Roadha Mihaaru

ފޮޓޯ ސްޓޯރީ: ކެނދިކުޅުދޫގެ ހަޒާނާ ތެރެއަށް ވަންނަ މިއީ ވަރުގަދަ ފައުޖެއް

ވަލަށް ވަންނަން ކަނޑައަޅާފައި އޮންނަ ގަޑިއަށް އެންމެން ތިބޭނީ ތައްޔާރުވެގެންނެވެ. ކޮންމެ މީހެއްގެ އަތުގައި ބާލިދީއެއް ނުނީ ޓައްޕެއް އޮންނާނެ އެވެ. ބައެއް މީހުން ތިބޭނީ ތޮފި އަޅައި އަތަށް އަންގި ލައްވައި މަސައްކަތާ ވަރަށް ގަޔާވެގެންނެވެ. ގަޑި ޖެހުމާ އެކު އެންމެން އެކުގައި ދުއްވައިގަނެ އެވެ.

ކެނދިކުޅުދޫގެ ހަޒާނާ ތެރެއަށް ވަންނަ ފައުޖު
ފަޔާޒް މޫސާ
ނ. ކެނދިކުޅުދޫން ފަޔާޒް މޫސާ

27 މާޗް 2025

ވަލަށް ވަންނަން ކަނޑައަޅާފައި އޮންނަ ގަޑިއަށް އެންމެން ތިބޭނީ ތައްޔާރުވެގެންނެވެ. ކޮންމެ މީހެއްގެ އަތުގައި ބާލިދީއެއް ނުނީ ޓައްޕެއް އޮންނާނެ އެވެ. ބައެއް މީހުން ތިބޭނީ ތޮފި އަޅައި އަތަށް އަންގި ލައްވައި މަސައްކަތާ ވަރަށް ގަޔާވެގެންނެވެ. ގަޑި ޖެހުމާ އެކު އެންމެން އެކުގައި ދުއްވައިގަނެ އެވެ.

އަލަށް މި މަންޒަރު ފެންނަ މީހަކު އެ މީހުން ކުރަން އުޅޭ ކަމަކާ މެދު ހައިރާންވެދާނެ އެވެ. ހަޒާނާއެއް ހޮވަން ދުއްވައިގަންނީ ވެސް ހީވެދާނެ އެވެ. ކަވި މަސައްކަތަކަށް ވިޔަސް ލިބޭ އާމްދަނީއަށް ބަލާއިރު އެ މީހުން ދުއްވައިގަންނަނީ ހަޒާނާއެއް ފަހައޭ ވެސް ބުނެވިދާނެ އެވެ.

ގަޑިއިރަކުން މީހަކަށް ހާހެއްހާ ރުފިޔާ ވެސް ވަލު ތެރެއިން ހޮވިދާނެ އެވެ. އޮއްކެޔޮ ހޮވައިގެން އަވީލައި ފަޅައިގެން ވިއްކާ ކަނަމަދުގެ އަގު ހުންނަނީ ރަނުގަ އެވެ.

ބައެއް ރަށްތަކެކޭ އެއްގޮތަށް މިއީ ޒަމާނުއްސުރެން ކެނދިކުޅުދޫގައި އޮއްކެޔޮ ހޮވާ ގޮތެވެ.

ވަލަށް ވަދެވުމާ އެކު އެ މީހަކާ އެ މީހެކެވެ. އަތް އަވަސްކޮށްލާފައި ކޮންމެ މީހަކު ވެސް ބަލަނީ ބާލިދީ ފުރާލުމަށެވެ. އެ މީހުންނަށް މިކަމަކީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ.

ކެނދިކުޅުދޫގައި ބޮޑު ސަރަހައްދަކީ ވާ ހެދިފައި އޮތަސް ކައުންސިލްގެ ހުއްދައާ އެކު ނޫނީ އެއްވެސް އެއްޗެއް ނުގެންދެވޭނެ އެވެ. ރަށު އެންމެން މި އުސޫލަށް ތަބާވެ އެވެ. ބޭނުމަކީ އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމްކޮށްފައި ބޭއްވުމެވެ.

ވަލަށް ވަދެ އޮއްކެޔޮ ހޮވައިގެން ގިނަ މީހުން ރަނގަޅު އާމްދަނީއެއް ހޯދަ އެވެ. ކަނަމަދު ކިލޯއެއް 600ރ އަށް ވިއްކެ އެވެ.

މިކަން ކުރަން ފެށި ހަނދާނެއް ނުހުންނަ މީހުން ވެސް އެބަތިއްބެވެ. އޮއްކެޔޮ ހޮވުމަކީ މި މީހުންގެ ދިރިއުޅުމުގެ އެއް ބައެ އެވެ.

އޮއްކެޔޮ ފަޅަން ފަށާނީ ހޮވައިގެން އައިސް އަވީލުމަށް ފަހު އެވެ. ފަހަރަކު އެއްޗެއް ފަޅައި އެތެރޭގައި އިންނަ މަދު ނެގުމަކީ ކެތްތެރި މީހަކަށް ނޫނީ ނުކުރެވެނޭ ކަވި ކަމެކެވެ.

އާމްދަނީ ހޯދުމުގެ އިތުރަށް އޮއްކެޔޮ ހޮވުން ގުޅިފައި އޮތީ މި ރަށުގެ އާދަކާދައާ އެވެ. އަދި އޮއްކެޔޮ ހޮވުމުގައި މި ރަށުގެ ފައުޖު ވަރުބައްޔެއް ނުވާނެއެވެ. މި މަސައްކަތުގައި މިއީ ކުޅަދާނަ މުރާލި ބައެކެވެ.