތެކެވެ.
ޑަބްލިއުޑީސީން ހޯދީ މިރަށު ހުރިހާ އަންހެނުންނަށް ވަޒީފާ
ބަޑި އެއްލާލުމުން އަރުވާލި ހުސޭނު ބޮޑުބެރު ލެޖެންޑަކަށް
ކެނދިކުޅުދޫގެ ހަޒާނާ ތެރެއަށް ވަންނަ ފައުޖު
އިންސާނިއްޔަތުކަމުގައި ދެވަނައެއް ނެތް ހިތެއް
ހައި ދަނޑު: ފިޔޯރީގައި ކުރިލާ ހެދޭ ރަނެއް
ދަރިންނަށް ކިޔަވައިދޭން އެންމެ އުތުރުން ކުޑަހުވަދު އަށް
ކޮކަޑި ކާންދެވިގެން ފަޅު ރަށެއްގައި ދެ ދަރިންގެ މަރު
އާބާދީ ކޮންޓްރޯލްކޮށްގެން ހޯދި ޓީވީން އެހެން މަންޒަރެއް
މައުމޫނަށް އެހީވުމަށް ފަހު ހޯދީ މުރާލި ދިރިއުޅުމެއް
ތުޅާދޫ މީހުން "ތުޅާ"އިން ފެން ނެގި ގޮތުގެ ވާހަކަ